ކޯވޮޑް-19 ގެ ހާލަތާއި ބެހޭގޮތުން އެއްކުރެވިފައިވާ މައުލޫމާތުގެ ގްރާފްއެއް
ކޯވޮޑް-19 ގެ ހާލަތާއި ބެހޭގޮތުން އެއްކުރެވިފައިވާ މައުލޫމާތުގެ ގްރާފްއެއް
ކޯވިޑް-19 ގެ ކަންތައް މި ރޯދަ ޢީދާ އެކީ ނިމޭނެ ކަމަށް ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެއެވެ. ޑރ. ހަސަން ހަމީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށް ރޭ މައުލޫމާތު ދެއްވަމުންނެވެ.

ޑރ. ހަސަން ވިދާޅުވީ، ކޯވިޑްގެ މިވަބާ ވަރަށް ދިގު ދުވަސްތަކެއް ވަންދެން ކުރިއަށްދާނެ ކަމަށް ގިނަ ބަޔަކު ހީކުރާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ ކޯވިޑް-19 ގައި އަރާނެ ކަމަށް ބުނަމުން އަންނަ ޕީކް، މާޒީވެއްޖެ ކަމަށެވެ.

"އެންމެ އުއްމީދީ ގޮތަށް ވިސްނައިފިއްޔާ ހަގީގަތުގައި ހަމަ އީދު އައުމާ އެކީގައި މިކަން ނިމިގެންދާނެ."

ޑރ. ހަސަން ވިދާޅުވީ ކޯވިޑް-19 ގައި އެންމެ މާޔޫސް ގޮތްތަކަށް ކަންތައް ކޮށް އެންމެ ގިނަދުވަހު ލޮކްޑައުންގައި އޮތީ، އިޓާލީ ވިލާތް ކަމަށާއ، އެގައުމުން ލޮކްޑައުން ނިންމާލީ 76 ދުވަހުން ކަމަށެވެ. އަދި އޭޕްރީލް 15 އިން 76 ދުވަހުގެ ލޮކްޑައުން ރާއްޖޭން ގުނައިފި ނަމަ އެންމެ ގޯސްކޮށް ބެއްޔަސް އެ މުއްދަތު ޖުލައި އެކަކަށް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށްގިނަ ބޭފުުޅުންނަށް ހީފުޅުވެފަ އޮންނަނީ، ކޮވިޑްގެ މިވަބާ، ނޫނީ މިރޯގާ، ވަރަށް ދިގު ދުވަސްތަކެއް ވަންދެން ހިނގައިދާނެކަމަށް، އެކަމަކު ދުނިޔޭގެ ކަންތައް ހިނގާގޮތަށް، ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ، އެންމެ ކާމިޔާބު ކަމާއެކީ މިކަން ކޮންޓްރޯލްކުރި ނިއުޒީލެންޑްގައި މި ހޯމަ ދުވަހު ހުރިހާ ސްކޫލްކުދިން އެނބުރި ސްކޫލްތަކަށް ގޮސްފި، ހަމަ ފުލް ޔުނީފޯމުގައި، އެބޭފުުޅުން ލޮކްޑައުުންގައި ހޭދަކުރީ 49 ދުވަސް، އަޅުގަނޑުމެން ލޮކްޑައުން މިކުރީ އޭޕްރީލް 15 ވަނަ ދުވަހު." ޑރ. ހަސަން ވިދާޅުވިއެވެ.

ޑރ. ހަސަން ވިދާޅުވީ މިކަން އަހަރަކަށް، ދެ އަހަރަށް ދެމިގެންދާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވާއިރު އޭގެ އެއްވެސް ދަލީލެއް ދެއްކެން ނެތް ކަމަށެވެ.

"އެކަމަކު ދުނިޔޭގެ އެތައް ގައުމަކުން ހަމަ، ފަހަރަކު ގައުމެއް އޯޕަންއަޕް ކުރަމުން އެދަނީ، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަނެއްކަމަކީ، އީދު މިއަންނަނީ 23 ސަޓަޑޭގަ."

ޑރ. ހަސަން ވިދާޅުވީ މި ބަލި ޖެހޭ މީހުންގެ 17.8 ޕަސެންޓް މީހުން ޕޮޒިޓިވް ވަނީ އެއްވެސް އަލާމާތެއް ނުފެނިކަމަށް ވޫހާންގެ ރިސާޗް ރިޕޯޓުގައި ލިޔެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑް ޖެހޭ 54 ޕަސެންޓް މީހުންނަށް އެކަމުގައި އެއްވެސް އަސަރެއް ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ ނިސްބަތަކީ ތިނެއް، ނުވަތަ ހަތަރު ޕަސެންޓް ކަމަށް، ކުރީކޮޅުގައި ބައެއް ޑޮކްޓަރުން ބުނި ނަމަވެސް މިބަލީގައި މަރުވާ މީހުންގެ ނިސްބަތަކީ، 0.24 އިންސައްތަ ކަމަށް އިހަށްދުވަހު ޖަރުމަނުން ބުނެފައިވާ ކަމަށްވެސް ޑރ. ހަސަން ފާހަގަކުރެއްވިއެވެ.

ޑރ. ހަސަން ވިދާޅުވީ ކޯވިޑް-19 ގައި ބުނެފައިވާ ޕީކް ނުފެންނަނީ، ރާއްޖޭގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅު ތަކުގެ ހަރުދަނާ ކަމުން ކަމަށެވެ.

ޑރ. ހަސަން ހަމީދު މިމޭރުމުން ވާހަކަދެއްކެވި އިރު، ރާއްޖޭގެ ސިއްހީ މާހިރުން އެންމެ ފަހުން އާންމުކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޕީކު އަންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް މިދިޔަ ތިން ހަތަރު ދުވަހެއްގެ ތެރޭގައި ރާއްޖޭގައި އަލަށް ފެންނަ ޕޮޒިޓިވް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު


-12

7432

20-May-2020

ދެ ފުރަބަންދުގައި ރައްރަށައް ގޮސް ތިބި މީހުންނައް މާލެ އާދެވޭތޯ?



ޓްރެންޑިން