ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް މިމަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހްމަދު ވިދާޅުވީ ބަސް ސްޓޮޕްތައް ތަރައްޤީކޮށް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތައް ކައިރީގައި ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭނެގޮތަށް 2 ބަސް ސްޓޮޕް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސުހައިލު ވިދާޅުވިއެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި މިމަހުގެ މެދުތެރެއާ ހަމައަށް، ބަސް ސްޓޮޕްތަކުން ޚިދުމަތް ފެށޭވަރަށް ބަސް ސްޓޮޕްތަކުގެ މަސައްކަތް ނިމޭނެއެވެ.



އާއްމު ބަހުގެ އިތުރުން ހިޔާ ފްލެޓަށް ގިނަ އަދަދެއްގެ ކިޔަވާ ކުދިން ބަދަލުވާއިރު އެދަރިވަރުން ސްކޫލަށް ގެންދިޔުމަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަތުރުތަކަށް އެދޭ ކުދިންނަށް އެކަމަށް އެދި ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށާއި ފުރަތަމަ ފިޔަވަހިން މާލެއަށް އަދި މާލެއިން ހުޅުމާލޭގެ ސްކޫލުތަކަށް ދާން ޖެހޭ ދަރިވަރުންނަށް ވެސް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، ގިނަ ފްލެޓްތަކުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަދަދަކީ 7،000 ކަމުގައި ރައީސް ޔާމީންގެ ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް ފްލެޓް ތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް މި ސަރުކާރުން ހާއްސަ ކުރުމުން އެ އަދަދު ވަނީ 6،720 އަށް ކުޑަވެފައެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްކުރަމުންދާއިރު، އެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޑިސެމްބަރުމަހުން ފެށިގެންކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު