image ގައްދޫ ރަޝީދު   17 ނޮވެމްބަރު 2021 - 18:33
10 ވަނަ ބައި

................

"ނޫނެކެވެ." މެނޭޖަރ ސާހަބުއެވެ. [އެސްޕީ ބުންޏެވެ. "ކުށްވެރިއަކު ފެނުމާއެކު އަޅުގަނޑުމެންނަށް އެނގިދާނެއެވެ. އަޅުގަނޑުމެންނަކީ ޤާނޫނުގެ ސަލާމަތަށް ތިބޭ ބައެއްކަން ކަށަވަރެވެ. އިންސާނިއްޔަތުކަމުގެ ދުޝްމަނުންނެއް ނޫނެވެ."

ދެން އަނެއްކާވެސް އެސް.ޕީ ތިރްލޯކަށް ބުންޏެވެ.

"ކަލޭ އެތެރެއަށް ވަދެ އަންހެނުނާ ބައްދަލު ކުރާށެވެ."

ތިރްލޯކް އެނބުރިލާފައި ވޯޑާދިމާއަށް ހިނގައިގަތްއިރު އޭނާގެ ފައިގާ ކުޑަވެސް ބާރެއްނެތް ކަހަލައެވެ. މޫނު ހުދުވެއްޖެއެވެ. ދޮރާ ހަމައަށް ދިއުމުން އޭނާގެ ކޮނޑުގައި ކިޝޯރު އަތް ބާއްވާލަމުން މަޑުމައިތިރި ކަމާއެކު ބުންޏެވެ.

"ތިރްލޯކްއެވެ. ހަމަޖެހޭށެވެ. ކަލޭ އަންހެނުންގެ ކުރިމައްޗަށް އަރާނީ ތިޔަފަދަ ޙާލަތެއްގައި ހުރެގެން ހެއްޔެވެ."

ތިރްލޯކްގެ ސިކުނޑި މިވަގުތު ބާރަށް އެނބުރެއެވެ. އޭނާ މަޑުމަޑުން ހަމަޖެހެން ފަށައިފިއެވެ. ދެން އޭނާ ކުއްލިއަކަށް ވޯޑުގެ ދޮރުން ވަދެއްޖެއެވެ. އޭނާއަށް ހީވީ ހިތުގެ ވިންދު ހުއްޓެން އުޅެނީ ހެންނެވެ.

ކުރިމަތީގައި ހުރި އެނދުގައި ރޫޕާ އޮތެވެ. އޭނާގެ މޫނުގެކުލަ ބަދަލުވެފައި ވެއެވެ. ލޮލުގެ ވަށައިގެން ކަޅު ރޮނގެއް ހުއްޓެވެ. އެހެން ނަމަވެސް އެލޮލުން އާ ޙަޔާތެއްގެ ކުލަވަރު ފެންނަން ހުއްޓެވެ. ހިކި ތުންފަތުގައި ހިނިތުންވުމެއް ވެރިވެފައިވެއެވެ. އެކަމަކު އެހިނިތުންވުމުގައިވެސް ދިރުމެއް ހުއްޓެވެ. އޮޕަރޭޝަން ކުރުމުގެ ކުރީގައި އެދިރިމެއް ނުހުރެއެވެ.

ތިރްލޯކް މަޑުމަޑުން ހިނގާގޮސް ރޫޕާގެ މަގަތުގައި އިށީނދެއްޖެއެވެ. އަދި ރޫޕާގެ އަތުގައި ހިފަހައްޓާލިއެވެ. ރޫޕާގެ ލޯ އުފަލުން ފުރިއަރައިގަތެވެ. ދެން އޭނާގެ ހިކި ތުންފަތުގައި ތިރްލޯކް އަތްޖައްސާލިއެވެ. ތިރްލޯކްގެ ހިތް ފުރިގެން އައެވެ. ކަރު ތެރޭގައި އިރުއިރުކޮޅުން ކޮންމެވެސް އެއްޗެއް ތާށިވާ ކަހަލައެވެ. ކަރުނައިގެ ކޯރު ލޮލު ތެރޭން ދެމިގަތެވެ. އޭނާ ވަރަށް އުދަނގުލުން ބުންޏެވެ.

"އަހަރެންގެ ރޫޕާ އަނެއްކާވެސް ލިބުނީއެވެ."

ރޫޕާ އަނެއްކާވެސް ތިރްލޯކްގެ އަތުގައި ބޮސްދީފައި ކުރަކި އަޑަކުން ބުންޏެވެ.

"ލައްބައެވެ........ ކަލާގެ ލޯތްބެވެ. ކަލާގެ މިންނަތް މަސައްކަތެވެ......... އަދި ކަލާގެ ދުޢާއެވެ. އަޅުގަނޑަށް އަނެއްކާވެސް ކަލާއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުނީއެވެ. އަޅު...... އަޅުގަނޑު އޮތީ ދިރިއުޅުމުގެ އުންމީދު ކަނޑާލާފައެވެ. އެކަމަކު.... އެކަމަކު ކަލާގެ ލޯބީގެ ބާރުގައި އަޅުގަނޑު މަރުގެ ވަކިތަކުން ސަލާމަތް ކޮށްފިއެވެ......."

"ރޫޕާއެވެ........" ތިރްލޯކް ރޮއިގަތެވެ.

"ނާތްއެވެ. މިހުރިހާކަމެއް ހުވަފެނަކަށްވެގެންހިނގައި ދާނެ ކަމަކަށް އަޅުގަނޑު އެއްގޮތަކަށްވެސް ހިއެއް ނުކުރަމެވެ. އަޅުގަނޑުގެ ހަށިގަނޑުގައި ހުރީ ކެންސަރުކަން ވަރަށް ކުރީން އަޅުގަނޑަށް އެނގިއްޖެއެވެ. އަދި ކެންސަރު ޖެހުނު އެއްވެސް މީހަކު ސަލާމަތް ނުވާނެކަންވެސް ދެނަހުރީމެވެ."

"ނޭނެކެވެ......." ތިރްލޯކްގެ އަޑު ތުރުތުރު އަޅައިގަތެވެ.

"ލައްބައެވެ... އަޅުގަނޑުގެ އޮޕަރޭޝަނަށްފަހު ހޭޖެހުނު ވަގުތު ޑޮކްޓަރ ސީން އަޅުގަނޑަށް ހުރިހާ ވާހަކައެއް ކިޔާ ދެއްވައިފިއެވެ. އަޅުގަނޑުގެ ބައްޔަކީ ކެންސަރުކަމާއި އަދި އެބަލި މިހާރު މުލާއެކު ކަނޑާ އެއްލާ ލެވިއްޖެ ކަމުގައި އޭނާ ބުނުއްވިއެވެ... އަޅުގަނޑަށް އަލުން ޙަޔާތެއް ލިބުނީއެވެ. ނާތްއެވެ. ދެން އަނެއްކާވެސް އަޅުގަނޑަށް ގެއަށް ދެވިދާނެއެވެ. އަނެއްކާވެސް އެއްކަލަ އުފާވެރި ޙަޔާތަށް ފެށިދާނެއެވެ." ރޫޕާ ތިރްލޯކްގެ އަތް ތުންފަތުގައި ޖައްސާލިއެވެ. "ކުރިމަތީގައި ތިބެވިދާނެއެވެ..... އަޅުގަނޑު އަތުން ނާސްތާ ތައްޔާރުކޮށް ދޭނަމެވެ. ހެދުން އިސްތިރި ކޮށްދޭނަމެވެ. ބޫޓް ޕޮލިސް ކޮށްދޭނަމެވެ. އެއަށްފަހު ކުޑަދަރިފުޅު އުރާލައިގެން ކަލާ އެނބުރި ގެއަށް ދުރުވުމުގެ އިންތިޒާރު ކުރާނަމެވެ. އެހެން ނޫންތޯއެވެ. ނާތްއެވެ!"

"އާއެކެވެ. ރޫޕާއެވެ......" ތިރްލޯކް ވަރަށް އުދަނގުލުން ބުންޏެވެ.

"އަދި އަޅުގަނޑުމެން އެގެއަކު ނުތިބޭނަމޭވެސް ބުނުއްވީމެއް ނޫންތޯއެވެ."

"އާނއެކެވެ."

"އަޅުގަނޑުވެސް އެހެން ގެއަކަށް ބަދަލުވުމާ ބެހޭގޮތުން ކަލާއަށް އެހީވާނަމެވެ. އަޅުގަނޑުވެސް ކުދިންނަށް ކިޔަވައިދީގެން ފައިސާ ހޯދާނަމެވެ. ފެހުމާ އެހެނިހެން މަސައްކަތް ކުރާނަމެވެ. އޭރުން އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ރީތި ގެއަކަށް ދެވިދާނެއެވެ."

"އާނއެކެވެ........." ތިރްލޯކް ބުންޏެވެ.

"ނާތްއެވެ. އަޅުގަނޑުމެންގެ ދަރިފުޅުގެ ޙާލު ކިހިނެއްތޯއެވެ؟"

"ހެޔޮ ޙާލުގައި އެބައޮތެވެ."

ކުއްލިއަކަށް ދޮރު ހުޅުވާލާފައި ކިޝޯރު އެތެރެއަށް ވަދެއްޖެއެވެ.

"ތިރްލޯކްއެވެ. ޑަކްޓަރ މެހެތާ އެބަ ގޮވާލައްވައެވެ."

ތިރްލޯކްގެ ބޮލުގައި ހިލަބުރިއަކުން ޖެހުނު ކަހަލައެވެ. ކުއްލިއަކަށް މުޅި ވޯރޑް އެބުރެން ފެށި ކަހަލައެވެ. އެއާއެކު އޭނާގެ ނަޒަރު ރޫޕާގެ މައްޗަށް ހުއްޓިއްޖެއެވެ. ހިތަށް އެރިއެވެ. "ނިކަމެތި އަޅާގެ ރޫޕާ ދެން ދުވަހަކުވެސް ފެންނާނެ ބާވައެވެ؟" ރޫޕާގެ ގައިގައި އޮޅުލައި ގަތުމާއެކު ބާރަށް ރޮއިގަންނަން އޭނާގެ ހިތަށް އެރިއެވެ.

އެވަގުތު ކިޝޯރު ކައިރިއަށް ޖެހިލާފައި ހިނިތުން ވުމާއެކު ބުންޏެވެ.

"ނިކަން ދެކެ ބަލާށެވެ. ކިހާ އުފާވެރިކަމެއް ހެއްޔެވެ. ކަލޭގެ އަންހެނުންނަށް މުޅިން ރަނގަޅުވީއެވެ."

"ލައްބައެވެ..........."

"ތިރްލޯކްއެވެ. އަހަންނަކީ ކާކުކަން އަދި ނުބުނެދެމެއް ނޫން ހެއްޔެވެ."

"ލައްބައެވެ." ތިރްލޯކް ވަރަށް އުނދަގުލުން ހަމައަކަށް އެޅިފައި ބުންޏެވެ. "ރޫޕާއެވެ..... މިއީ ކިޝޯރު ބާބޫއެވެ. މާތް މީހެކެވެ. ކަލޭގެ އޮޕަރޭޝަން ކުރުމަށް މިހާބޮޑު ޢަދަދެއްގެ ފައިސާ ދިނީ އޭނާއެވެ."

ރޫޕާ ޝުކުރުވެރި ނަޒަރަކުން ކިޝޯރަށް ބަލާލިއެވެ. އެއާއެކު ކިޝޯރު ހިނިތުން ވެލާފައި ބުންޏެވެ.

"އެއީ މާތް ރަސްކަލާނގެ މިންވަރުފުޅެވެ. އެކަލާނގެ ރުހުމާނުލައި ފަތެއްވެސް ހިރިނުލާނެއެވެ."

ދެން ތިރްލޯކް ތެދުވެއްޖެއެވެ. އެއާއެކު ރޫޕާ ބުންޏެވެ.

"އަޅުގަނޑަށް މިތަނުން ޗުއްޓީ ލިބޭނީ ކިހާ ދުވަހަކުންތޯ ޑަކްޓަރ ކުރެން އައްސަވަބައްލަވާށެވެ."

"މާގިނަ ދުވަހެއް ނުވާނެއެވެ. ހަމަ ކުޑަކުޑަ ދުވަސް ކޮޅެކެވެ." ކިޝޯރު ހީނލާފައި ބުންޏެވެ. "އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް ރޫޕާއަށް ހޮސްޕިޓަލްގެ ސޫރައެއްވެސް ނުފެންނާނެއެވެ."

ތިރްލޯކް ކުރަކި އަޑަކުން ބުންޏެވެ.

"ރޫޕާއެވެ..... އަހަރެން...... އަހަރެން.... ދަނީއެވެ."

"ދެން ދުރުވާނީ ކިހާ އިރަކުންތޯއެވެ."

"ވަރަށް އަވަހަށް އަންނާނަމެވެ."

"އަޅުގަނޑު ވަރަށްބޮޑަށް ދަރިފުޅު ދެކޭ ހިތްވެއެވެ. ޑަކްޓަރާ ބައްދަލު ކުރައްވާއިރު ނަންގަނެގެން ޕްރަބާއާއެކު ދަރިފުޅުވެސް ގެންނަވަން ވާނެއެވެ."

"އާއެކެވެ........"

ދެން ތިރްލޯކް ހަލުވިކަމާއެކު ބޭރަށް ނުކުމެއްޖެއެވެ. ކިޝޯރު އޭނާގެ ފަހަތުން ނުކުމެއްޖެއެވެ.



+ + + + +

ކޯޓްގައި ޖަޖްގެ ކުރިމަތީގައި، ދަޢުވާ ހުށަހަޅާ ވަކީލު މައްސަލައިގެ ހުރިހާ ތަފްޞީލަކާއެކު ހުރިހާ ހެއްކެއްވެސް ހުށަހަޅައިފިއެވެ. އެންމެ ފަހުން އޭނާ ކޮށިގަނޑުގައި ހުރި ތިރްލޯކާ ދިމާއަށް އިޝާރަތް ކުރަމުން ހަރުކަށި އަޑަކުން ބުންޏެވެ.

"ޢިއްޒަތްތެރި ޖަޖްއެވެ. އަޅުގަނޑު އެދެނީ މިކަހަލަ ނުލަފާ ކުށްވެރިންނަށް ގަދަފަދަވެގެންވާ ޢުޤޫބާތް ދިނުމެވެ. މީނާ ރޭވުމެއް ރާވައިގެން ހަމައެކަނި ވިހިހާސް ރުފިޔާ ވަރަށް ނެގީކީ ނޫނެވެ. އެއްވެސް ކުށެއްނެތް އިންސާނެއްގެ ފުރާނަވެސް ދުއްވާލީއެވެ. މިއީ ހަމައެކަނި ޤާނޫނުގެ ކުށްވެރިއެއް ނޫނެވެ. އިންސާނިއްޔަތުގެވެސް ކުށްވެރިއެކެވެ. އަމިއްލަ އަނބިމީހާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެއްވެސް ކުށެއްނެތް އަންހެނެއްގެ ފިރިމީހާ ދުނިޔެއިން ވަކިކޮށްލީއެވެ. އޭނާގެ ދެކުދިން ދުނިޔެއަށް ގިނަ ކޮށްލީއެވެ"



ސަރުކާރީ ވަކީލު ބެންޗުގައި ތިބި ޗޯކީދާރުގެ އަންހެނުންނަށާއި ދެކުދިންނާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. އެ އަންހެން މީހާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އަދި އޭނާގެ ދެކުދިން ނަފްރަތުގެ ލޮލަކުން ތިރްލޯކާ ދިމާއަށް ބަލަމުން ގެންދިޔައެވެ. އަދި އޭނާގެ ދެކުދިން ނަފްރަތުގެ ލޮލަކުން ތިރްލޯކާ ދިމާއަށް ބަލަމުން ގެންދިޔައެވެ. ކުރިމަތީގައި ހުރި ބެންޗްގައި ތިބި ކިޝޯރާ ޕްރަބާގެ ލޮލުން ފިކުރު ބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ.

ޖަޖް ތިރްލޯކާ މުޚާޠަބުކޮށް ބުންޏެވެ.

"ތިރްލޯކްއެވެ. ކަލޭގެ އަމިއްލަ ދިފާޢުގައި އެއްވެސް އެއްޗެއް ބުނަން ބޭނުން ހެއްޔެވެ."

"ނޫނެކެވެ. ސާހިބާއެވެ. އެ ދައްކަވަނީ ތެދުވާހަކައެވެ. އަޅުގަނޑު ހުރީ އަންހެނުންގެ އޮޕަރޭޝަނަށްޓަކައި ވިހިހާސް ރުފިޔާ ބޭނުންވެފައެވެ. އެހެންކަމުން އަޅުގަނޑު ވައްކަމެއް ރޭވީއެވެ. އެހެން ނަމަވެސް ކުށެއްނެތް ޗޯކީ ދާރު އަޅުގަނޑު ޤަޞްދުގައި މަރާނުލަމޭ މިދަންނަވާ ދެންނެވުމަކީވެސް ތެދެވެ. އަޅުގަނޑު ޤަޞްދުކުރީ ފިލުމަށެވެ. ޗޯކީދާރު އުޅުނީ އަޅުގަނޑު ހިފާ ހައްޔަރު ކުރުމަށެވެ. ދަނޑިވަޅު ބަލާފައި އަޅުގަނޑު އޭނާގެ ގައިގައި ބެއްދީއެވެ. ދެފަހަރަށް ބަޑިގޮވިއެވެ. އެއާއެކު ވަޒަން ހުސްވެފައިވާ ބަޑި އަޅުގަނޑުގެ އަތުގައި ޖެހުނެވެ. އަޅުގަނޑު ގަސްތުކުރީ އޭނާ މަރާލާކަށް ނޫނެވެ. އެހެން ނަމަވެސް ވީ ކިހިނެއްކަމެއް ނޭގުނެވެ. އަވަހަށް ސަލާމަތްވާންވެގެން އަޅުގަނޑަށް ބަޑީގެ މުށްގަނޑުން އޭނާގެ ބޮލުގައި ޖެހުނީއެވެ. މިކުރެވުނު ކުށާމެދު އަޅުގަނޑު އެއްބަސްވަމެވެ. އަޅުގަނޑަށް ކުށެއްނެތް އިންސާނަކު މަރާލެވިއްޖެއެވެ. އަންހެނަކަށް ބިކަ ޙާލު ޖެއްސިއްޖެއެވެ. ދެކުދިން ޔަތީމު ކުރެއްވިއްޖެއެވެ. އެހެންކަމުން އަޅުގަނޑު ކުށުގެ ސަޒާ ލިބިގަތުމަށް ތައްޔާރު ވެއްޖައީމެވެ. އަޅުގަނޑު ޝަރީޢަތުން އެއްވެސް އޯގާވެރި ކަމަކަށް ބޭނުންމެއްނޫނެވެ. އަދި ކުށެއްނެތް މީހަކު ކަމުގައި ދަޢުވާ ކުރާކަށްވެސް އަޅުގަނޑު ބޭނުމެއްނޫނެވެ."

ޖަޖް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ކަލޭގެ އަމިއްލަ ޚަރަދުގައި ދިފާޢީ ވަކީލަކު ޝަރީއަތަށް ޙާޟިރު ކުރެވިދާނެއެވެ."

"ސާހިބާއެވެ. އަޅުގަނޑު އަމިއްލަ ކުށް ޤަބޫލު ކުރާއިރު ވަކީލެއްގެ ބޭނުމަކީ ކޮބައިތޯއެވެ؟"

ކުއްލިއަކަށް ވަކީލަކު ތެދުވެފައި ބުންޏެވެ.

"ކޮންމެ ކުށްވެރިޔަކަށްވެސް ދިފާޢީ ވަކީލަކު ބޭނުން ވާނެއެވެ. އަޅުގަނޑަކީ ތިރްލޯކްގެ ދިފާޢީ ވަކީލެވެ. މިކޭސް އަޅުގަނޑާ ޙަވާލުކުރެއްވީ މިސްޓަރ ކިޝޯރު ކުމާރެވެ."

ތިރްލޯކްގެ ތުންފަތް ތުރުތުރު އަޅާލިއެވެ. ދިފާޢީ ވަކީލު އޭނާގެ ވާހަކަ ޖަޖަށް ހުށަހެޅުމުން ސަރުކާރުގެ ވަކީލު ކޮޅަށް ތެދުވެފައި ބުންޏެވެ.

"ޖަޖް ސާހަބްއެވެ. ކުށްވެރިޔާ އަމިއްލައަށް ކުށް ޤަބޫލުކުރާއިރު އަދި ހުރިހާ ހެއްކެއް އޭނާއާ ޚިލާފުވާއިރު ދިފާޢީ ވަކީލެއްގެ އޮތީ ކޮން ބޭނުމެއްކަން އަޅުގަނޑަކަށް ނުވިސްނެއެވެ."

ދިފާޢީ ވަކީލު ހިނިތުން ވެލާފައި ބުންޏެވެ.

"ޖަޖް ސާހަބްއެވެ. ސަރުކާރީ ވަކީލަކީ އަބަދުވެސް ގަދަފަދަ ވެގެންވާ ސަޒާ ދިނުމަށް އެދި ދަންނަވަން އާދަވެފައިވާ ބޭކަލެކެވެ. އެހެން ކަމާއެކު ދިފާޢީ ވަކީލެއްގެ ބޭނުމާ މުހިންމުކަން އޭނާއަކަށް ވިސްނިއެއް ނުލައްވާނެއެވެ."

ދެން ހިނދުކޮޅަކަށްފަހު ދިފާޢީ ވަކީލު ބުންޏެވެ.

"އަޅުގަނޑު ދިފާޢީ ވަކީލެއްގެ ގޮތުން މިތެދުވީ ކުށްވެރިޔާގެ ކުށެއް ނެތްކަން ސާބިތު ކުރުމަށްޓަކައި ޝަރީޢަތުގެ ވަގުތު ބޭކާރު ކުރާކަށް ނޫނެވެ. އާދެ! އަޅުގަނޑު ހާމަކުރާނީ ތިރްލޯކް ގަދަފަދަ ސަޒާއިން ސަލާމަތް ވާވަރުގެ ނުކުތާ ތަކެކެވެ."

"ސާހިބާއެވެ." ސަރުކާރީ ވަކީލު ބުންޏެވެ. "މިފަދަ ބޮޑު ކުށްވެރިއެއްގެ ކުށް ލުއިކުރުމަށްޓަކައި ދެއްކޭނީ ކޮންކަހަލަ ނުކުތާ ތަކެއްކަން އަޅުގަނޑަކަށް ނުވިސްނެއެވެ."

"ކިތަންމެ ނުކުތާއެއް އެބަހުއްޓެވެ." ދިފާޢީ ވަކީލު ބުންޏެވެ. "އެންމެ ފުރަތަމަ ކަމަކީ ތިރްލޯކުގެ ކުރީގެ ރެކޯޑުތަކަށް ބަލާއިރު އެއްވެސް ކަހަލަ ކުށެއް ފެންނަން ނެތްކަމެވެ. އޭނާއަކީ ކިޔަވައިގެން ހުރި މީހެކެވެ. ބޮޑު ފާމެއްގެ ކާތިބެއްގެ ގޮތުން މޭޒު ދޮށުގައި އިންނަ މީހެކެވެ. ކާތިބުކަމުގައި އުޅެމުންވެސް އެއްވެސް ކަހަލަ ނޭދެވޭ ޢަމަލެއް ކޮށްފައެއް ނެތެވެ. މީގެ އިތުރުން އޭނާ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ ގޭގެ ވެރި ފަރާތުން ދުވަހަކުވެސް އޭނާއާމެދު ޝަކުވާއެއް ނުކުރެއެވެ. އެމީހުން ހީކުރަނީ ތިރްލޯކަކީ އެ ގޭގެ މީހެއް ކަމުގައެވެ. މިކަމުގެ ހެކިވެސް ފެންނަން އެބަހުއްޓެވެ. ތިރްލޯކްގެ އަންހެނުން އޮތީ ހޮސްޕިޓަލްގައެވެ. އޭނާ ހޮސްޕިޓަލަށް ވަން ދުވަހުން ފެށިގެން އޭނާގެ ކިރުބޮއިބޮއި އޮތް ޅަކުއްޖަކު ބަލަމުން ގެންދަނީ ގޭގެ ވެރި އަންހެން މީހާއާއި އޭނާގެ ހުވަފަތް ދަރިފުޅެވެ. އަދި މިއިންނެވި އެސިސްޓަންޓް މެނޭޖަރަކީ އޮފީހުގެ އެކުވެރިއެކެވެ. މާބޮޑު ގުޅުމެއްހުރި މީހެއް ނޫނެވެ. އެކަމަކު ތިރްލޯކްގެ އަންހެނުން އޮޕަރޭޝަން ކުރުމުގެ ޚަރަދުގައި ހިފީވެސް އޭނާއެވެ."



ސަރުކާރީ ވަކީލު ބުންޏެވެ.

"ތިޔަ ދައްކަވާ ވާހަކަތަކާ ކުށްވެރިޔާގެ ކުށަކާ ގުޅުމެއްނެތެވެ."

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 37 އިން 40 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން