ފޮޓޯ: މާފުށީ ކައުންސިލް
ފޮޓޯ: މާފުށީ ކައުންސިލް
ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ އެންމެ މަގުބޫލު އެއް މަންޒިލް ކަމަށްވާ ކ. މާފުށީގައި ހުރި މިސްކިތްތަކުގެ މަރާމާތު މަސައްކަތްތަކަށް، އެ ރަށަށް ޗުއްޓީ ހޭދަކުރަން ދިޔަ ތުރުކީވިލާތުގެ ފަތުރުވެރިޔަކު ދީލަތި މާލީ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

މި އެހީތެރިކަން ދީފައިވަނީ ތުރުކީން މާފުށްޓަށް ޒިޔާރަތްކުރި ފުންދާ އޮޒްކުޗޫ ނަމަކަށް ކިޔާ ފަތުރުވެރިއެކެވެ. އޭނާ ހަދިޔާކުރި ފައިސާގެ އެހީ ކައުންސިލާ ހަވާލުކުރުމަށްޓަކައި ބުދަ ދުވަހު މާފުށީ ކައުންސިލް އިދާރާގައި ވަނީ ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ އޭނާގެ މި ހެޔޮ އަމަލުގެ އަގުވަޒަންކޮށް، ޝުކުރު އަދާކުރުމުގެ ގޮތުން ހަނދާނީ ރަމްޒީ ހަދިޔާއެއް އަރުވާފައެވެ. ނަމަވެސް އެ ފަތުރުވެރިޔާ ހަދިޔާކުރި ފައިސާގެ ޖުމްލަ އަދަދެއް ކައުންސިލުން ހާމައެއް ނުކުރެއެވެ.

މާފުށީ ކައުންސިލުން މީސްމީޑީއާގައި ޙިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ މިސްކިތްތަކުގެ ކަރަންޓު ވިއުގައަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، މަރާމާތު ކުރުމަށް ކަމަށެވެ.

ޖުމްލަ ތިން މިސްކިތް ހުންނަ މާފުށީގެ ކައުންސިލުން ވަނީ މިސްކިތްތަކުގެ ހާލަތު ރަނގަޅުކުރުމަށް ފަތުރުވެރިޔާ ވެދިން ދީލަތި އެހީއަށް ނުހަނު ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުން އަންނަ މާފުއްޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބޭރުގެ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ރަށެވެ. އަދި މީގެކުރިންވެސް ފަތުރުވެރިންނާއި، އިންވެސްޓަރުންގެ ފަރާތުން އެރަށުގެ މިފަދަ ދީނީ އަދި އިޖުތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު