ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެއް ސާބިތުވެ، ޒުވާނަކު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 750،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ މާލޭ، މ. ދާރުލްޤަރާރު، އިސްމާއީލް ވިޝާލްގެ މައްޗަށެވެ.

މިއީ 2025 ސެޕްޓެންބަރު 14 ވަނަ ދުވަހު މާލޭގެ އަސުރުމާގޯޅިން ހިނގާފައި ދިޔަ ނ. ލަންދޫއަށް ނިސްބަތްވާ މީހެއްގެ ފަހަތުން ގޮސް، ވަޅިއެއް ބޭނުންކޮށްގެން އޭނާއަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައެކެވެ. ވިޝާލްގެ މައްޗަށް ދައުލަތުން މި ދައުވާ އުފުލާފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގައެވެ.

މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި އަނިޔާ ލިބުނު ފަރާތާއި އިތުރު ހެކިވެރިޔަކު އެއްބާރުލުން ނުދޭ ހެކިންގެ ގޮތުގައި ކަނޑައަޅަން ޖެހުނު ނަމަވެސް، ފުލުހުންގެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި، ސީސީޓީވީ ފުޓޭޖްތަކުގެ އިތުރުން ސިއްރު ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށް، އެ އަމަލު ހިންގީ ވިޝާލްކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޛިހުނީ އިއްވެވި މި ހުކުމުގައި، ވިޝާލް މި މައްސަލައިގެ ތަހުގީގަށާއި ޝަރީޢަތަށް ބަންދުގައި ހޭދަކުރި 4 މަހާއި 11 ދުވަސް ޖަލު އަދަބުން އުނިކުރުމަށްފަހު، އޭނާ މިހާރު ތަންފީޒުކުރަންޖެހޭ ސާފު ޖަލު މުއްދަތަކީ 9 އަހަރާއި 7 މަހާއި 19 ދުވަސް ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

މި މައްސަލައިގެ އިތުރުން ވެސް، އެހެން ކުށެއް ސާބިތުވެގެން ވިޝާލް މިހާރު ވެސް ދަނީ ތަންފީޛީ ބަންދެއް ފުރިހަމަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު