ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ވެބްކޮންފަރެންސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
މިހާރު އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުންގެ ދައުރު ދިގުކުރުމަށް ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިޞްލާހުގެ ބިލު ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޤާނޫނު އަސާސީއަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހު އެޖެންޑާކޮށްފައިމިވަނީ، މި ދަނޑިވަޅުގައި ޤާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވެފައިވަނިކޮށެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ކައުންސިލް މެންބަރުންގެ ދައުރު ދިގުކުރުމަށް ބިލެއްވެސް ހުށައަޅުއްވާފައެެވެ.

ނަމަވެސް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތާއި، މަޖިލީހުގެ ކައުންސެލް ޖެނެރަލް ވިދާޅުވެފައިވަނީ މިހާރު އިންތިޚާބުވެފައިވާ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ މެންބަރުކަމުގެ ދައުރު އިތުރުކުރެވޭނީ، ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްގެންކަމަށެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅުކައުންސިލްތަކާއި، ރަށުކައުންސިލްތަކާއި، ސިޓީކައުންސިލްތަކުގެ މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެކަމަށެވެ.

މިހާރު ތިބި ކައުންސިލްތަކުގެމެންބަރުންގެ ދައުރު ޖޫން މަހުގެ 03 ވަނަ ދުވަހަށް ހަމަވާނެއެވެ. ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6ވަނަ ދުވަހުގެ ކުރިން ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން މިހާރުވަނީ ހާއްސަ ބިލެއް ފާސްކޮށްފައެވެ. އަދި އެބިލު ރައީސް މިހާރުވަނީ ތަސްދީގު ވެސް ކުރައްވާފައެވެ.

ކުރިން ކައުންސިލްތަކުގެ ދައުރަކީ 3 އަހަރު ދުވަހެވެ. ނަމަވެސް މިހާރު ކައުންސިލްތަކުގެ ދައުރު ވަނީ ފަސް އަހަރަށް އިތުރުކޮށް ޤާނޫނު އަސާސީ އިޞްލާޙުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން