ވީ ބީ ފިހާރަތައް ޑިސްއިންފެކްޓް ކުރަނީ
ވީ ބީ ފިހާރަތައް ޑިސްއިންފެކްޓް ކުރަނީ
ވީބީ ބްރަދާސްގެ ފިހާރަތަކުގައި މަސައްކަތް ކުރާ އަށް މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެ ކުންފުނީގެ ޚިދުމަތްތައް މެދުކަނޑާލައިފި އެވެ.

ވީބީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ވީބީ ބާޒާރު ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފަކާއި، ވީބީ ގަލޮޅު މާޓުގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި ވީބީ މާފަންނު މާޓުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފެއް ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތަކާއި އެ ނޫން ވެސް ދިވެހިންްގެ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ އެތެރެކޮށް، މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހޯލްސޭލް އަދި ރީޓެއިލް ކުރާ ވީބީގެ މުވައްޒަފުންތަކެއް މި ދަނޑިވަޅުގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެ އެ ކުންފުނީގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ.

ވީބީގެ ބަޔާނުގައި ވަނީ، މާލެ ސަރަހައްދު ފުރަބަންދުކުރުމުން ވެސް އެޗްޕީއޭ އިން ކަނޑައަޅާފައިިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، ވީބީން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއް ނެތި މިހާތަނަށް ދެމުން ގެންގޮސްފައި ވާނީ ވެސް، މި ނާޒުކު ހާލަތުގައި ގައުމީ ޒިންމާއެއް ކަމުގައި ދެކިގެން ކަމަށެވެ.

އެހެން ނަމަވެސް ވީބީގެ މުވައްޒަފުންތަކެއް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ވިޔަފާރި ވަގުތުން ވަގުތަށް މެދުކަނޑާލުމަށް ފަހު، ހުރިހާ ފިހާރައެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ވީބީން ބުނީ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކަނޑާލުމާ ގުޅިގެން، މިހާތަނަށް ނެގިފައި ހުރި ޑެލިވަރީ އޯޑަރުތަކަށް ވެސް ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި ވިޔަފާރި މެދުކަނޑާލަން ޖެހުމާ ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އެ ކުންފުުނިން ވަނީ މައާފަށް އެދިފައެވެ.

އެ ކުންފުނިން ބުނީ އެޗްޕީއޭގެ އިރުޝާދުގެ ދަށުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިިގެން ވީހާ ވެސް އަވަހަކަށް ހިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން