ރާއްޖޭގައި ކާން ބޯން ނުލިބޭ ނިކަމެތިންނަށް އެހީވާނެ ސަރުކާރުގެ އައުޓްލެޓެއް ހުންނަންޖެހޭ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ބިލުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ ފިކުރާ ވިސްނުން ދޫކޮށް އެބިލުން ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަމާ ކާބޯތަކެތި ލިބޭކަން ކަށަވަރު ކޮށްދޭންޖެހޭނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ކާބޯތަކެތި ރައްކާތެރިކަމާއި އެތަކެތި ތައްޔާރުކުރާއިރު ހުންނަންޖެހޭ ރައްކާތެރިކަމާއި އެއްވަރަށް ކާބޯތަކެތީގެ ފުރިހަމަ ސްޓޯރޭޖެއް އެންމެ ނިކަމެތި މީހާއަށް ލިބޭގޮތަށް ބިލް ފަރުމާ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ނިކަމެތިންގެ ގޮތުގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން އުޅޭ މީހުން ވެސް ދިރިއުޅެމުންދާ ކަމަށެވެ. ރާއްޖޭގެ ފުދުންތެރިކަމަށް ބަލާއިރު އެފަދަ ފަރާތްތަކަށް މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދޮރުތަކެއް އެބިލްގެ ބަހުސްގެ މަރުހަލާގެ ތެރެއިން ހޯދަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ނިކަމެތިވެ ހާލުގައި ޖެހި އެހެން އެއްވެސް ގޮތެއް ނެތިގެން ކައިބޮއި އުޅުމުގައި ގޮނޑު ހޮވައިގެން މަސައްކަތް ކުރާ މީހުންނަށް ނިޒާމީ ގޮތެއްގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ކޮންމެވެސް ހިސާބެއްގައި އެކަމަށްޓަކައި ޚަރަދުކުރާ ސަރުކާރުން ފަންޑުކުރާ ތަނެއް ހުރެގެން ހަމައެކަނި އެ ފަރާތްތަކަށް ކާބޯތަކެތި ލިބޭނެ ގޮތަކަށް އައުޓްލެޓެެއް ތައްޔާރުކޮށްގެން އެގޮތަށް ކާންބޯންދެވޭނެ ނިޒާމެއް ތައްޔާރުކުރެވުނީމަ ނިކަމެތި މީހާ އަށް އަޅުގަނޑުމެންނަށް ބިލުން ފައިދާ ކުރާނެ ގޮތަކަށް އެ މަސައްކަތް ކުރެވޭނީ." އާދަމް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު