މި އަހަރުގެ ފިތުރު އީދު ނަމާދު ގޭގައި ތިބެ ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އެގޮތަށް އެންގީ މިއަދު އާންމު ކުރި ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ގާއިމު ކުރުމަކީ ވަރަށް މަތިވެރި ޝިއާރަކަށްވި ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އާލަމީ ވަބާ އިން ރައްކާތެރިވުމަށް ގެއިން ބޭރަށް ނުކުމެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާވެ، މިސްކިތްތަކުގެ ޖަމާއަތް ހުއްޓާލެވި ގޭގައި މަޑު ކުރަން ޖެހިފައިވާ ކަމަށެވެ.

"މިހާލަތުގައި 1441 އަހަރުގެ ފިތުރުއީދު ނަމާދުގެ ބޮޑު ޖަމާއަތް ނުހެދުމަށާއި، ގޭގައި އީދު ނަމާދުކުރުމަށް ނިއްމައިފައިވާތީ އެގޮތުގެ މަތިން އަމަލުކުރުމަށް ރައްޔިތުންނަށް އަންގައިދެއްވުން އެދެމެވެ."އިސްލާމިކް މިނިސްޓްރީގެ އެންގުމުގައިވެ އެވެ.

ޢިސްލާމިކް މިނިސްޓްރީ އިން ބުނީ ޝަރުއީ އުޒުރެއްގެ ސަބަބުން އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއިމް ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ޝިއާރު ގާއިމު ކުރުން ޝަރުއުވެގެންވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތްތަކުގައި ނަމާދު ކުރާ ގޮތަށް ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

އެހެން ނަމަވެސް އީދު ނަމާދުގެ ހުތުބާއަކީ ހާކިމްގެ އަމުރަށް ބޮޑު ޖަމާއަތުގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި އީދު ނަމާދު ކުރާ އިރު، ހުތުބާ ދިނުމެއް ނޯންނާނެ ކަމަށާއި އީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމާ ނުލައި ކަމަށް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

"ޢީދު ނަމާދު ބޮޑު ޖަމާއަތް ނުހެދުނު ނަމަވެސް ގޭގައި އީދު ނަމާދު ކުރުމަށާއި، ގިނަގިނައިން ތަކުބީރު ކިޔައި ދުއާކޮށް ޝަރުއީ ހަމަތަކުގެ މަތިން ރައްކާތެރިކަމާއެކު ގޭގެ އަހުލުންނާއެކު އީދު އުފާފާޅު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.

އެންމެންގެ މަސްލަހަތައްޓަކައި ރާއްޖޭގައި އީދު ނަމާދު ކުރާނީ އީދު ދުވަހުގެ ހެނދުނު 07.30 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން