image ގައްދޫ ރަޝީދު   25 ނޮވެމްބަރު 2021 - 15:43
18 ވަނަ ބައި

................

"އަޅުގަނޑު އަންނާނަމެވެ."

ރޫޕާ އަނެއްކާވެސް ތިރްލޯކްގެ އަތުގައި ބޮސްދިނެވެ.

+ + + + +

ސަރުދާރު އައިސް ރޫޕާގެ ވާހަކަ ބުނުމުން ތިރްލޯކު ދުވެފައި ބައްދަލުކުރާ ކޮޓަރިއަށް ހިނގައްޖެއެވެ. ޖާލިގަނޑުގެ އަނެއް ފަރާތުގައި ރޫޕާ ހިނިތުންވެފައި ހުއްޓެވެ. ތިރްލޯކު އަވަސް އަވަހަށް ގޮޅިއަކުން އަތްނެރެ ރޫޕާގެ އަތުގައި ހިފައްޓާލިއެވެ. ކައިރީގައި ހުރި ކިޝޯރު ބުންޏެވެ.

"ކަލޭމެން ވާހަކަ ދައްކާށެވެ. އަހަރެން ބޭރުގައި މަޑުކޮށްލާނަމެވެ."

"ކިޝޯރު ބާބޫއެވެ.........." ތިރްލޯކް އެއްޗެކޭ ބުނަން އުޅުނެވެ.

"ނޫނެކެވެ. ފިރިމީހާއާއި އަނބިމީހާއާއި ދެމެދުގައި ހުރަހަކަށް ވާކަށް އަހަރެން ނޭދެމެވެ."

ދެން ކިޝޯރު ހެމުން ހެމުން ހިނގައްޖެއެވެ.... ރޫޕާ ހިނިތުންވެފައި ބުންޏެވެ.

"ކިޝޯރު ބާބޫއަކީ ވަރަށް މާތް އިންސާނެކެވެ......."

"ދަރިފުޅުގެ ޙާލު ކިހިނެއް ހެއްޔެވެ."

"ވަރަށް ރަނގަޅެވެ. ........" ރޫޕާ ބުންޏެވެ. "މިހާރު ވަރަށް މަޖަލެވެ. ވަރަށް ރީއްޗެވެ. ބޮޑުވަމުން ދިޔަދިޔަހެން ވައްތަރުވަމުން އަންނަނީ ކަލާއާއެވެ. މިއަދު ގޮވައިގެން އަންނަންވެސް ޚިޔާލު ކުރީމެވެ."

"ނޫނެކެވެ. މިތަނަށް ނުގެންނާށެވެ."

"ކީއްވެގެންތޯއެވެ؟"

"ރޫޕާއެވެ. އެއީ އަންހެން ކުއްޖެކެވެ. ޚުދު ކަލޭވެސް މިތަނަށް އަންނަން ބިރުގަނެއެވެ. ވީއިރު އޭނާ އެންމެ ހިނދުކޮޅަކުވެސް ޖަލުގެ ތެރެއަށް ނޭވާ ލިޔަދީގެން ނުވާނެއެވެ. އެއްގޮތަކަށްވެސް އޭނާ ގޮވައިގެން ނާންނާށެވެ."

"އެންމެ ރަނގަޅެވެ. ނުގެންނާނަމެވެ."

"ޕްރަބާއާ މަންމަގެ ޙާލު ކިހިނެއް ހެއްޔެވެ."

"ގަދަވެ އުޅެއެވެ..... ރޫޕާ ރާގު ބަދަލު ކޮށްލާފައި ބުންޏެވެ. "މިއަދު މިއައީ ވަރަށްމީރު އެއްޗެއް ހިފައިގެންނެވެ."

"ރޫޕާއެވެ........ ތިރްލޯކް ބުންޏެވެ. "ކޮންމެވެސް ކަމެއް ފޮރުވަން އުޅޭހެން ހާދަ ހީވެއެވެ."

"ނޫ.... ނޫކެވެ."

"ހުވާ ކުރާށެވެ."

"ނާތްއެވެ.........!!"

"ރޫޕާއެވެ. ފަހަރެއްގައިވެސް އެއްވެސްކަމެއް އަހަންނަށް ފޮރުވަން ނޫޅޭށެވެ."

"ތިޔަ ކަންބޮޑުވެލައްވަނީ އެއްވެސް ކަމަކާނުލައެވެ. އެއްވެސްކަމެއް ގޯހެއް ނުވެއެވެ. އަޅުގަނޑު މި މަސައްކަތްކުރީ މިހާރު ޕްރަބާ އުޅެނީ ގޭގައި ނޫންކަން ހާމަވިޔަ ނުދިމަށްޓަކައެވެ."

"ޕްރަބާ ދިޔައީ ކޮންތާކަށް ހެއްޔެވެ؟"

"އެއްގޮތަކަށްވެސް ނޭނގެއެވެ."

"ދާން ޖެހުނީ ކިހިނެއްވެގެން ހެއްޔެވެ؟"

"ޕްރަބާގެ އުޅުމާމެދު މަންމަ ޝައްކު ކުރީއެވެ. ބައެއްފަހަރު ކިޝޯރުބާބޫއާ ބައްދަލުވެ ނޫޅޭށޭ ބުނެއެވެ. އަނެއްބައި ފަހަރު ގޭން ނުނިކުންނާށޭ ބުނެއެވެ. އަދި ފިރިހެން ކުދީން އޭނާއާ ދިމާއަށް ބަލާތީވެސް ސުވާލު ކުރެއެވެ. މިހެން އުޅެނިކޮށް އެއްދުވަހަކު ޕްރަބާ ގާތަށް ރުޅިއައީއެވެ. އަދި އެގޮތަށް ހުވަފަތްވެގެން ނީންނާނޭ ވާހަކަވެސް މަންމައާ ދިމާއަށް ބުނެފިއެވެ. އޭނާ ދެވަނަ ކާވަންޏެއް ކުރުމާމެދު މުޖްތަމަޢު ހުއްދަކުރާކަމާ ޤާނޫނުވެސް އެކަމަށް ތަންދީފައި ވާކަން މަންމައަށް ހާމަކޮށްދިނެވެ........... އެއާއެކު މަންމަވެސް ދުލަށް އައިހާ އެއްޗެއް ގޮވީއެވެ. އަދިހަމަ އެރޭ ޕްރަބާ ގޭން ނުކުމެގެން ހިނގައްޖެއެވެ. ދިޔައިރު އަޅުގަނޑު ގާތަކުވެސް ނުބުނެއެވެ."

ތިރްލޯކް ހިމޭން ވެއްޖެއެވެ. ދެން އޭނާ ސުވާލުކުރިއެވެ.

"ކަލެޔާ ދިމާއަށް މަންމަ އެއްޗެކޭ ނުބުނޭ ހެއްޔެވެ؟"

"ދެތިން ބަހެއް ބުނެލިއެވެ."

"ކިޝޯރު އަންނަނީ އަޅުގަނޑުގެ ސަބަބުންކަމާ އެދެމީހުން ތަތްކުރުވަނީ އަޅުގަނޑު ކަމުގައި ބުންޏެވެ. މިހާރު ސުވާލުކުރަނީ އަޅުގަނޑު ކައިރިއަށް ކިޝޯރު އަންނަނީ ކީއްވެގެންތޯއެވެ."

"އެހެންވީއިރު ރޫޕާ ތިޔައިންނަނީ ވަރަށް ކަންބޮޑުވެފައި ތާއެވެ."

"ކަންބޮޑު ނުވާންވީ ކީއްވެގެންތޯއެވެ. ކިޝޯރު ގެއަށް ނުވަންނަން ބުނާށޭ އަޅުގަނޑު ގާތުގައި މަންމަ ބުނަނީއެވެ......... ނިކަން ބުނުއްވަ ބައްލަވާށެވެ. އަޅުގަނޑަށް އެވަހާކަ ކިޝޯރުބާބޫ ގާތުގައި ނަންގަނެވޭނީ ކިހިނެއްތޯއެވެ. އޭނާއަކީ އަޅުގަނޑުމެންނަށް ކިހާއެހީއެއް ވެދެއްވާ މީހެއްތޯއެވެ. އޭނާ އަމިއްލައަށް ގެއަށް ޓައިޕްރައިޓަރެއް ގެންގޮސްގެން އަޅުގަނޑަށް ޓައިޕްކުރަން ދަސްކޮށްދިނެވެ. އޭނާގެ އޮފީހުން ވަޒީފާ ހޯދާދިނެވެ. އެހެން ނޫންނަމަ އަމިއްލަ ޚަރަދުތައް ހިންގަން ފައިސާ ލިބޭނެގޮތެއް ނޯންނާނެއެވެ. ހަމައެކަނި ފަހައިގެން ލިބޭ އެތިކޮޅަކުން ދެކޮޅެއް ނުޖެއްސޭނެވެ."

"ކިޝޯރު ބާބޫއަކީ ވަރަށް ރަނގަޅު މީހެކެވެ."

"އެއްކަލަ ސާލަކްރާމް ހުންނަނީ ވަރަށް ދެރަވެފައެވެ. ވާހަކަ ދައްކަނީވެސް ކޮއްކޯއޭ ކިޔައިގެންނެވެ. އަދި މިހުންނަނީ ހަނދާން ނެތިފައެވެ. ކިޝޯރު ބާބޫއަށް ފާމްގެ މެނޭޖަރކަން ލިބިއްޖެއެވެ. ކުރީގެ މެނޭޖަރ ކަލްކަތާގެ ގޮތްޕަށް ބަދަލު ކުރެއްވީއެވެ."

"ވަރަށް މަސައްކަތް ހިނގާ ހެއްޔެވެ."

"ލައްބައެވެ."

"ސޭޓް ސާހަބް އޮފީހަށް ދުރުވޭ ހެއްޔެވެ؟"

"ކޮންމެ ދުވަހަކު ދުރުވެއެވެ."

"މިހާރު މުޅިން ހަމައަކަށް އެޅިއްޖެ ދޯއެވެ."

"ލައްބައެވެ. މިހާރު ސޭޓްގެ ތިމާގެ މީހެއްގެ ދަރިއަކު ގެއަށް ގެންގޮސްފިއެވެ. އަމިއްލަ ދަރިފުޅު ދެކެވާ ލޯބި އެކުއްޖާ ދެކެވެސް ވެއެވެ. މިހާރު ދެން ހީވަނީ އޭނާގެ ދަރިފުޅު މަރުނުވަނީ ހެންނެވެ."

"ވަގުތުވެސް ހާދަ ގިނަ ކުލައަކަށް ބަދަލުވަމުން ދެއެވެ. ރޫޕާއެވެ. ސޭޓް ސާހަބްގެ ދަރިފުޅު މަރުވި ދުވަހު ހީވީ އެ ދެމަފިރިންވެސް މަރުވެދާނެ ހެންނެވެ.

"ވަގުތަކީ ބޮޑެތި ޒަޚަމްތައް ފަސޭހަކޮށްދޭ އެއްޗެކެވެ. ފުރަތަ ކޮޅު ކަލާއާ ބައްދަލުކުރަން އައުމުގެ އެއްދުވަސް ކުރީން ކަރުނަ އޮހޮރެން ފަށައެވެ. އެކަމަކު މިހާރު ކަލާއާ ބައްދަލުކުރަން އައުމުގެ އެއްދުވަސް ކުރިން އުފާވެރިކަން ފެށިދެއެވެ. ކަލާއާ ބައްދަލުކުރަން ދާއިރު ގެންދާނެ ރަނގަޅު ކާއެއްޗެއް ތައްޔާރުކުރުމުގެ ފިކުރު ކުރެވެއެވެ."

މިއަދު ގެނައީ ކޮން އެއްޗެއް ހެއްޔެވެ."

"މިއަދު ގެނައީ ޕޫރީއެވެ........."

"އަސްތާއެވެ. ވަރަށް މަޖާވާނެއެވެ."

ރޫޕާ ޖާލިގަނޑުގެ ތިރިން ތަށިބަރި ދިއްކޮށްލިއެވެ. ދެން ބުންޏެވެ.

"ނާތްއެވެ. އަޅުގަނޑު ކަމަކަށް އެދެންވެއްޖެއެވެ."

"އާއެކެވެ. ބުނެބަލާށެވެ."

"ނާތްއަށް ފެނިލައްވަންޏާ އެހެން ގެއަކަށް ބަދަލުވާން ކަމަށެވެ."

"އެއީ ކީއްވެގެން ހެއްޔެވެ."

"މިހާރު ދަރިފުޅުވެސް ބޮޑުވަމުން އަންނަނީއެވެ. ވަރަށް އަވަހަށް ސްކޫލަށް ވައްދަން ޖެހޭނެއެވެ. މިހެން މިކަން އޮއްވާ މަންމަގެ ހަޑިހުތުރު ބަހުރުވައިން އޭނާގެ ސިކުނޑިއަށް އަސަރުކޮށްފާނެތީ އެކަމަށް ޚިޔާލު ކުރެވެނީއެވެ."

"އެކަމަކު އެހެން ތަނެއް ލިބިދާނެ ހެއްޔެވެ؟"

"އެހެން ގެއެއް ހޯދާ ދީފާނެ ވާހަކަ ކިޝޯރު ބާބޫ ބުނުއްވިއެވެ."

"ކަލެއަށް ފެންނަންޏާ އެންމެ ރަނގަޅެވެ."

"މިކަމުގައި ބޭނުންވަނީ ހަމައެކަނި ކަލާގެ ހުއްދައެވެ."

ދެން ކުއްލިއަކަށް ސަރުދާރު އައިސް ބައްދަލުވުމުގެ ވަގުތު ހަމަވެއްޖެ ކަމުގައި ބުނެފިއެވެ.

+ + + + +

ތިރްލޯކްއާއި ޖަގަންނާތު، ޕޫރީކާން ތިއްބެވެ. ކެއުމުގެ ތެރޭގައި ޖަގަންނާތު ސިއްރުން ތިރްލޯކަށް ބަލާލިއެވެ. އަދި ބުންޏެވެ.

"ރަޙްމަތްތެރިޔާއެވެ. ވާހަކައެއް ބުނަން ހެއްޔެވެ."

"ބުނެބަލާށެވެ."

"ކަލޭގެ އަންހެނުން ކަލެޔާ ބައްދަލުކުރަން އަންނައިރު ކިޝޯރު އަންނަނީ ކީއްކުރަން ހެއްޔެވެ؟"

"އަނެއްކާ އެއްކަލަ ވާހަކަ ފެށީއެވެ..........."

"މިއީ ޝައްކުގެ ވާހަކައެއް ނޫނެވެ. އަދަބު އަޚްލާޤާބެހޭ ސުވާލެކެވެ."

"ރޫޕާ އެކަނި އަލަށް އަންނަން ޖެހިލުންވާތީ ........ އޭނާ އަންނަނީއެވެ. އަނެއްކޮޅުން ބަލާއިރު ޖަލުގެ ބޮޑެތި މީހުންނާވެސް ކިޝޯރުގެ ގުޅުން އޮވެއެވެ. އެގޮތަށް އަންނަތާ ދެއަހަރުވީއެވެ."

"އެކަމަކު އެގޮތް އަހަންނަކަށް ރަނގަޅެއް ނުވިއެވެ."

"ކީއްވެގެން ހެއްޔެވެ؟"

"އަހަރެން އެއްގޮތަކަށްވެސް ކަލޭގެ އަންހެންނުންނާ މެދު ނުބައި ހީއެއް ނުކުރަމެވެ. އެހެން ނަމަވެސް އެހެން ގައިދީން ވަރަށްބޮޑަށް އެކަމާ ފާޑުކިޔައެވެ. ގޮތްގޮތަށް ވާހަކަ ދައްކައެވެ. އެމީހުން ހީކުރަނީކަމުގެ ނަބުއި ގޮތަށެވެ."

"ތިޔަ މީސްމީހުންގެ ނަންތައް ވަކިވަކިން ބުނެބަލާށެވެ. އެކެއް ދޭއް ކިޔާފައި ކަރު އަނބުރަން ފަށާނަމެވެ."

"އެމީހުންގެ ކަރު އަނބުރައިލުމުން ދުނިޔޭގެ ދުލުގައި ހިފެހެއްޓި ދާނެ ހެއްޔެވެ. ނުބައިކަން ރަނގަޅޭ ނުބައިނަން ގޯހޭ ބުނާ އަޑު ނާހަން ހެއްޔެވެ. މިނުބައި ނަމަކީ ވަރަށް ގެއްލުން ދީފާނެ އެއްޗެކެވެ."

ތިރްލޯކް ވިސްނާލިއެވެ. ޖަގަންނާތު ބުންޏެވެ.

"އަހަންނާމެދު ނުބައި ހީނުކުރާށެވެ. ކަލޭގެ އަންހެނުން ގާތުގައި އެކަނި އަންނަން ފަށާށޭ ބުނާށެވެ. އެހެން އަންހެނުންވެސް އެކަނި އަންނަނީ ނޫން ހެއްޔެވެ. މިތާނގައި އޮތީ ކޮން ނުރައްކަލެއް ހެއްޔެވެ."

"އަހަރެން ކޮންމެވެސް ވަގުތަކުން ތިޔަވާހަކަ ބުނާނަމެވެ."

"ކޮންމެވެސް ވަގުތަކުން ކީއްކުރަން ހެއްޔެވެ؟"

"އެއީ އަހަރެންގެ ރޫޕާ އަހަންނާމެދު ހިތް ގޯސްވިޔަ ނުދިނުމަށްޓަކައެވެ. ކިޝޯރު ބާބޫއަކީ އަހަރެމެންނަށް ވަރަށްބޮޑަށް އެހީވާ މީހެކެވެ. ކުއްލިއަކަށް އެކަހަލަ ވާހަކައެއް އިވުމުން އެނާވެސް ހީކުރާނީ ކީކޭ ހެއްޔެވެ؟"

"ތިރްލޯކްއެވެ. އަނެއްކާވެސް އަހަންނަށް ބުނެވޭނީ އެއްކަލަ ވާހަކައެވެ. އަންހެނުންނާ ފިރިހެނުންގެ މެދުގައި އޮންނަ ގުޅުމަކީ ފަހަރުގައި ވަރަށް ނާޒުކު ފައްތަރަކަށް ހިނގައިދާނޭ ގުޅުމެކެވެ. އަނބިމީހާގެ ނަޒަރުގައި ފިރިމީހާ ނޫން އެހެން މީހެއްގެ އިޙްސާންތެރިކަމަކީ އެހާބޮޑު ޤަދަރެއް ދެވޭ އެއްޗަކަށް ވެގެން ނުވާނެއެވެ. ބާކީ އަދި އަށް އަހަރު އެބައޮތެވެ. އަށް އަހަރަކީ ވަރަށް ދިގު މުއްދަތެކެވެ."

ތިރްލޯކްގެ ހިތް ކުއްލިއެއް ޖެހިކަހަލައެވެ. އޭނާ މަޑުމަޑުން ޕޫރީތަށި ބަހައްޓައިފިއެވެ. ޖަގަންނާތު ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލާލާފައި ބުންޏެވެ.

"ނުކެއީ ކީއްވެގެން ހެއްޔެވެ؟"

"ބަނޑުހައެއް ނުވެއެވެ."

ދެން ތިރްލޯކް ތެދުވެއްޖެއެވެ. އޭނާ ހާސްވާން ފަށައިފިއެވެ.

+ + + + +

މުންނީ ބަހުން ފައިބާފައި ގޭގެ ދޮރަށް ބަލާލިއެވެ. ދޮރުހުރީ ބޭރުން ތަޅުލާފައެވެ. ދެން އޭނާ އަނެއް ފަރާތުން ގެއަށް ވަދެއްޖެއެވެ. މާމަ އެއްޗެހި ދޮންނަން އިނެވެ. މުންނީ ސުވާލު ކުރިއެވެ.

"މާމާއެވެ. މަންމަ ކޮބައި ހެއްޔެވެ."

"ޖަލަށޭ ހެއްޔެވެ." މުންނީ ޙައިރާންވެފައި ސުވާލު ކުރިއެވެ. "ޖަލަށް ދަނީ ވަގުންނެއް ނޫން ހެއްޔެވެ."

"މަންމަ ދިޔައީ ކަލޭގެ ބައްޕައާ ބައްދަލު ކުރަން ވެގެންނެވެ."

"އަހަރެންގެ ބައްޕައަކީ ޖަލުގެ ނޯކަރެއް ހެއްޔެވެ؟"

"ނޫނެކެވެ. ޖަލުގެ މުއްދަތު ކަޑައްތު ކުރަނީއެވެ."

"އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ވަގެއް ހެއްޔެވެ؟"

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 71 އިން 74 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން