ރައީސުލްްްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ރައީސުލްްްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ކޯވިޑް-19 އާ ގުޅިގެން އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރިޔަށްގެންދެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ، އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ކޯވިޑް-19ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހިނގަމުންދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ނައިބުރައީސް އޮޅުން ފިލުއްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރިޔަށްގެންދެވޭ މަސައްކަތްތަކާއި ޚާއްޞަކޮށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށުން ހިނގަމުންދާ ފިޔަވައްޗާއި ކުޑަކުދިންގެ ހިޔާގެ އިތުރުން ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގައި ތިބި މީހުންގެ ކަންކަން މި ކޯވިޑް ބަލިމަޑުކަމުގެ ޙާލަތުގައި ކުރިޔަށްގެންދެވޭގޮތާއި އަދި ކަންކަން ކުރިޔަށް ރާވާލެވިފައިވާ ގޮތުގެ ޕްލޭންތަކާބެހޭ މަޢުލޫމާތުތައްވެސް އެމަނިކުފާނު އޮޅުންފިލުއްވިއެވެ.

މީގެ އިތުރުން ޚާއްޞަބަލިތަކަށް ފަރުވާކުރާ މީހުންނަށް ބޭސްލިބުން ފަދަ އިންތިޒާމުތަކާއި، ވަގުތީ ބޭނުމެއްގައި މާލެއައިސް ރަށަށް ނުދެވި ތިބި ފަރާތްތަކަށް އެހީތެރިވުމާއި، ރަށަށް ބަދަލުވުމުގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތަކާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޙާލަތުގައި އެހީއަށް ބޭނުންފައިވާ މީހުންގެ ކަންކަން ބެލެހެއްޓުމަށް ހުރިހާ އިދާރާތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، އެކަންކަމުގެ ތެރެއިން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ ކަންކަން ވީހާވެސް ރަނގަޅަށް ބަލަހައްޓަވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީއާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ މަރުކަޒުތަކުގެ އިސް ބޭފުޅުންނާއި، ކަމާގުޅޭ އެހެން އިދާރާތަކުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން