މަބްރޫކް އަޒީޒް
މަބްރޫކް އަޒީޒް
މިހާރު ބަލިވާ ފްރަންޓްލައިންގެ މަސައްކަތް ކުރާމީހުންގެ ބޭނުން ދެން މާބޮޑުވާނެ ކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަބްރޫކް ވިދާޅުވީ މިހާރު ބަލިވާ ފްރަންޓްލައިންގެ މަސައްކަތް ކުރާމީހުން ދެން އެނބުރި އަންނާނީ ބައްޔަށް އިމިއުން ވެގެން ކަމަށާއި، އެމީހުންގެ ބޭނުން ދެން މާބޮޑުވާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކޮމިއުނިޓީ ސްޕްރެޑެއް އޮވެއްޖެނަމަ ފްރަންޓްލައިން ގެ ތެރެއިން މީހުން ޕޮޒިޓިވް ވަމުން ދާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ފެށުނީއްސުރެ މަސައްކަތް ކުރަމުން ގެންދަނީ ފްރަންޓްލައިން މީހުންގެ ޓެސްޓު ކުރުމާއި، ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އަދަދު އަންނާނީ މަދުވަމުން ކަމަށާއި، ކޮންޓެންޖެންސީ ޕްލޭންތައް ހުރީ ހަދާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ މީހުން މަދުވީމަ މަސައްކަތް ސްލޯވާނެ. އެހެން ނަމަވެސް ހުއްޓުމަަކާ ނުލާ މަސައްކަތް ކޮށްގެން މިކަމުން އަރައިގަނެވޭނެ." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ފްރަންޓްލައިންގައި ޙަރަކާތްތެރިވާ ގިނަ ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ސިފައިންގެ 40 އަށް ވުރެ ބޭކަލުންނާއި، 23 ފުލުހުންގެ އިތުރުން، ސިއްޙީ ދާއިރާގެ ޚިދުމަތް ތެރިންނާއި، އެހެނިހެން ގޮތްގޮތުން ފްރަންޓްލައިންގައި ޙަރަކާތްތެރިވާ ކުންފުނިތަކުގެ މުވައްޒަފުން ހިމެނެއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ 137 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން އެއްފަހަރާ ފައްސިވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ފުރަތަމަ ސަފުގައި މަސައްކަތް ކުރާ 47 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން