އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ހުށަހެޅި ގޮތަށް އަތޮޅު ކައުންސިލްތަކުގެ ނާއިބް ރައީސުންގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުން ފާސްކުރީ 41 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަތޮޅު ކައުންސިލްތަކުގެ ނާއިބް ރައީސުންގެ މުސާރަ ބޮޑުކުރުމަށް ނިންމީ، އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި ޢައްޔަންކުރާ ފަރާތަށާއި އަދި އަތޮޅު ކައުންސިލްގެ ޢާންމު މެންބަރުންގެ ގޮތުގައި ތިބޭ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތުގައި ފަރަޤެއް ނެތުމުންނެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ނާއިބުންނަށާއި، މެންބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެނީ 20000 ރުފިޔާއެވެ.

އަލަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަމަށް ހޮވޭ ބޭފުޅަކަށް 1000 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ. މިއާއެކު އަތޮޅު ކައުންސިލްގެ ނާއިބުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 21000 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްގެ ރައީސުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބެނީ 28000 ރުފިޔާއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ އޮނިގަނޑަށް މިހާރު އައިސްފައިވާ ބަދަލުގެ ސަބަބުން މުސާރައާއި ޢިނާޔަތުގެ ގޮތުގައި މަހަކަށް 13.5 މިލިއަން ރުފިޔާ އަދި އަހަރަކަށް 162 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މަޖިލީހުން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު