ސަރުކާރުގެ ގިނަ އޮފީސް ތަކެއް ހިނގަމުންދާ ވެލާނާގެ (ފޮޓޯ:- ރަސް، ޝާހް)
ސަރުކާރުގެ ގިނަ އޮފީސް ތަކެއް ހިނގަމުންދާ ވެލާނާގެ (ފޮޓޯ:- ރަސް، ޝާހް)
ދަޢުލަތުން އެންމެ ބޮޑު އުޖޫރަ ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވެސް ގެއަށް ގެންދެވޭނީ 70000 ރުފިޔާ ކަމަށް ކަނޑައަޅައި، ދައުލަތުގެ އެންމެހާ މުވައްޒަފުން ގެއަށް ގެންދަން ލިބޭ ޖުމްލަ މުސާރަ އާއި ޢިނާޔަތްތަކުގެ ސީލިންގ ކަނޑައަޅައިފިއެވެ.

ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުންނަށް ހިނގާ ޚަރަދުތަކަށް ބަދަލުތަކެއް ގެނައުމަށް ދަޢުލަތުގެ މާލީ ވުޒާރާއިން ނިންމައި އެކަން މިއަދު ވަނީ ދައުލަތުގެ ހުރިހާ އިދާރާތަކަށް އަންގާފައެވެ.

މާލީ ވަޒީރު ސޮއިކުރަށްވައި ދަޢުލަތުގެ އޮފީސްތަކަށް ފޮނުއްވާފައިވާ ސަރކިއުލަރގައި ވަނީ، 20000 ރުފިޔާ އަށްވުރެ ދަށް މުވައްޒަފުންގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރައްވާނެކަން ހާމަކޮށްފައެވެ. އަދި 20001 ރުފިޔާ އިން ފެށިގެން 30000 ރުފިޔާ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނި ކުރުމަށް ނިންމާފައި ވާއިރު، 30001 ރުފިޔާއިން ފެށިގެން 60000 ރުފިޔާ އާއި ހަމައަށް އަސާސީ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން އުނިކުރަނީ 30 އިންސައްތަ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން 60001 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން 35 އިންސައްތަ އުނިކުރުމަށްވެސް އެ ސަރކިއުލާގައި ވަނީ ދަޢުލަތުގެ އިދާރާތަކަށް އަންގާފައެވެ.

މީގެ އިތުރުން މި ސަރކިއުލަރގައި، ދައުލަތުގެ އެންމެހާ މުވައްޒަފުން ގެއަށް ގެންދަން ލިބޭ ޖުމްލަ މުސާރަ އާއި ޢިނާޔަތްތަކަށް ސީލިންގ އެއް ވަނީ ކަނޑައަޅާފައެވެ. 10 ދަރަޖަ އަކަށް މި ސީލިން ބަހާލާފައި ވާއިރު ދަޢުލަތުން އެންމެ ބޮޑު އުޖޫރަ ލިބިވަޑައިގަންނަވާ ބޭފުޅުންނަށްވެސް ގެއަށް ގެންދެވޭނީ 70000 ރުފިޔާ ކަމަށް މި ސަރކިއުލަރގައި ވެއެވެ.

މި ސަރކިއުލަރގައި، މި އުސޫލުން އިސްތިސްނާވާ ފަރާތްތަކެއް ވެސް ހިމަނާފައިވެއެވެ. އެގޮތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މުވައްޒަފުންނާއި، ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަޤާމްތައް ފިޔަވައި އެހެނިހެން މުވައްޒަފުން، މުސާރަ ކުޑަކުރުމުގެ މި ސަރކިއުލަރ އިން އިސްތިސްނާވެއެވެ.

ހަމައެއާއެކު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ މުވައްޒަފުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާއި، ކޯވިޑް-19 އާގުޅިގެން އެކުލަވާލާފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެފަރާތެއް ނިސްބަތްވާ އިދާރާއަކުން ޢައްޔަންކުރުމުގެ ސަބަބުން އެސެންޓަރުގައި ދުވާލެއްގެ މައްޗަށް މަދުވެގެން 6 ގަޑިއިރު މަސައްކަތް ކުރާ ފަރާތްތައް ވެސް ވަނީ އިސްތިސްނާ ކޮށްފައެވެ.

މާލީ ވުޒާރާގެ ސަރކިއުލާގައި ވަނީ، ދައުލަތުގެ އެންމެހާ އޮފީސްތަކުން މި ފިޔަވަޅުތައް މި މެއި މަހުން ފެށިގެން އަޅަމުން ގެންދިއުމަށް އަންގާފައެވެ. އަދި ޤައުމަށް ދިމާވެފައިވާ އިޤްތިސާދީ ހާލަތާއި ދައުލަތުގެ މާލިއްޔަތަށް ދިމާވެފައިވާ ހާލަތަށް ރިޢާޔަތްކޮށް، އެ މިނިސްޓްރީން ވަކިގޮތެއް އަންގަންދެން މި ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށްވެސް މާލީ ވުޒާރާގެ ސަރކިއުލާގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން