ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ބޭންކް ހުޅުވުމުގެ ލައިސަންސް ހޯދުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގައި އެދެފިއެވެ.

އެސްޓީއޯއިން ބުނީ ތިން މަސްދުވަހުގެ ތެރޭގައި ބޭންކިންގ ލައިސަންސް ލިބޭނެކަމަށް އެމްއެމްއޭއިން ބުނެފައިވާކަމަށެވެ. އަދި ބޭންކިންގ ލައިސަންސް ލިބުމާއެކީގައި ދެން ހުރި ހުރިހާ މަސައްކަތެއް ފެށިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑިޖިޓަލް ބޭންކިންގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމު ކަމަށްވާ ފިންލޭންޑުގެ ކުންފުންޏަކާ ގުޅިގެން އެސްޓީއޯއިން ހުޅުވާ މި ޑިޖިޓަލް ބޭންކް ހުޅުވުމަށް އެކުންފުނިން ކުރިން ރާވާފައި އޮތީ 2021 ވަނަ އަހަރުގެ މާޗު މަހުއެވެ. ނަމަވެސް ކޮވިޑާއެކު އައި ލޮކްކްޑައުންތަކާ ގުޅިގެން އެ މަސައްކަތަށްވެސް ވަނީ ލަސްކަމެއް އައިސްފައެވެ.



އެސްޓީއޯއިން ހުޅުވާ ޑިޖިޓަލް ބޭންކުގައި އެކައުންޓް ހުޅުވުމާއި ފައިސާގެ މުއާމަލާތްތަކުގައި ބޭނުންކުރާ ކާޑު ހަދައިދިނުން ފަދަ ބޭންކުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލްކޮށް ކުރެވޭއިރު ފަހަށް ފައިސާ ރައްކާކުރުމުގެ ކަސްޓަމައިޒް ޕްލޭންތައްވެސް އަމިއްލަޔަށް ތައްޔާރުކޮށްލެވޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

ބޭންކުގެ ޚިދުމަތް ފެށިގެންދާނީ އެމްއެމްއޭއިން ދޫކުރާ ލައިސަންސްގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންވެސް ހުއްދަ ލިބިގެންނެވެ.

އެސްޓީއޯގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު އެސްޓީއޯއިން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކޮށް ފައިދާ އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު