ރައީސް މުއިއްޒު އަދި "އޭބީޓީއޭ"ގެ ޑިރެކްޓަރ ޝޫޒަން ޑީރު
ރައީސް މުއިއްޒު އަދި "އޭބީޓީއޭ"ގެ ޑިރެކްޓަރ ޝޫޒަން ޑީރު
ދިވެހިރާއްޖޭގެ މުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް (ޖީއެސްޓީ) ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އިނގިރޭސިވިލާތުގެ އެންމެ ބޮޑު ޓްރެވަލް އެސޯސިއޭޝަން (އޭބީޓީއޭ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.

އޭބީޓީއޭއިން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި އެދިފައިވަނީ، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި، މި އިސްލާހުތައް ތަންފީޒުކުރުން މަދުވެގެން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށެވެ. މީގެއިތުރުން، ބޭރުގެ ޓޫރް އޮޕަރޭޓަރުންގެ އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތައް ރާއްޖޭގައި ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށާއި، އެ ފަރާތްތައް މި ޓެކްސްއިން އިސްތިސްނާވާނެކަމުގެ ރަސްމީ ޔަގީންކަމެއް ދިނުމަށްވެސް އެދިފައިވެއެވެ.

ހަމައެއާއެކު، އޭބީޓީއޭ އާއި އީސީޓީއޭއޭ އަދި ޑަބްލިއުޓީއޭއޭއޭ ފަދަ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ޖަމްއިއްޔާތަކުގެ މަންދޫބުންނާއެކު މަތީ ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

އޭބީޓީއޭގެ އިންޑަސްޓްރީ ރިލޭޝަންސް ޑިރެކްޓަރު ސޫޒަން ޑިއާ ވިދާޅުވީ، ރާއްޖޭގެ ޖީއެސްޓީ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަން އެނގުނު ނަމަވެސް، އެ އިސްލާހުތައް އެކުލަވާލާފައިވަނީ ބައިނަލްއަގުވާމީ ޓްރެވަލް ކުންފުނިތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކަމަށެވެ. އަދި މަޝްވަރާ ނުކުރުމުގެ ސަބަބުން އެކުލަވާލެވިފައިވާ ބައެއް މާއްދާތަކަކީ އަމަލީ ގޮތުން ތަންފީޒުކުރަން ދަތި، މަގުސަދާ އެކަށީގެންނުވާ އުސޫލުތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި މައްސަލައިގައި ޓޫރިޒަމް މިނިސްޓަރަށް ދެ ފަހަރެއްގެ މަތިން ސިޓީ ފޮނުވުމަށްފަހު، ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުވަން ނިންމީ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބުމުން ކަމަށްވެސް ވިދާޅުވިއެވެ.

އީސީޓީއޭއޭގެ ސެކްރެޓަރީ ޖެނެރަލް އެރިކް ޑްރެސިން ވިދާޅުވީ، ޔޫރަޕްގެ ޓްރެވަލް އޭޖެންޓުންނާއި ޓޫރް އޮޕަރޭޓަރުންނަކީ ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ހެދުމުގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިން ކަމަށެވެ. އެހެންނަމަވެސް، އެކަށީގެންވާ ތައްޔާރުވުމުގެ ވަގުތަކާއި މަޝްވަރާއަކާ ނުލައި، ގައުމުން ބޭރުގައި ހިންގާ ވިޔަފާރިތަކުގެ މައްޗަށް އެތެރޭގެ ޓެކްސް ނިޒާމު ފުޅާކުރުމަކީ ވިޔަފާރިތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ގާނޫނު ތަންފީޒުކުރުން ފަސްކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ބިނާކުރަނިވި މަޝްވަރާތަކެއް ފެށުމަކީ ހުރިހާ ފަރާތްތަކަށް އިންސާފުވެރި ނިޒާމެއް ގާއިމުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

އޭބީޓީއޭއަކީ އިނގިރޭސިވިލާތުގެ 3,500 އަށްވުރެ ގިނަ ޓްރެވަލް ބްރޭންޑް ތަމްސީލުކުރާ އަދި އަހަރަކު 41 ބިލިއަން ޕައުންޑަށްވުރެ ބޮޑު ވިޔަފާރީގެ ހަރަކާތް ހިންގާ އެންމެ ބޮޑު ޓްރެވަލް އެސޯސިއޭޝަނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް