ދީނީ ތޮފި އެޅުމުން ހަރާމް ކަންތައް ހަލާލުވަނީތޯއޭ ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންގެ ޕާޓީއެއްކަމަށް ދައުވާކުރާ އަދާލަތު ޕާޓީގެ ބޭފުޅެއްކަމަށްވާ، އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ގުޅޭގޮތުން ވަރަށް ގިނަ ތުހުމަތުތައް ބަޔަކު ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އަލީ ޒާހިރު ޝަރީއަތަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ބައެއް ފަނޑިޔާރުން ވަނީ ސިއްރާއި ފާޅުގައި އެވާހަކަ ދައްކަވާފައެވެ.

ފަނޑިޔާރުންނާއި ގުޅޭ އޯޑިއޯތަކާއި ގުޅިގެން ޑރ. ޖަމީލު ވަނީ، ‏ގޯސްވަނީ ލީކުކޮށްލި މީހާތޯ ނޫނީ ލީކުވި އެއްޗެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. މީގެއިތުރުން އެހެން ސުވާލުތަކެއްވެސް ޖަމީލު ކުރައްވާފައިވެއެވެ. އެގޮތުން މިހިނގާ ހުރިހާ ކަމެއް ލީކު ނުވާނެ ކަމަށް ޤަބޫލްކުރަންވީތޯއާއި، ދީނީ ތޮފި އެޅުމުން ހަރާމް ކަންތައް ހަލާލްވަނީތޯވެސް ޖަމީލު އައްސަވާފައިވެއެވެ. އަދި ދީނީ މީހުން ކުށެއް ނުކުރާނެ ކަމުގެ ސަނަދު ދެނީ ނުވަތަ ދޭން ފަށާފައިވަނީ ކޮން ޔުނިވަރސިޓީއަކުންތޯވެސް ޖަމީލު އައްސަވާފައިވެއެވެ.

"‏ގޯސްވަނީ ލީކުކޮށްލި މީހާތޯ؟ ނޫނީ ލީކުވި އެއްޗެއް؟ މިހިނގާ ހުރިހާ ކަމެއް ލީކު ނުވާނެ ކަމަށް ޤަބޫލްކުރަންވީތޯ؟ ދީނީ ތޮފި އެޅުމުން ހަރާމް ކަންތައް ހަލާލްވަނީތޯ؟ ދީނީމީހުން ކުށެއް ނުކުރާނެ ކަމުގެ ސަނަދު ދެނީ ނުވަތަ ދޭންފަށާފަވަނީ ކޮން ޔުނިވަރސިޓީއަކުންތޯ؟" ޖަމީލުގެ ވިދާޅުވިއެވެ.

ޑރ. ޖަމީލު ނުސީދާކޮށް އަލީ ޒާހިރަށް ފާޑު ވިދާޅުވެފައިވާއިރު، އިދިކޮޅާއި ސަރުކާރުގެ އެމްޑީޕީގެ ފެކްޝަނުގެ ގިނަ ބަޔަކުވެސް ދަނީ އަލީ ޒާހިރަށް ފާޑު ކިޔަމުންނެވެ. ނަމަވެސް އަލީ ޒާހިރު ވަނީ އޭނާއާ މެދު ކުރާ ތުހުމަތުތައް ދޮގުކުރަށްވާފައެވެ. އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އެއްވެސް މަސައްކަތެއް ކުރަށްވާފައި ނުވާނެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އެކަން ޔަގީން ކޮށްދިނުމަށް މަތިމައްޗަށް ހަތް ހުވާވެސް ކުރަށްވާނެ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު