ޤައުމުތަކުގެ ޙާލަތު މިހާރަށްވުރެ ރަނގަޅު ހަރުފަތަކަށް ގެންދިއުމަށް، އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން މައިގަނޑު 5 ދާއިރާއަކަށް އިސްކަންދެއްވާނެކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ އިންޓަރ ޕާލިމެންޓް ޔޫނިއަން(އައިޕީޔޫ)ގެ "ވޯލްޑް ކޮންފަރެންސް އޮފް ސްޕީކަރސް އޮފް ޕަރލިމެންޓް"ގައި ވާހަކަފުޅުއްދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ތަންކަމަށާއި އަދި ޤައުމުގެ ޙާލަތު ރަނގަޅު ހަރުފަތަކަށް ގެންދިއުމުގައިވެސް އެންމެ ބޮޑު މަސައްކަތެއް ކުރާ ތަނަކީ ޤާނޫނު ހަދާ މަޖިލިސްކަމަށެވެ.

ޝާހިދު ވިދާޅުވީ ޤައުމަތުގެ ޙާލަތު ރަނގަޅުކުރެވޭނީ އެއް ޤައުމު އަނެއްގަޢުމަށް އެހީތެރިކަންދީ ގުޅިގެންކުރާ މަސައްކަތުންކަމަށެވެ. އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ރައީސްގެ ޙައިސިއްޔަތުން މަސައްކަތްކުރެއްވުމުގައިވެސް އެންމެ އިސްކަން ދެއްވާނެ ކަންކަމުގެ ތެރޭގައި ޤައުމުތަކުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ "ފައިވް ރޭސް އޮފް ހޯޕް"ގައި ވަނީ، މިދައުރުގައި ޙާސިލްކުރައްވަން ބޭނުންފުޅުވާ 5 ކަމެއް ހިމަނުއްވާފައެވެ.



އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ވަނީ ކޯވިޑުގެ ޙާލަތުން އަރައިގަތުމަށް ޤައުމުތައް އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ވަނީ ކޯވިޑްގެ ސަބަބުން ޢާއްމު ދިރިއުޅުމަށް ކުރި އަސަރުތައް ދެނެގަނެ އެއަސަރުތައް ކުޑަކުރުމަށްޓަކާ ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމަށް ކުރިއަށްއޮތްތާނގައި މަސައްކަތް ކުރުމެވެ.

ޝާހިދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ، ކަނޑުތަކާ ތިމާވެށި ޙިމާޔަތްކުރުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރައްވާނެކަމަށެވެ. އަދި އިންސާނީ ޙައްގުތައް ޙިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރައްވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. މި މައްސަލަތަކަށް ޙައްލު ހޯދުމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ޝާހިދު ކުރައްވާ މަސައްކަތްޕުޅުތަކުގައި ޤައުމުތައް ގުޅިގެން ބައިވެރިވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ފަހުކަމެއްގެގޮތުން ޤައުމުތައް އެކަތިގަނޑަކަށްވެ މަސައްކަތްކުރުމަށް ޝާހިދު އެދިވަޑައިގެންނެވިއެވެ. އަދި ޤައުމުތަކުގެ ގުޅުން ބަދަހިކުރުމާއި ކަންކަމުގައި މަޝްވަރާކޮށްގެން ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމަށް ޝާހިދު ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު