މާލޭގައިހިންގާ ސަރުކާރުގެ ސްކޫލް ތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި ހުރިހާ މަރުހަލާއެއްގެ ކުދިންނަށް ކިޔަވައިދޭ އަމީނިއްޔާ ސްކޫލް (ރަސް ފޮޓޯ-ޝާން)
މާލޭގައިހިންގާ ސަރުކާރުގެ ސްކޫލް ތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި ހުރިހާ މަރުހަލާއެއްގެ ކުދިންނަށް ކިޔަވައިދޭ އަމީނިއްޔާ ސްކޫލް (ރަސް ފޮޓޯ-ޝާން)
ކޯވިޑް-19 ގެ ސަބަބުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ހާލުގައި ޖެހިފައިވާ ދަރިވަރުންނަށް ފައިސާގެ އެހީ ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެކަމާ ގުޅިގެން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައި ވަނީ ދިވެހިރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލު ކުރަމުން ދާ ދަރިވަރުންނަށް ފައިސާގެ އެހީ ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ދަރިވަރުންނަށް ކަމަށެވެ.

އެގޮތުން ދަރިވަރު ކިޔަވަމުންދާ ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ވުމާއި، އެ ކޯހަކީ ޕްރެކްޓިސް ކުރުމަށް ލައިސެންސެއް ދޭ ކޯހެއް ނަމަ، ކަމާބެހޭ އިދާރާއިން ޤަބޫލުކުރާ ކޯހެއްކަމުގައި ވާން ޖެހެއެވެ.

އަދި ދަރިވަރު ފުރިހަމަ ކުރަމުންދާ ކޯހުގެ ހަރަދުތައް ހަމަޖައްސަމުން ދިޔައީ ސްޕޮންސަރެއްގެ އެހީއާއެކު ކަމުގައިވެފައި، ދަރިވަރަށް މާލީ އެހީދެމުންދިޔަ ފަރާތް ނުވަތަ ސްޕޮންސަރު ދެމުން ގެންދިޔަ ފަރާތުން މާލީ އެހީގެ މިންވަރު މަދުކޮށްފައިވުންވެސް އެހީދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި ހިމެނިފައިވެއެވެ.

މީގެ އިތުރުން 1 މޭ 2020 ގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރަކަށް ވުމާއި، ދަރިވަރު ކިޔަވަމުން ދިޔައީ އަމިއްލަ ހަރަދުގައި ނަމަ، އެ ފަރާތުގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައި ވުމާއެކު، އިތުރު އެހެން މާލީ އެހީތެރިކަމެއް ނުވަތަ އަމިއްލައަށް ހަރަދު ހަމަޖެއްސޭނެ ގޮތެއް ނެތުން ވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެހެން އެއްވެސް ފަރާތެއްގެ ސްޕޮންސާގެ ދަށުން ދިރިއުޅުމުގެ އެލަވަންސް ލިބެމުންދާ ދަރިވަރެއްކަމުގައި ނުވުމަކީވެސް ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.

މި އުސޫލުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ސްކޮލާޝިޕެއްގައި ކިޔަވަމުން ދާ ދަރިވަރުންނަކީ، ނުވަތަ ލޯނުގެ އެހީގައި ކިޔަވަމުންދާ ދަރިވަރުންނަކީ، ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން މިހާރު ވެސް ފައިސާގެ އިނާޔަތް ލިބެމުންދާ ދަރިވަރުން ކަމަށް ވާތީ، މިފަދަ ދަރިވަރުންނަށް މި އުސޫލުގެ ދަށުން އެހީއެއް ނުލިބޭނެ ކަމަށެވެ.

ނަމަވެސް، ދިވެހި ސަރުކާރުގެ ސްކޮލާޝިޕެއްގައި ނުވަތަ ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، ކޯސް ފުރިހަމަ ކުރުމަށް ފަހު، ނުވަތަ ތަމްރީނު ފުރިހަމަ ކުރުމަށް ފަހު، ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖެ ނާދެވިފައި ވާ ދަރިވަރުންނަށް، އެ އުސޫލުގެ ދަށުން އެހީއަށް އެދި ހުށަހެޅޭނެ ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވެއެވެ.

ފައިސާގެ އެހީ ހަމަޖައްސައި ދޭނީ، މި އުސޫލުގައި ބަޔާން ކޮށްފައި ވާ ހާއްސަ ފޯމު ފުރިހަމަ ކުރުމަށް ފަހު، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނަށް ހުށަހެޅުމުން، އެ ފޯމާއެކު ހުށަހަޅާ ލިޔުންތަކުން އެ ދަރިވަރަކީ އެ އުސޫލުގެ ދަށުން މާލީ އެހީ ލިބުމުގެ ހައްގު ދަރިވަރެއްކަން ސާބިތު ވާނަމައެވެ.

ފައިސާގެ އެހީ ޖަމާކޮށް ދެވޭނީ ދިވެހިރާއްޖޭގައި ގާއިމު ވެފައިވާ ބޭންކެއްގައި ދަރިވަރުގެ ނަމުގައި ނުވަތަ ދަރިވަރުގެ ފަރާތުން ކަނޑައަޅާ ފަރާތެއްގެ ނަމުގައި ހުޅުވައިފައި ވާ ދިވެހި ރުފިޔާ އެކައުންޓަކަށެވެ. މި އުސޫލުގެ ދަށުން އެހީ ދެވޭނީ، މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެންމެ ގިނަވެގެން ދެ މަސްދުވަހުގެ މުއްދަތަށެވެ.

ސަރުކާރުން އަންނަނީ ކޯވިޑް-19 ގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އަދި ކޯވިޑް-19 ގެ ސަބަބުން ވިޔަފާރި ތަކަށް ކޮށްފައިވާ އަސަރުތަކަށް ބަލާ އެފަރާތްތަކަށް ވެސް ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ވިޔަފާރި ތަކަށް އެހީވުމަށް ސަރުކާރުން ވަނީ ރިލީފް ޕެކޭޖެއް ތައާރަފު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން