ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛް އިބްރާހިމް ރިފްޢަތު
ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛް އިބްރާހިމް ރިފްޢަތު
ސުޕްރީމް ކޯޓުން ޝަރީޢަތްތައް ލައިވް ކުރުމަކީ އިންސާފު ލިބޭކަން ރައްޔިތުންނަށް ކަށަވަރުވާނެ ކަމެއް ކަމުގައި ދަޢުލަތުގެ ބަންޑާރަނާއިބު އަލްއުސްތާޛް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ސުޕްރީމްކޯޓުން އޮންލައިންކޮށް ޝަރީއަތްތައް ބާއްވަން ނިންމި ޚަބަރު ހިއްސާކުރައްވަމުން ރިފްއަތުު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ތާރީޚީ ބޮޑު ބަދަލެއް ކަމަށާއި ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ޝަރީއަތްތައް އަވަސްވެ، އިންސާފު ހޯދަން ހިނގަން ޖެހޭ މަގު ކުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޭނުންބޮޑު ތާރީޚީ ބަދަލެއްް: ޓެކްނޮލޮޖީ ބޭނުންކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވޭ. އަދި ޝަރީޢަތް އަވަސްވެ، އިންޞާފު ހޯދަން ހިނގަންޖެހޭ ދިގު މަގު ކުރުވެގެންދާނެ. ކޯޓުތަކުގެ އަބުއިކަން މާޒީވެ ޝަރީޢަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންޞާފް ލިބޭކަން އިޙުސާސްކުރެވޭނެ." ރިފްއަތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަވާއިދުގައިވާ ގޮތުން މީހުން ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ހާލަތްތަކުގައި އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށެވެ.

އަދި ހާލަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރާ ކޯޓު ރޫމުގައި ނުވަތަ އެ ނޫން އެހެން ތަނެއްގައި ވެސް ފަނޑިޔާރުން ތިބެގެން އެފަދަ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

އެކަމަކު ކޮންމެ ތަނެއްގައި ތިބެގެން އަޑުއެހުންތައް ކުރިއަށް ގެންދިޔަޔަސް، ވަކީލުން ކޯޓު ފަޓުލޫނުގައި ތިބެން ޖެހޭއިރު، ފަނޑިޔާރުން ތިއްބަވާނީ ގައުނު ތުރު ކުރައްވައިގެން ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ. ހެކިންނާއި އެކްސްޕާޓުންގެ ހެކިބަސް ވެސް އޮންލައިންކޮށް ނެގުމާއި ހުކުމް ކުރުމުގެ އަޑުއެހުންތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެކަމަކު އޮންލައިންކޮށް އަޑުއެހުން ކުރިއަށް ގެންދިޔަޔަސް ޝަރީއަތުގެ އާންމު އުސޫލުތައް އެފަދަ އަޑުއެހުންތަކުގައި ވެސް ހިފަހައްޓަން ޖެހޭ ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން