އަހުމަދު މަސްނޫމް   7 ސެޕްޓެމްބަރު 2021 - 3:57
ގައުމީ ހިދުމަތުގައި އަންހެނުން ކުރާ މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން ދޭ ރެހެންދި އެވޯޑް 14 ކަނބަލަކަށް މިރޭ ސަރުކާރުން ދީފިއެވެ.

މިރޭ އޮތް ރަސްމިއްޔާތުގައި 2020 އަދި 2021 ވަނަ އަހަރު އެވޯޑް ލިބުނު ފަރާތްތަކަށް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. 2020 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިފައިވަނީ ފާތިމަތު އިބްރާހިމް އާއި މަރިޔަމް ޝުނާނާ އާއި އައިޝަތު ހުސައިން މަނިކު އަދި އަމީނާ ނައީމުގެ އިތުރުން ހައްވާ ލަތީފާ އާއި މިންހާ ފާއިޒު އަދި ޝިފްޒާ މުސްތަފާ އަށެވެ.

މި އަހަރު އެވޯޑް ލިބިފައިވަނީ އަހުމީމާ ލުތުފީ އާއި އައިމިނަތު ޝާހާ ހާޝިމް އާއި ޒީނިއާ އަހުމަދު ހަމީދު އާއި ނާދިޔާ އަބްދުލްޣަފޫރު އާއި ހައްވާ ރާމިޒާ އާއި ސާޖަންޓް ފަސްޓް ކްލާސް ނަސްރީނާ ހަސަން އާއި ޝިޔާމާ އަހުމަދު އަދި ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަަސައްކަތް ކުރާ ކޮމެޓީ އަށެވެ.

ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހަންމަދު ސާލިޙާއި އެމަނިކުފާނުގެ އަނބިކަބަލުން ފަސްޓްލޭޑީ ފަޒުނާ އަހުމަދެވެ.

ސަރުކާރުން ބުނީ ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުންނަށް ބާރު އަޅާ، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުން ފާހަގަ ކުރުން ކަމަށެވެ. އަދި ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމާއި އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފް ކޮށް އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރެހެންދި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު