ރާއްޖޭގެ ރަށެއްގެ ބަނދަރުމަތި- މާލޭގެ ލޮކްޑައުންއައި ގުޅިގެން ގިނަ ބަޔަކު ވަނީ މާލެ ނާދެވި ރަށްރަށުގައި ތާށިވެފައި (ރަސް ފޮޓޯ)
ރާއްޖޭގެ ރަށެއްގެ ބަނދަރުމަތި- މާލޭގެ ލޮކްޑައުންއައި ގުޅިގެން ގިނަ ބަޔަކު ވަނީ މާލެ ނާދެވި ރަށްރަށުގައި ތާށިވެފައި (ރަސް ފޮޓޯ)
ކޯވިޑް-19 ގެ ސަބަބުން ރަށްރަށުގައި ތާށިވެފައި ތިބި 2900 އަށް ވުރެ ގިނަ މީހުންނަށް މާލެއައުމުގެ ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދިން ގޮތުގައި މިދިޔަ އޭޕްރީލް މަހުގެ 24 އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2997 މީހަކަށް މާލެ އައުމުގެ ހުއްދަ ވަނީ ދޫކޮށްފައެވެ. ފުލުހުން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ވުމާއެކު މާލެއަށް ނާދެވި އަތޮޅުތަކުގައި ތިބި މީހުންނަށް މާލެ އައުމުގެ ހުއްދައަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ފަހަރަށް ފުލުހުންގެ ހުއްދައަށް އެދިފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު 5 މީހެކެވެ. އަދި އެންމެ ގިނައިން ހުއްދައަށް އެދި ހުށައަޅާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެއީ 277 މީހުންނެވެ. އަދި މިމަހުގެ 4 ވަނަދުވަހު 173 މީހުން، މިމަހުގެ 3 ވަނަ ދުވަހު 123 މީހުން ވަނީ ހުއްދަ އަށް އެދި ހުށައަޅާފައެވެ. މީގެ އިތުރުން މިމަހުގެ 14 ވަނަ ދުވަހު 112 މީހުން މާލެ އަންނަ ބޭނުންވެގެން ފުލުހުންގެ ހުއްދައަށް އެދި ހުށައަޅާފައިވާ ކަމަށްވެސް މިތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ހުއްދައަށް އެދި ހުށައެޅުމަށް ދެ ގޮތެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް 1923 މީހަކު ހުއްދައަށް އެދިފައިވާއިރު ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް 1074 މީހުންވަނީ ހުއްދައަށް އެދިފައެވެ.

އަތޮޅުތަކުގެ ރަށްތަކުގައި ތިބި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު ލޮކްޑައުންއާ ގުޅިގެން މާލޭގައި ރަށައް ނުދެވި ތާށިވެފައި ތިބި މީހުން އެމީހުންގެ ރަށް ރަށަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.



މާލޭގައި ތާށިވެފައިތިބި އެކި ރަށްރަށުގެ މީހުންގެ ތެރެއިން ފަސްހާހަށްވުރެ ގިނަ މީހުން ރަށްރަށަށް ދިއުމަށް އެދިފައިވާކަން މީގެ ކުރިން ސަރުކާރުންވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ޙާލަތުގައި މާލެއިން އެއްވެސް ރަށަކަށް މީހަކު ފޮނުވާނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭތީވެ ރަށްރަށަށް މީހުން ފޮނުވާލުމުގައި ޚާއްޞަ އުސޫލެއްގެ ދަށުން އަމަލު ކުރުމަށް ވަނީ ނިންމަވާފައެވެ.

އެގޮތުން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަނބުރާ ރަށަށް ދާން އެދުނު ފަރާތްތައް އެކި ކައުންސިލްތަކާއި ގުޅިގެން ރިވިއުކޮށް 1600 މީހުން ހިމެނޭ ލިސްޓެއް ވަނީ އެކުލަވާލާފައެވެ. މި މީހުން ރަށައް ފޮނުވުމުގެ ކުރިން ސަރުކާރުން ހަމަޖައްސާ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް މަޑުކުރާނެއެވެ. އަދި އެއަށްފަހު ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ އެ މީހުން ރަށަށް ގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން