މިނިސްޓަރ އިރުތިޝާމް އާދަމް: އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަނީ
މިނިސްޓަރ އިރުތިޝާމް އާދަމް: އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ބައްދަލުވުމުގައި ތަގުރީރުކުރައްވަނީ
ދެމެހެއްޓެނިވި އަދި ވިލުންތެރި ސިއްހީ ނިޒާމެއް ގާއިމުކުރުމަށްޓަކައި މާލީ އެހީތެރިކަން ކަށަވަރުކުރުން އިންތިހާއަށް މުހިންމު ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވަލް ހަފުތާގެ ހަވާސާގައި ބޭއްވި "ޔޫއެން ހައި-ލެވަލް މީޓިންގ އޮން ޕެންޑަމިކް ޕްރިވެންޝަން، ޕްރިޕެއާޑްނަސް އެންޑް ރެސްޕޯންސް" ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ކުރިމަތިވަމުންދާ ހާއްސަ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ވޭތުވެދިޔަ 15 އަހަރުގެ ތަރައްގީގެ ކުރިއެރުންތައް ފަހަތަށް ދިޔަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސިޑްސް ގައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަމުގެ އިތުރުން ވެކްސިނާއި ބޭހާއި އަދި ބަލި ދެނެގަންނަ ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ ވަރުގަދަ އިންތިޒާމުތަކެއް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި، ޓެކްނޮލޮޖީ ބަދަލުކުރުމުގެ އިތުރުން ބަލިތައް މޮނިޓަރުކުރާ ލެބޯޓްރީ ނެޓްވޯކްތަކަށް އިންވެސްޓްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ "ޕެންޑެމިކް އެގްރީމަންޓް" ގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުވެފައި އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ގަރާރު 79/333 ގެ ދަށުން ބޭއްވި މި ބައްދަލުވުމަކީ 2023 ވަނަ އަހަރު ފާސްކުރި "ޕޮލިޓިކަލް ޑެކްލެރޭޝަން އޮން ޕެންޑެމިކް ޕްރިވެންޝަން، ޕްރިޕެއާޑްނެސް އެންޑް ރެސްޕޯންސް" ތަންފީޒުކުރެވޭ މިންވަރު މުރާޖައާކުރުމަށް ބޭއްވުނު ދެވަނަ ހައި-ލެވަލް ބައްދަލުވުމެވެ.



ކިޔުންތެރިންގެ ހިޔާލު