މިހާރު ކުރަމުންދާ ވިއްސާރާގައި މަޑުއްވަރީއަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު
މިހާރު ކުރަމުންދާ ވިއްސާރާގައި މަޑުއްވަރީއަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުލަކަތޮޅު މަޑުއްވަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިސްމާޢީލް ނާފިޢު މިރޭ "ރަސް އޮންލައިން" އަށް ވިދާޅުވީ ރޭ ފަތިހުން ފެށިގެން ގަދަވަޔާއެކު ކުރި ވިއްސާރައިގައި އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެރަށު ގެއެއްގެ ފުރާޅުން ބައެއް ވިއްސައިގެންގޮސް، އާންސާ ގޭގެ ފާރުން ބައެއްވެސް ވަނީ ވެއްޓިފައެވެ. މީގެ އިތުރުން އެރަށުގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތަކުން ބޭނުންކުރަމުންދާ 40 ފޫޓުގެ އެންޓަނާއެއް ވެއްޓިފައިވާ ކަމަށާއި، ރަށުގައި ޖަހާފައިވާ ދިރާގު އެންޓަނާ އިން ބައެއް ބިންދައިގެންގޮސް ދިރާގު ނެޓްވޯކްގެ ފޯނު ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައިކަމަށް ނާފިޢު މަޢުލޫމާތު ދެއްވިއެވެ.

އޭނާ ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން މަޑުއްވަރީގެ ވޮލީކޯޓާއި، ނެޓްބޯޅަ ކޯޓުގެ ފެންސް މައްޗަށް ދިއްގާ ގަހެއް ވެއްޓުމުގެ ސަބަބުން ފެންސްގެ 50 ފޫޓް ވެއްޓިފައިވާ ކަމަށާއި، ރަށުގައި ހުރި ތެޔޮ ފިހާރައިގެ ފުރާޅުން ބައެއް އެއްލާލާ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން އެރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޑިސްޓްރިބިއުޝަން ބޮކްސްއެއް ވެއްޓި ހަލާކުވެފައިވާ ކަމަށާއި، ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމަށް ބޭނުންކުރާ 10000 ލީޓަރުގެ ހަމެއް ވިއްސާރައިގައި ވެއްޓި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަޑުއްވަރީ ކައުންސިލްގެ ރައީސް ވިދާޅުވީ މީގެ އިތުރުންވެސް ރަށުގެ ގޭގެއަށް އެކިއެކި ގެއްލުންތައް ލިބިފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

މިހާރު މި މަޢުލޫމާތު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި، އަތޮޅު ކައުންސިލަށްވެސް ހިއްސާ ކޮށްފައިވާކަމަށް މި ނޫހަށް މަޢުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ނާފިޢު ވިދާޅުވެފައިވެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ރާއްޖޭގެ އެކި ރަށްރަށަށް ދަނީ އެކިވަރުގެ ގެއްލުންތައް ލިބެމުންނެވެ. ވާރޭ ވެހި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ދަނީ ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މި ވިއްސާރާގައި ކޮޅިގަނޑުގައި 55 މޭލާ 60 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން