ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ކޮމިޓިން ފޮނުވި ރިޕޯޓްގައި އެޗްއާރުސީއެމްގެ މެންބަރުންނާމެދު ގޮތެއް ނިންމަވާދެއްވުން އެދިފައިވާކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މިއީ ބޮޑު މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށެވެ.

މަޖިލީހުގެ އައު ޤަވާއިދު ބުނާގޮތުން މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި، މުސްތަޤިއްލު މަޤާމުގައި ތިއްބަވާ ބޭފުޅުން، އެ މަޤާމުތަކުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ ރިޔާސަތުން އިޢުލާންކުރަން ޖެހިވަޑައިގަންނަވާނެއެވެ. އެއަށްފަހު ބަހުސްކުރުމެއްނެތި އެ މައްސަލަ ދިރާސާކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުވަންވާނެކަމަށްވެސް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްގެ މެންބަރުން މަޤާމުން ވަކިކުރުމަށް ނިންމާ ކޮމިޓީން ނިންމި ރިޕޯޓްގައި ވަނީ، މަޖިލީހުން މަޢުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުވުމުގެކުރިން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ތިބޭ ތަންތަނުގެ ޙާލަތު ބެލުމަށް އެޗްއާރުސީއެމުން އެއްވެސް ޒިޔާރަތެއް ކޮށްފައިނުވާކަމަށެވެ. އަދި އިޤްތިޞާދީ ލޮޅުންތަކާއި ގުޅިގެން އެތައްބައެއްގެ ވަޒީފާގެ ހައްޤު ކުއްލިއަކަށް ގެއްލި އާމްދަނީ ލިބުމުން މަހުރޫމުވެގެން ދިޔައިރުވެސް، މިކަމުގައި އެކޮމިޝަނުން ދެކޭގޮތް އަދި އަޅާފައިވާ ފިޔަވަޅުތައް ހާމަކޮށްފައި ނުވާކަމަށެވެ.

މީގެ އިތުރުން ޢާންމު އުސޫލުން ޖަލުތަކުގައި ކުރެވޭ މުއާމަލާތްތައް މިވަގުތު ބަންދުވެފައިވާއިރު، އަދި އެޗްއާރުސީއެމައަށް މައްސަލަ ހުށަހެޅެން އޮންނަ އިންތިޒާމުވެސް ބަދަލުވެފައިވާއިރު ޖަލުގައި ތިބޭ މީހުން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ގޮތެއް ހަމަޖައްސާފައިނުވާކަމަށްވެސް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގެ ރައީސަކީ، އައިމިނަތު އީނާސްއެވެ. އަދި ނައިބު ރައީސް އަކީ މުޙައްމަދު ޒާހިދެވެ. ދެން ތިއްބެވި މެންބަރުންނަކީ މޫސާ އަލީ ކަލޭފާނާއި، ނައިވީން ޢަބްދުﷲ އާއި އައިޝަތު އަފްރީން މުޙައްމަދެވެ. މިމެންބަރުންނަކީ ނިމިދިޔަ ސަރުކާރުގައި އައްޔަން ކޮށްފައިވާ މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން