އެޗްއާރްސީއެމްގެ މެންބަރުން އައްޑޫ ސިޓީގެ ފުލުހުންނާ ބައްދަލު ކުރައްވަނީ
އެޗްއާރްސީއެމްގެ މެންބަރުން އައްޑޫ ސިޓީގެ ފުލުހުންނާ ބައްދަލު ކުރައްވަނީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ މާދަމާ ހެނދުނު 10:00ގައި އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާކޮށްފައެވެ. ޢެގޮތުން މާދަމާ ބާއްވާ ޖަލްސާއަށް މަޖިލިހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ ކަންތައްތަކުގެ ތެރޭގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެދިފައި ވާތީ އެޗްއާރުސީއެމްގެ މެންބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ތަޅުމުގައި އިއުލާން ކުރާގޮތަށް ވަނީ ނިއްމާފައެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން މިދިޔަ ހަފްތާ އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތުގައި މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޗްއާރުސީއެމުން އެދެވޭ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. ޢެރިޕޯޓްގައި ބުނެފައިވާގޮތުގައި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އެޗްއާރުސީއެމުން މަސައްކަތް ކުރަން ފެށީ އެހެން މުއައްސަސާތަކަށް ވުރެ މާލަހުންނެވެ.

އެގޮތުން ކަރަންޓީނު މަރުކަޒުތަކުގެ ކަންކަން ބެލުމަށް އެޗްއާރުސީއެމުން އެދުނީ މާފަހުން ކަމަށާއި ގައިދީންގެ ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވާ މިދަނޑިވަޅުގައިވެސް، ގައިދީންނަށް އެޗްއާރުސީއެމަށް މައްސަލަތައް ހުށައެޅޭނެ ނިޒާމެއް ގާއިމްކޮށްފައި ނުވާ ކަމަށް ކޮމެޓީގެ ރިޕޯޓްގައި ފާހަގަކޮށްފަައިވެއެވެ.

ދައުލަތުގެ މަގާމެއްގައި ހުންނަ ފަރާތެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ރައީސް އެކަން ތަޅުމުގައި އިއުލާން ކުރެއްވުމަށް ފަހުގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ. އެއަށް ފަހު އެކަމަށް ގޮތެއް ނިއްމާނީ، އެ މައްސަލަ ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވައި، އެ ކޮމެޓީއިން ނިއްމާގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ގެނެސް، މަޖިލީހުގައި މެމްބަރުންގެ މެދުގައި ނަގާވޯޓަކުންނެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އައިމިނަތު އީނާސް (ކޮމިޝަންގެ ރައީސް) އާއި މުހައްމަދު ޒާހިދު (ކޮމިޝަންގެ ނައިބު ރައީސް) އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އާއިޝަތު އަފްރީން މުހައްމަދެވެ.

މި ފަސް މެމްބަރުން ވެސް އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން