އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމުގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދު ﷲ ޝާހިދު އޮސްޓްރިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެގޮތުން އޮސްޓްރިއާގެ ޗާންސެލަރ ސެބާސްޓިއަން ކަރޒް އާއި ބައްދަލުކުރައްވައި، އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި މިނިސްޓަރ ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އެމަނިކުފާނަށް އެރުވިއެވެ. އަދި އޮސްޓްރިއާއިން ސްޕީކަރސް ސަމިޓާއި، ވިމެން ސްޕީކަރސް ސަމިޓް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެއްވީތީ އެކަމަށްވެސް މިނިސްޓަރ ޝާހިދު މަރުޙަބާ ވިދާޅުވިއެވެ.

އޮސްޓްރިއާގެ ފޮރިން މިނިސްޓަރ އެލެގްޒެންޑަރ ޝެލެންބަރގާއިވެސް އިއްޔެ މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު، އޮސްޓްރިއާއަކީ މަލްޓިލޭޓަރަލިޒަމަށް ޒަމާނުއްސުރެ ތާއީދުކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެގައުމުގެ ފުރިހަމަ އެއްބާރުލުން އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތަށް" ލިބޭނެކަމުގެ ޔަޤީންކަން އޮސްޓްރިއާއިން ދެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޮސްޓްރިއާގެ ދިފާޢީ ވުޒާރާއަށް ޒިޔާރަތްކުރައްވައި، ދިފާޢީ ވަޒީރު ކްލައުޑިއާ ޓެނަރއާއި މިނިސްޓަރ ޝާހިދު ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތުގައި އޮސްޓްރިއާގެ ޑިފެންސް މިނިސްޓްރީން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ބައިނަލްއަޤްވާމީ ސުލްހަ ދެމެހެއްޓުމަށް، ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އޮސްޓްރިއާއިން ދޭ އެއްބާރުލުން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ވިއެނާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ވިއެނާގައި ހުންނަ އދގެ މަރުކަޒުގެ އިސްވެރިންނާ، އަދި ވިއެނާގައި މައި އޮފީސް ޤާއިމްކޮށްފައިވާ އދގެ އިދާރާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު