ޝިއްހީ އެހީތެރިން ބިދޭސީން ޓެސްޓް ކޮށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެނީ
ޝިއްހީ އެހީތެރިން ބިދޭސީން ޓެސްޓް ކޮށް ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެނީ
ފުލުހުން މޮނިޓަރކޮށް ބަލަހައްޓަމުން އަންނަ ތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ މޯބައިލް މެޑިކަލް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ފުލުހުން ބަލަހައްޓަމުން ގެންދާ ތަންތަނުގައި މިވަގުތު ތިބި ބިދޭސީ މީހުން ސްކްރީން ކޮށްފައިވާ ކަމަށެވެ. އެގޮތުން 80 މީހަކު ސްކްރީން ކޮށްފައިވާ ކަމަށާއި އަދި ބޭނުންވާ ބައެއް ސިއްހީ އެހީތެރިކަން ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ އެމީހުން މިހާރު ދިރިއުޅެމުންދާ ހާލަތާއި ގުޅޭ ގޮތުން އެސެސްމަންޓެއް ހަދާފައެވެ.

ރާއްޖެއިން އިއްޔެވެސް ވަނީ 47 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިންވެސް ގިނައީ ބިދޭސީންނެވެ. އެގޮތުން ބަނގްލަދޭޝްގެ 22 މީހުންނާއި ނޭޕާލް 2 މީހަކާއި އިންޑިއާގެ 4 މީހަކު އިއްޔެ ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 19އެވެ.

އިއްޔެ ޕޮޒިޓިވްވި 47 މީހުންނާ އެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1078 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބިދޭސީންނެވެ.

މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 557 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 382 މީހަކަށް ކޯވިޑް-19 ވަނީ ޖެހިފައެވެ. ރާއްޖޭން މި ބަލީގައި 4 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން