ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ މައްޗަށް ކުރަނީ ހެއްކެއް ނެތް ދޮގު ތުހުމަތެއްކަމަށް އޭނާ ބުނާބުނުން އަނެއްކާވެސް ތަކުރާރުކޮށްފިއެވެ.

ރާޖް ކުންދްރާ ހައްޔަރުކޮށްފައިވަނީ ބަރަހަނާ ފިލްމު އުފައްދައި، އެފަދަ ފިލްމުތައް ދައުރުކުރަމުން ގެންދާ ކަމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުއެވެ.

މިކަމާ ބެހޭގޮތުން އިންޑިއާގެ ފުލުހުން އާންމުކޮށްފައިވާ ލިއުމެއްގައި، ރާޖް ކުންދްރާ ހައްޔަރުކޮށްފައިވަނީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ތަހުގީގުކުރަމުންދާ، ބަރަހަނާ ފިލްމު އުފައްދައި، މޯބައިލް އެޕް މެދުވެރިކޮށް އެފަދަ ފިލްމުތައް ހިއްސާކުރަމުންދާކަމުގެ ތުހުމަތަކާއި ގުޅިގެން ކަމަށް ހާމަކޮށްފައިވެއެވެ. އަދި އޭނާ ހައްޔަރު ކުރީ އޭނާއާއި ދެކޮޅަށް ހެކި ލިބިގެންކަމަށްވެސް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ރާޖް ކުންދްރާ ބުނަނީ އޭނާގެ މައްޗަށް ކުރަނީ ހެއްކެއް ނެތް ދޮގު ތުހުމަތެއްކަމަށެވެ. އަދި ފުލުހުން އެބުނާ އޮންލައިން އެޕްލިކޭޝަނަކީ، އެ އެޕް ބޭނުން ކުރާ ކޮންމެ މީހަކަށްވެސް މިނިވަންކަމާއެކު ބޭނުން ވައްތަރެއްގެ ވީޑިއޯއެއް އާންމު ކުރެވޭނެ އެޕެއްކަމަށް ރާޖް ކުންދްރާ ބުނެފައިވެއެވެ. އަދި އެޕުގައި ހިއްސާކުރާ ވީޑިއޯ ތަކަކީ ރާޖް ކުންދްރާގެ ހައްގެއްކަން އެނގެން ނެތްކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މިގޮތުން މިހާރު ރާޖް ކުންދްރާ ވަނީ ކަފާލާތުގެ ދަށުން ޖަލު ބަންދުން ދޫކޮށްދިނުމަށް މުމްބާއީގެ ކޯޓުގައި އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން