ސަލްމަން މިސްކިތް- ރާއްޖޭގައި ޖަމާއަތް ހެދުން މަނާކޮށްފައިވީނަމަވެސް ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގައި މިހާރުވަނީ ސިއްހީ އިރުޝާދުތަކާއި އެއްގޮތަށް ސަފު ހަދައިގެން ނަމާދުކުރަން ފަށާފައި
ސަލްމަން މިސްކިތް- ރާއްޖޭގައި ޖަމާއަތް ހެދުން މަނާކޮށްފައިވީނަމަވެސް ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކުގައި މިހާރުވަނީ ސިއްހީ އިރުޝާދުތަކާއި އެއްގޮތަށް ސަފު ހަދައިގެން ނަމާދުކުރަން ފަށާފައި
ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދު ޖަމާޢަތުގައި ނުކުރުމަށް ހަމަޖައްސާފައި އޮތް މުއްދަތު އިސްލާމިކް މިނިސްޓްރީން އިތުރު 14 ދުވަހަށް އިތުރުކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ނުކުރާގޮތަށް ނިންމާފައި އޮތްއޮތުން މިމަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ.

މިގޮތަށް އަންގާފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމީ އެހެން ބައެއް ޤައުމުތަކެކޭ އެއްފަދައިން މާލެއާއި، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގަައި ހުކުރުނަމާދާއި، ފަރުޟު ނަމާދުތައް ޖަމާޢަތުގައި ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ފުރަތަމަ އަންގާފައިވަނީ މިދިޔަ މާޗްމަހުގެ 18 ވަނަ ދުވަހުންފެށިގެންނެވެ.

ނަމަވެސް ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ބަދަލުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ބަދަލުވުމާއެކު މާލެއާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލަން އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ، 28 މެއިގެ ނިޔަލަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީޙް ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާކަމަށާއި، އެގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް އަންގާފައެވެ. އަދި މިޙާލަތުގައިވެސް މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން 2 ފަހަރު ގޮވުމަށް އިމާމުންނަށްވަނީ އަންގާފައެވެ.

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފާ، ފުރިހަމައަށް ﷲއަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ތިމަންނަ

15-May-2020

ކުދިންނޭ ހީވަނީ މި ބަލި މިރާއްޖެއިން އަދި ކޮންޓްރޯލެއް ނުކުރެވޭނެހެން , ސަރުކާރުން ބޮޑެތި ޚަރަދުތައް ކޮށްގެން ކަރަންޓީނު ނުކޮށް ,, ފަރުވާއާއި ގުޅޭ ތަކެތި ހޯދާ , ރައްކާތެރިކަން " ދަޓްމެން ދަޓްމެން " އުސޫލަށް ދޫކޮށްލާށެވެ.



ޓްރެންޑިން