އިންޑިއާގައި ކުރިއަށްދާ މުޒާހަރާ
އިންޑިއާގައި ކުރިއަށްދާ މުޒާހަރާ
އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު (ސީއީސީ) ގިޔާނޭޝް ކުމާރު މަގާމުން އިސްތިއުފާ ދެއްވުމަށާއި އޭނާ ހައްޔަރުކުރުމަށް ގޮވާލައި އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް ޕާޓީން މުޅި ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.

އިންތިޚާބީ ލިސްޓުތައް އިސްލާހުކުރުމުގެ މަސައްކަތުގައި މަކަރު ހަދައި، ގާނޫނާ ޚިލާފު ކަންތައްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހިންގާ މި އިހުތިޖާޖުތައް ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭހާއި ފެންބޮން ބޭނުންކޮށްފައެވެ.

އިންޑިއާގެ 20 އަށްވުރެ ގިނަ ސްޓޭޓްގައި އެއްވަގުތެއްގައި ކުރިއަށްދިޔަ މި އިހުތިޖާޖުތަކުގެ ތެރެއިން ވެރިރަށް ނިއު ދިއްލީގެ ޖަންތަރު މަންތަރު ސަރަހައްދާއި، ބިހާރުގެ ޕަޓްނާ، ޗަންދީގަރު، އާސާމް، އަދި މަނީޕޫރު ފަދަ ސަރަހައްދުތަކުގައި ބޮޑެތި ކުރިމަތިލުންތަކެއް ވަނީ ހިނގައިފައެވެ.

ބިހާރާއި ޗަންދީގަރުގައި މުޒާހަރާގެ ބައިވެރިން އިލެކްޝަން ކޮމިޝަނުގެ އޮފީސްތަކާ ދިމާއަށް މިސްރާބު ޖެހުމުން ފުލުހުން ވަނީ ފެންބޮން ޖަހައި މުޒާހަރާ ރޫޅާލަން މަސައްކަތްކޮށްފައެވެ. އަދި މަނީޕޫރުގައި މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑުތައް ހައްލާލަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.

މި އިހުތިޖާޖުތައް ފަށާފައިވަނީ އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ކުރިއަށްގެންދާ 'ސްޕެޝަލް އިންޓެންސިވް ރިވިޝަން' (އެސްއައިއާރު) ނުވަތަ ވޯޓަރުންގެ ލިސްޓު އިސްލާހުކުރުމުގެ މަސައްކަތުގައި، ސީއީސީ ގިޔާނޭޝް ކުމާރު ނިންމެވި ނިންމެވުންތަކާ މެދު ކޮމިޝަނުގެ އަނެއް ދެ މެންބަރުން ކަމަށްވާ ސުޚްބީރު ސިންގް ސަންދޫ އާއި ވިވެކް ޖޯޝީ 14 ފަހަރެއްގެ މަތިން ދެކޮޅުހައްދަވައި ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އިދިކޮޅު ކޮންގްރެސްއިން ތުހުމަތުކުރާ ގޮތުގައި، ގިޔާނޭޝް ކުމާރު ވަނީ ވެރިކަންކުރާ ބީޖޭޕީއަށް ފައިދާވާނޭހެން ވޯޓަރުންގެ ލިސްޓުން ސައްހަ އެތައް ހާސް ބައެއްގެ ނަންތައް އުނިކޮށް، އިންތިޚާބުގެ ސައްހަކަން ގެއްލުވާލާފައެވެ.

އިހުތިޖާޖުގެ ތެރެއިން އާސާމްގެ ކޮންގްރެސް ރައީސް އަދި ގާނޫނުހަދާ މަޖިލީހުގެ މެންބަރު ގޯރަވް ގޮގޮއި އާއި، ޕަންޖާބު ކޮންގްރެސްގެ ރައީސް އަމަރިންދަރު ސިންގް ރާޖާ ވާރިންގް އަދި ޔޫތު ކޮންގްރެސްގެ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ހައްޔަރުކުރުމުގެ ކުރިން ގޯރަވް ގޮގޮއި ވިދާޅުވީ، ގިޔާނޭޝް ކުމާރު ވަނީ ގައުމަށް ޚިޔާނާތްތެރިވެ، ބޮޑު ކުށެއް ކުރައްވާފައި ކަމަށާއި، އޭނާ ވަގުތުން އިސްތިއުފާ ދެއްވައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ކޮންގްރެސްގެ ޖެނެރަލް ސެކްރެޓަރީ ކޭ.ސީ. ވެނުގޯޕާލް ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ދާޚިލީ ވަޒީރު އަމިތު ޝާހު އިލެކްޝަން ކޮމިޝަނަރު ބޭނުންކުރައްވައިގެން އިންތިޚާބުތައް އޮޅުވާލަން މަސައްކަތްކުރައްވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

މި މައްސަލައިގައި އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކުންނާއި މަދަނިއީ ޖަމްއިއްޔާތަކުންވެސް ވަނީ ކޮންގްރެސްގެ އިހުތިޖާޖަށް ތާއީދުކޮށް އަޑުއުފުލާފައެވެ. އަދި ގިޔާނޭޝް ކުމާރު މަގާމުން ވަކިކުރުމަށް ގާނޫނުހަދާ މަޖިލީހަށް ގަރާރެއް ހުށަހެޅުމަށް އިދިކޮޅު ކޯލިޝަނުން ތައްޔާރުވަމުންދާއިރު، މި މައްސަލައިގައި އިންޑިއާގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު