ކުރިއަށް މިއޮތް ދެ ހަފްތާގައި ރާއްޖެ ސަރޖަކަށް ދާނެކަމަށް ސިއްޙީ ޚިދުމަތްތެރިން ލަފާކޮށްފައި ވަނިކޮށް ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.

އެޗްޕީއޭ އިން ދެންމެ އިއުލާން ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 1،020 އެވެ. އެންމެ ފަހުން ޕޮޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެއްސަކާއި ބަނގްލަދޭޝްގެ އަށް މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެ ގައުމުގެ 532 މީހަކު ރާއްޖެއިން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 352 ކެވެ. އަދި އިންޑިއާގެ 99 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ނޭޕާލްގެ 13 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ހަ މީހެއްގެ އިތުރުން ޕާކިސްތާންގެ ތިން މީހަކާއި އެހެން ގައުމުތަކުގެ ހަތަރު މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ.

ކޯވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ މީހުން ކަމަށް އެޗްޕީއޭން ބުނެ އެވެ. ތޮއްޖެހިގެން ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން އެހެން ލޭބާ ކުއާޓާތަކަށް ބަލަދު ކުރުމުގެ އިތުރުން ބައެއް ބިދޭސީން ވަނީ އެ މީހުންގެ ގައުމަށް ވެސް ގެންގޮސްފަ އެވެ.

ކުރިއަށް އޮތް ދެ ހަފްތާއަކީ ރާއްޖެއިން ކޯވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވާނެ ދުވަސްތައް ކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވާން ސަރުކާރުން ވަނީ އެދިފަ އެވެ.

މާލެ ލޮކްޑައުން ކުރުމުގެ ކުރިން، ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީނާ މޫސާ ހެއްދެވި ޕްރޮޖެކްޝަންސްގައި ލައްކައަކަށް ވުރެން ގިނަ މީހުންނަށް ރާއްޖެ އިން ކޯވިޑް-19 ޖެހޭނެ ކަމަށް ލަފާކުރެއްވި އެވެ. އެކަމަކު އެ އަދަދު ވެސް ފަހުގެ ޕްރޮޖެކްޝަންސްގައި އޮތީ ދަށްވެފަ އެވެ. ޝީނާ މިހާރު ލަފާކުރައްވަނީ މި ބަލިމަޑުކަމުގައި ރާއްޖެ އިން ޕޮޒިޓިވްވާނީ 77،000 މީހުން ކަމަށެވެ.

ރާއްޖެ ޕީކަށް އަރާނެ ކަމަށް ކުރިން ލަފާ ކުރި ދުވަސް ލަސްވެ އާ ޕްރޮޖެކްޝަންސް އިން ފެންނަ ގޮތުގައި، ބަލި ޖެހިފައި ތިބި އެންމެ ގިނަ ބަޔަކު ފެންނާނީ މި މަހުގެ 31 ގައެވެ. އެ ދުވަހު ޕީކަށް އަރާއިރު 6،000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.

މިދިޔަ މާޗް 7 އިން ފެށިގެން މިހާތަނަށް ރާއްޖެ އިން ވަނީ ކޯވިޑް-19 ގައި ހަތަރު މީހަކު މަރުވެފަ އެވެ. އޭގެ ތެރެއިން އެންމެ ފަހުން އަވަހާރަވީ އެމްއެޗްއޭގެ ވެރިޔާ ހުސައިން އަބްދުﷲ، 88، އެވެ. އޭނާގެ އަނބިކަނބަލުން އާމިނަތު އާދަމް، 83، މިދިޔަ މަހުގެ 29 ގައި އަވަހާރަވީ ވެސް މި ބަލީގައެވެ. އޭގެ އިތުރުންވެސް 80 އަހަރުގެ ދިވެއްސެއް ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖެ އިން ކޯވިޑް-19 ޖެހިގެން މަރުވި ހަތަރު މީހުންގެ ތެރެއިން އެކަކީ އުމުރުން 33 އަހަރުގެ ބަނގްލަދޭޝްގެ މީހެކެވެ. ރާއްޖެ އިން މިބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވީ 46 މީހެކެވެ.



ކިޔުންތެރިންގެ ހިޔާލު


15

ސޮފްވާން

16-May-2020

މަ ހުވައި މި ނޫސްވެރިން ސަރުކާރާއި ގުޅިގެން އަފިރިން ބިރިގަނުވަނީ ތިބެގެން



ޓްރެންޑިން