އިދިކޮޅު ކޯލިޝަނުން އެއްވެސް އިރެެއްގައި ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ނުވާނެކަމަށާއި، އެކަން ނުވެސް ކުރާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާކުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ، އިދިކޮޅުން ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުން ރާއްޖެ ސަލާމަތްކުރުމުގެ އެންމެ ބޮޑު ބާރެއް އޮތީ ކޯޓުތަކުގައިކަމަށެވެ. އަދިކޯޓުތަކުން ނިންމާ ނިންމުމެއްގެ ސަބަބުން ދިވެހިންގެ އަތުން ރާއްޖެ ބީވެގެން ދިއުމަކީ ވެސް ވެދާނޭ ކަމެއްކަމަށާއި އެއީ އެ ކޯލިޝަނުން ދުވަހަކުވެސް އެދޭނެ ގޮތެއް ނޫންކަމަށް އަދުރޭ ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޯޓުތަކަށް ނުފޫޒު ފޯރުވަން ދައްކަވާ ވާހަކައެއް ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކައިގައި ވަނީ އިދިކޮޅުން ކޯޓުތަކަށް ނުފޫޒު ފޯޯރުވަން މަސައްކަތްކުރާކަމަށް ބުނެ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދެއްކެވި ވާހަކައަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާކަމަށާއި، ޕީޕީއެމްގެ ވެރިކަމުގައިވެސް ކޯޓުތަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކޯޓުތަކަކަށް އަޅުގަނޑުމެން ނުފޫޒެއް ނުފޯރުވާނެ. އެއީ އަޅުގަނޑުމެންގެ ވެރިކަމުގައި ވެސް ކުރިކަމެއް ނޫން. މިއަދު ވެސް ކުރަން ބޭނުންވާ ކަމެއް ނޫން." ވެރިކަމުގައި ތިބިއިރު ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ ފަނޑިޔާރުން ހައްޔަރުކުރި ކަމަށް ގިނަ ބަޔަކު ދައްކާ ވާހަކަތަކަށް ރިއާޔަތް ކުރަށްވައި އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން އެއްވެސް އިރެެއްގައި ކޯޓުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ނުވާނެކަމަށާއި، އެކަން ނުވެސް ކުރާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާކުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވިއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ކޯޓުތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވިކަމަށް އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މިހާރު ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އިދިކޮޅުން އެންމެ ބޮޑަށް ކުރަމުން ގެންދާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދާދިފަހުން ވެސް ވަނީ، ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ކަމަށް އިދިކޮޅުން އޭރު ދެއްކި ވާހަކަ ތަކުރާރު ކުރަށްވައި އިދިކޮޅަށް ރައްދުވެސް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު