ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އެންމެ ތުއްތު ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މިރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކުއްޖާގެ ދެވަނަ ސާމްޕަލް ނެގެޓިވް ވެފައިވާތީ ތިން ވަނަ ސާމްޕަލެއް ވެސް ނަގާފައިވާ ކަމަށެވެ. އަދި މިހާރު އިންތިޒާރު ކުރެވެމުން ދަނީ ތިން ވަނަ ސާމްޕަލްގެ ނަތީޖާ ލިބޭނެ އިރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެންއީއޯސީން މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޕޮޒިޓިވްވި ތުއްތު ކުއްޖާއަކީ ޕޮޒިޓިވްވި މީހެއްގެ އިންޑައިރެކްޓް ކޮންޓެކްޓެއް، ކޮންޓެކްޓްވި ކުއްޖެއް ކަމަށެވެ.

އަދި އެ ކުއްޖާ ޓެސްޓްކޮށްފައި ވަނީ ކޯވިޑް-19 ގެ އަލާމާތްތައް ކުއްޖާގެ ކިބައިން ފެނިގެން ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެކުއްޖާގެ މަންމަ ވެސް ކޯވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް އޭރުކުރަމުންދާ ކަމަށެވެ.

މިއީ ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ އެންމެ ތުއްތު ކުއްޖާ އެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1143 އަށް އަރާފައިވާއިރު އޭގެ ތެރޭގައި 10 އަހަރުން ދަށުގެ 18 އަންހެން ކުއްޖަކާއި 17 ފިރިހެން ކުއްޖަކު ހިމެނޭ ކަމަށް ކޯވިޑް-19 ގެ މައުލޫމާތު ދޭ ރަސްމީ ޑޭޝްބޯޑުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން