ރެޕިޑް ރެސްޕޮންސް ޓީމްގައި މަސައްކަތް ކުރައްވާ އަބްދުލް ހަމީީދު
ރެޕިޑް ރެސްޕޮންސް ޓީމްގައި މަސައްކަތް ކުރައްވާ އަބްދުލް ހަމީީދު
ސާމްޕަލްތައް ނެގުމަށް ދިއުމުގައި ލަސްތަކެއް ކުރިމަތިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރާތީ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެންއީއޯސީން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެޕިޑް ރެސްޕޮންސް ޓީމްގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީީދު ވިދާޅުވީ ސާމްޕަލް ނަގަން ދިއުމުގައި ލަސްތަކެއް ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

ނަމަވެސް އެ ލަސްތައް ކުރިމަތިވަނީ ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރާތީކަމަށް ހަމީދު ވިދާޅުވި އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ހަމީދު ވިދާޅުވީ ގެޔަކުން ސާމްޕަލް ނެގުމަށްފަހު، ދެ ވަނަ ގެޔަކަށް ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ހެދުން ބަދަލުކުރަންޖެހޭކަމަށެވެ.

އަދި ވަކި އަދަދަކަށް ސާމްޕަލް ނެގުމަށްފަހު ރެޕިޑް ރެސްޕޮންސް ޓީމްގައި މަސައްކަތް ކުރައްވާ ބޭފުޅުން އެއްކޮށް ހެދުން ބަދަލުކޮށް ފެންވަރަންޖެހޭކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު އިތުރަށް ވިދާޅުވީ އާރްއާރްޓީމް އުފެދިފައިވަނީ 31 ޖެނުއަރީއިން ފެށިގެން ކަމަށެވެ. އާރްއާރްޓީމުން 24 ގަޑި އިރު މަސައްކަތް ކުރަމުން ދާ ކަމަށާއި، އާރްއާރްޓީމުން ކުރާ މަސައްކަތުގެ ތެރޭގައި ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިމެނޭ ކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.

އާރްއާރްޓީމްގެ މަސައްކަތްތަކުގެ ތެރެއިން އިސްކަންދެވެނީ ނަފްސާނީ އަދި ޖިސްމާނީ ރައްކާތެރިކަމަށް ކަމަށާއި، އަދި މީގެ އިތުރު ހަރަކާތްތެރިވާ ތަންތަން ޑިސްއިންފެކްޓު ކުރުމަކީވެސް އާރްއާރްޓީމުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕޭޝަންޓުން ޓްރާންސްފާ ކުރުމުގައި ވެސް އާރްއާރްޓީމުން މަސައްކަތްކުރާ ކަމަށް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޙަމީދު ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން