އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ (ފޮޓޯ- ރާއްޖެ އެމްވީ)
އިންފޮމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒް މޫސާ (ފޮޓޯ- ރާއްޖެ އެމްވީ)
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މުސާރައަަކީ ސިއްރު ކުރަން ޖެހޭ މައުލޫމާތެއް ނޫންކަމަށް އިންފޮމޭޝަން ކަމިޝަނަރުގެ އޮފީހުން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒް ކޮމެޓީއަށް ސްޓެލްކޯގެ އެމްޑީ ފޮނުވި ސިޓީއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ސިޓީ ލީކުވި ސަބަބު ހޯދުމަށް ސްޓެލްކޯ އިން ވަނީ އެދިފައެވެ. އަދި އެ މައްސަލާގައި އިއްޔެ ވަނީ ކޮމެޓީއެއް ބާއްވާފައެވެ.

އެ ސިޓީއަކީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ސްޓެކްލޯގެ އެމްޑީ ހަސަން މުޣުނީއާއި، އެސްއޯއީ ކޮމެޓީގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުން ސްޓެލްކޯ އިން ފޮނުވި ސިޓީއެކެވެ.

އެކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މައުމާތެއް ނޫން ކަމަށެވެ.

އަދި އެއީ މައުލޫމާތު ހޯދައިލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތަކަށް ވީހިނދު، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މުސާރަ ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުވާން ޖެހުނު ސަަބަބު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނެފައި ވެއެވެ.

އެކަން ތަހުގީގު ކުރެއްވުމުގެ ބަދަލުގައި ހާމަކަން ބޮޑު ހިންގުމުގެ ސަގާފަތެއް ގާއިމުކުރުމަށް މަސައްކަތްކުރެއްވުމަށް އިންފޮމޭޝަން ކޮމިޝަނަރ ވަނީ ގޮވާލައްވާފައެވެ. ހާމަކަން ބޮޑު ހިންގުމުގެ ނިޒާމެއް ގާއިމުކޮށް، އެ ސަގާފަތަށް އަހުލުވެރިވުމަކީ ފަސާދަ މަދުވެ، ދައުލަތާއި މެދު ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ކޮމިޝަނަރގެ ބަޔާނުގައިވެއެވެ. އަދި އެކަމަކީ އިދާރާތަކުގެ ތަސައްވުރު ރަނގަޅުވެގެންދާނެ ކަމެއްކަން ފާހަގަކުރައްވައި އެ މަގަށް ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުންވެސް މަސައްކަތް ގެންދިއުމަށް އިންފޮމޭޝަން ކޮމިޝަނަރ ހުސެން ފިޔާޒް މޫސާ ވަނީ ހަނދާންކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން