ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
މާލޭގައި ރަށަށް ނުދެވި އެތައް ބަޔަކު ތާށިވެފައި ތިބޭތާ މަސްދުވަސް ފަހުން 830 މީހުން ކަރަންޓީނަށް ފޮނުވިގެން ވަރަށް ފަޚުރުވެރިކަމާއެކު ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ އެވާހަކަ އާންމު ކުރައްވައިފިއެވެ.

ދާޚިލީ ވަޒީރު މިއަދު މިފަދަ މައުލޫމާތުތަކެއް އާންމުކުރައްވާފައި މިވަނީ މާލެސިޓީ ލޮކްޑައުން ކުރުމުގެ ސަބަބުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވުމުގެ މަސައްކަތް ދިގު ދަންމަމުން ދާތީ އެކަމާމެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެވާހަކަ ދެއްކެވި ފަހުންނެވެ.

ޢިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކި ބޭނުންތަކުގައި މާލެ އައިސް އުޅެނިކޮށް މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ތާށިވި މީހުންގެ ތެރެއިން 830 މީހުން މިހާރު ކަރަންޓީނަށް ފޮނުވާފައިވާ ކަމަށެވެ. އަންނަ އާދިއްތަ ދުވަހުގެ ކުރިން މަދުވެގެން 1،800 މީހުން ރަށަށް ފޮނުވުމަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ މާލޭގައި ތާށިވެފައިތިބި މީހުން ރަށްރަށަށް ފޮނުވުމުގެ ކުރިން ކަރަންޓީން ކުރުމަށެވެ. އެކަމަށް ހަތް ރިސޯޓެއް ވަނީ ހަމަޖައްސައިފަ އެވެ. އެއީ، އައްޑޫ ހެރަތެރެ އާއި ދ. އިރުވެލި ރިސޯޓްގެ އިތުރުން ޅ. ފުށިފަރު ރިސޯޓާއި ރ. ފުރަވެރި ރިސޯޓާއި ހދ. ހޮނޑާފުއްޓާއި ފ. ފިލިތެޔޮ އަދި މ. މެދުފުއްޓެވެ.

އެ ރިސޯޓުތަކުގައި 14 ދުވަހު ކަރަންޓީން ކުރުމަށް ފަހު ކޯވިޑް-19 އަށް ކުރާ ޓެސްޓް ނެގެޓިވްވުމުން އެ މީހެއްގެ ރަށަށް ސަރުކާރުން އެ މީހަކު ފޮނުވައިދޭނެ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެކަމުގެ ސަބަބުން އެކި ބޭނުންތަކުގައި ކުރު މުއްދަތަށް މާލެ އައިސް ތިބި ގިނަ ބަޔަކު މާލޭގައި ތާށިވެ އޭގެ ތެރެއިން ބައެއް މީހުން ހާލުގައި ޖެހުނެވެ. އެ މީހުންގެ ކެއުމާއި ހުރުމުގެ ކަންކަން ސަރުކާރުން ބަލަހައްޓަމުން އަންނަ ކަމަށް ފަހުން ބުނި ނަމަވެސް އެ ޚިދުމަތް ފޯރުކޮށްދޭން ފެށީވެސް ގިނަ ބަޔަކު ހާލުގައި ޖެހި މަގުމަތިވާން ފެށިފަހުންކަން ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ. މީގެތެރެއިން ބައެއް މީހުން މާލެއައީ ވަރަށް ކުރު މުއްދަތަކަށް ކަމަށްވާތީ ގިނަ ދުވަސްތަކެއްވަންދެން މާލޭގައި ތާށިވެފައި ތިބެންޖެހުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

ހޯމް މިނިސްޓަރ ކުއްލިއަކަށް މިއަދު ރަށްރަށަށް މީހުން ފޮނުވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ ހިސާބުތަކެއް ދެއްވި ނަމަވެސް މާލޭގައި އެތައް ބަޔަކު ތާށިވެ ރަށަށް ނުދެވިފައި ތިބޭތާ މަހެއްހާ ދުވަސް ފަހުން އަށްސަތޭކައެއްހާ މީހުން ކަރަންޓީނަށް ފޮނުވި ވާހަކަ ވިދާޅުވެ ޓްވީޓެއް ކުރެއްވުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެފަދަ ފަރާތްތަކުން ބުނެފައިވަނީ މާލެސިޓީ ލޮކްޑައުން ކުރުމާއެކު ރާއްޖެއިން ބޭރުގައި ތިބި އެތައް ބަޔަކު ރާއްޖެ ގެނަސް ލަގްޒަރީ ރިޒޯޓްތަކުގައި ކަރަންޓީންކޮށް ހެދީ އިމްރާން ފަދަ ބޮޑުންގެ އާއިލާތައް ބޭރުގައި ތިބުމުން އެމީހުން ރާއްޖެ ގެންނަން ވެގެން ކަމަށެވެ.

މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ނުދެވިގެން 5،000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އެކަމަށް ހައްލެއް ހޯދައިދެން ކަމަށް ބުނެ އަތޮޅުތަކަށް މީހުންނަށް ފުރޭނެ އުސޫލެއް ދާދިފަހުން ވަނީ ކަނޑައަޅާފައެވެ. އެ އުސޫލުގައިވާ ގޮތުން އެންމެ ފުރަތަމަ އިސްކަން ދޭނީ އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭސްފަރުވާ އަށް މާލެ އައިސް އެނބުރި ރަށަށް ދެވޭނެ ގޮތެއް ނެތިފައި ތިބި މީހުންނަށެވެ.

އެންއީއޯސީން ބުނެފައިވަނީ 5000 މީހުންގެ އެ ލިސްޓް ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިހާރު 1600 އަށް މަދު ކޮށްފައިވާ ކަމަށެވެ.

މާލޭގައި ތާށިވެފައި ތިބި މީހުން ރަށަށް ފޮނުވައި ދިނުން ލަސްވަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި މިކަމަށް ހައްލެއް ނުހޯދި ލަސްވަމުންދާތީ ރައީސް ނަޝީދު ވަނީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގެން ކަމާބެހޭ ވަޒީރުންނަށް އިންޒާރެއް ވެސް ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަދަރު

20-May-2020

ޥައިރަސް ރަށްރަށުގަ ފެތުރިދާނެތީ އެމީހުން ނުފޮނުވީ. ނަސިދަކީ ހުރިހާކަމެއް ދަންނަކަމަށް ހެދިގެން އުޅޭ ރޯނުއެދުރެއް.



ޓްރެންޑިން