ބޮލީވުޑްގެ މަޝްހޫރު ދެމަފިރިންކަމަށްވާ އައިޝްވާރިއާ ރާއީއާއި އަބީޝޭކް ބައްޗަން ދިވެހި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ހާމަކޮށްފިއެވެ.

އައިޝްވާރިއާ، އަބީޝޭކް ބައްޗަން އަދި އެދެމަފިރިންގެ ދަރިފުޅު އަރާދިއާ ބައްޗަން އާއެކު ޗުއްޓީ ހޭދަކުރަމުންދަނީ ބ. އަތޮޅުގެ ރިސޯޓެއްކަމަށްވާ އަމިއްލަ ފުށީގައެވެ.

މީގެ ދެދުވަސް ކުރިން ރާއްޖެއައިސް ޗުއްޓީހޭދަކުރަމުން އަންނަ އައިޝްވާރިއާ އަދި އަބީޝޭކް ވަނީ އެމީހުން ރާއްޖޭގައި ހޭދަ ކުރަމުންދާ ދުވަސްތައް ދައްކުވައިދޭ ރާއްޖޭގެ ރީތި ފޮޓޯތަކެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. މިގޮތުން ހިއްސާކޮށްފައިވާ ފޮޓޯއަކާއެކު އައިޝްވާރިއާ ވަނީ ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށްވެސް ސިފަކޮށްފައެވެ.

އައިޝްވާރިއާ އަދި އަބީޝޭކް ވަނީ މިމަހުގެ ކުރީކޮޅުވެސް އައިޝްވާރިއާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.

40 އަށްވުރެއް ގިނަ ފިލްމު މިހާތަނަށް ކުޅެފައިވާ އައިޝްވާރިއާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2018 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު "ފަންނޭ ޚާން" އިންނެވެ. އަދި އަބީޝޭކް ބައްޗަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ހިންދީ ފިލްމު "ބިގް ބުލް" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން