ރާއްޖޭގައި އުޅޭ ބައެއް ދަންނަ ބޭކަލުން މަސައްކަތްކުރަނީ ސިޔާސީގޮތުން ފިތުނަ އުފައްދަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައި މިވަނީ ދީނީ ކަންކަމާއި ގުޅޭ ބަހުސްތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ބައެއް ގްރޭޑްތަކުގެ ގުރުއާނާ ފޮތްތަކުގައި ހުރި މައްސަލަވެސް ސިޔާސީ ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރީކޯ މޫސަ މިއަދު ވިދާޅުވީ ‏އިސްލާމްދީނުގެ ރިވެތި ގޮތް މީސްތަކުންނަށް އުނގަންނައިދޭން ތިބޭ އިލްމުވެރިން ވާންވާނީ ރިވެތި އަޚްލާޤާއި ބަސްމަގާ ސުލޫކު ހިފަހައްޓައި ބަޔަކަށްކަމަށެވެ. އަދި އާދައިގެ ސިޔާސީ މީހުންނަށް ނުވަތަ ދީނުގެ ތަންދޮރު ނޭނގޭ މީހުންނާއި އެއް ފެންވަރުގައި މީހުންނަށް ބަވާ ތިމާގެ ގަދަކަން ދައްކަން އުޅޭބަޔަކަށް އެމީހުން ވެގެންނުވާނެކަމަށްވެސް މޫސަ ވިދާޅުވިއެވެ.



މޫސަ ވިދާޅުވީ ‏މިފަހަކަށް އައިސް އުޅޭ ބައެއް ދަންނަ ބޭކަލުން މީހުންނަށް އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައި ދިނުމަށްވުރެ ބޮޑަށް މަސައްކަތްކުރަނީ ސިޔާސީ ގޮތުން ފިތުނަ އުފައްދަންކަމަށެވެ.

"އެކަކު އަނެކަކަށް އަރުވާ ޖަހާފަ މި ބަވަނީ މީވެސް އިސްލާމްދީނުގެ ރިވެތި އަޚުލާޤުކަމަށް މިމީހުނަށް ހީވަނީބާވައޭ ހިތަށް އެބައަރާ." މޫސަ ވިދާޅުވިއެވެ.



ރާއްޖޭގައި އުޅޭ ބައެއް ދަންނަ ބޭކަލުން ސިޔާސީ ގޮތުން ފިތުނަ އުފައްދާކަމަށް މޫސަ ވިދާޅުވިއިރު، ބައެއް ދީނީ އިލްމުވެރިންވެސް މިކަން ފާހަގަކުރައްވައެވެ. އެގޮތުން ބައެއް ދީނީ އިލްމުވެރިން ދީނުގެ ކަންކަން އޮޅުންފިލުވައިދިނުމުގައި ފެއިލްވެ، ސިޔާސީ މަސައްކަތުގައި މާބޮޑަށް ހަރަކާތްތެރިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު