ށ. ފުނަދޫ އެއަރޕޯޓުގައި ރޭގަނޑު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ށ. މިލަންދޫގައި މިނީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއެކު މިއަދު މެންދުރުފަހު ށ. ފުނަދޫގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރުމުގައި، ށ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުންނާއި، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅުގެ ފަޅުރަށްތައް ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި، އަތޮޅުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެގޮތުން ބޭނުންވާ ކަންކަމާއި، ށ. އަތޮޅު ހޮސްޕިޓަލްގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، ށ. އަތޮޅުގެ ތަޢުލީމީ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، އަތޮޅު ކައުންސިލްގެ އޮފީހުގެ ޢިމާރާތުގެ ޖާގައިގެ ދަތިކަމާއި ގުޅޭގޮތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލްގެ މެންބަރުން ފާހަގަކުރެއްވި ކަންކަމާއި ސަރުކާރުން ށ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ށ. ބިލެތްފަހި އެއަރޕޯޓް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހާރު ވަނީ ބިޑް ހުށަހަޅާފައެވެ. އަދި ށ. ފުނަދޫ އެއަރޕޯޓުގައި ރޭގަނޑު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި، ށ. މިލަންދޫގައި މިނީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ތަރައްޤީގެ މަޝްރޫޢުތައް އަތޮޅުގައި އަވަހަށް ހިންގުމަށް މަގުފަހިވާނެކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު