އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
އައްޑޫ ރައްޔިތުން ބޭނުންވަނީ ކުއްލި މައްސަލައެއް ނޫނަ ކަމަށާއި، ކުއްލި ޙައްލެއް ކަމަށް އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫގެ މަގުތަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.

އެކަމާގުޅިގެން ކުރީގެ މެމްބަރު އައިބީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "މިހާލަތުގައި ރައްޔިތުން އެދި ގޮވަނީ ދާއިރާގެ މެމްބަރު ކުއްލި މައްސަލަ ހުށަހެޅުމަކަށް ނޫނެވެ. ކުއްލި ހައްލު ހޯދުމަށެވެ. އަދި ކުއްލި ނަތީޖާ ނެރެދެއްވުމަށެވެ."

އައިބީ ވިދާޅުވީ ފޭދޫ އަކީ އާއްމުކޮށް ބޯކޮށް ވާރޭ ވެހޭއިރު ފެންބޮޑުވެ ޖަންގްޝަންތަކުން ނަޖިސް ބޭރުވެ ރައްޔިތުންގެ މުދަލާއި އާއްމު ދިރިއުޅުމާއި ސިއްހަތަށް ނުހަނު ގެއްލުންވާ ރަށެއްކަމަށާއި، އޭނާ މަޖިލީހުގައި މަސައްކަތް ކުރެއްވި 5 އަހަރު ތެރޭގައި ވާނީ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބަޖެޓުގައި 70 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިމަނައި، ޓެންޑަރކޮށް، އެވޯޑްކޮށް އަދި އެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތުގެ ބޮޑުބައި ނިންމާފައި ކަމަށެވެ.

މިގޮތުން ސާފުބޯފެނުގެ ޕްރޮޖެކްޓް ނިމި ބޭނުންކުރަމުން ދާކަމަށާއި، ނަރުދަމާގެ ޕްރޮޖެކްޓްވަނީ އަމަލީ މަސައްކަތް އެއްކޮށްނިންމައި ހިންގުމަށް ޒިންމާވާ ކުންފުންޏާއި ހަވާލުކުރެވިފައި ކަމަށާއި ފެންހިންދާ ނިޒާމުގެ ޕްރޮޖެކްޓްވަނީ 90 އިންސައްތަ މަސައްކަތް ނިމިފައި ކަމަށް އައިބީ ވިދާޅުވިއެވެ.

"ނަމަވެސް 2018 ވަނައަހަރު ސަރުކާރު ބަދަލުވެ ޖެހިގެން އައި އަހަރު މިހާރުގެ މަޖިލިސް މެމްބަރު މަޤާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން ފާއިތުވެ ދިޔަ އެއް އަހަރުތެރޭގައި ވަނީ އެ ދެ ޕްރޮޖެކްޓް މުޅިން ހުއްޓި ކުރިއަށްނުގޮސްފައެވެ. މި މުއްދަތުގައި އެކި ފަހަރު މަތިން ފޭދޫގައި ފެންބޮޑުވެ ރައްޔިތުން ހާލުގައިޖެހިގެން ދިޔައިރު ފޭދޫ ދާއިރާގެ މެމްބަރަށް މިހާރުގެ ތިމާވެށި މިނިސްޓަރާއި މިކަމާއި ބެހޭގޮތުން ޤާނޫނީގޮތުން ސުވާލު ނުކުރެވިފައިވާކަމީ މެމްބަރުގެ ޤާނޫނީ ވާޖިބު އަދާނުކުރެވުންކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ." އައިބީ ވިދާޅުވެފައިވެއެވެ.

މިޕްރޮޖެކްޓް ނުނިމިގެން އުޅޭ ސަބަބު ރައްޔިތުންނަށް ތަފްސީލުކޮށް އޮޅުންފިލުވައި ނުދެވިއޮތުމާއި އަދި މިޕްރޮޖެކްޓް ނިންމުމަށް ދާއިރާގެ މެމްބަރަށް ނަތީޖާނެރެވޭފަދަ މަސައްކަތްތަކެއް ނުކުރެވި އޮތުމަކީ ރައްޔިތުންގެ ހާލު ރަނގަޅަށް ބަލައި އަދި ދާއިރާގެ ހާލަތު ވަޒަންކޮށް ރައްޔިތުން ތަމްސީލުކުރުމަށް މެމްބަރު ނުކުޅެދިފައިވާކަން ކަމަށްވެސް އައިބީ ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މި ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ވަކި ސިޔާސީޕާޓީއަކާއި ހަވާލުކުރުމަށް ފޭދޫދާއިރާގެ ރައްޔިތުން ދެއްވި ވޯޓަށް އިޚްތިރާމްކުރާ ހާލު މިމައްސަލަ ވަގުތުން ވަގުތަށް ހައްލުކުރުމުގެ ޒިންމާ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު ނަންގަވައި ސަރުކާރާއި ކަމާއިބެހޭ އިދާރާތައް މެދުވެރިކޮށް، ރައްޔިތުންނަށް ފެންބޮޑުވުމުގެ ސަބަބުން އިތުރު ގެއްލުންތަކެއް ނުލިބެނީސް މި މައްސަލަ ހައްލުކޮށްދެއްވުމެވެ." އައިބީ ވިދާޅުވިއެވެ.

މީގެއިތުރުން އައިބީ ވަނީ ކައުންސިލާއި މަޖިލިސް އަދި ސަރުކާރު އެއް ސިޔާސީޕާޓީއަކަށް ހަވާލުކުރެވި، އެސަރުކާރުން ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަނޑައަޅުއްވާފައިވާ މިނިވަން މުއައްސަސާތަކާއި ކޯޓުތަކުގެ ފަނޑިޔާރުން ތިބެމެ ގިނަ ރައްޔިތުންނާއި ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއްގެ ފަސޭހަ ހައްލެއް އޮއްވާ އެހައްލު ނުހޯދި އެއްއަހަރު ފާއިތުވެ ގޮސްފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި ޒިންމާ ނެންގެވުމުގެ ބަދަލުގައި ދާއިރާގެ ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވަމުން ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަތައް އައިބީ ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި އެކަމުގައި ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންނެވުމަށް ވެސް އައިބީ ވަނީ ނިހާދަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


23

ޙހހ

20-May-2020

ޢެމްޑީޕީއާ ހެދި މަރުދީގެން އައްޑުއަށްވީ ކަމެއް ނެތް


12

ޙަސަން ބުޝްރީ

20-May-2020

އައްޑޫ ރައްޔިތުން ބޭނުންވާގޮތެއް އައިބީއަކަށް ނޭގޭނެ. ރައްޔިތުންގެ ނަމުގަ ވާހަކަ ބުނެވޭނެ މީހެއްނޫން އައިބީ އަކީ. ފޮނިނުވެބަލަ!


5

ޙަސަން ބުޝްރީ

20-May-2020

އައްޑޫ ރައްޔިތުން ބޭނުންވާގޮތެއް އައިބީއަކަށް ނޭގޭނެ. ރައްޔިތުންގެ ނަމުގަ ވާހަކަ ބުނެވޭނެ މީހެއްނޫން އައިބީ އަކީ. ފޮނިނުވެބަލަ!


10

ދެކުނު މޫސަ

20-May-2020

އައިބީ އަކީ އަހަރެން ގަބޫލު ކުރާ ވާހަކަ އެއް ދެއްކި މީހެއް ނޫން އެކަމަކު މިވާހަކަ ރަނގަޅު



ޓްރެންޑިން