ސާދަފަނަރައިގެ ހަނދެއް
ސާދަފަނަރައިގެ ހަނދެއް
1441 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ބެލުމާއި، ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން އަންނަ ބުދަ ދުވަހު ބާއްވަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފި އެވެ.

ހަނދު ސާބިތުކުރުމާއިބެހޭގޮތުން ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކަށް ހެކިބަސް ދެވޭނެ އިންތިޒާމު، ރަށުގައި ނަމަ މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ ޑީޖޭއޭގައި ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް މި ދުވަސްވަރަކީ ކޯވިޑް-19 އާއި ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްވަރަކަށްވާތީ، ހަނދު ފެނިއްޖެ ކަމަށް ހެކިބަސް ދޭން ބޭނުންވަނަމަ، ރަށެއްގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓު ކޯޓުން ޢާންމުކުރާ ގޮތަށް ޢަމަލުކޮށް ހެކިބަސް ދިނުމަށް ޑީޖޭއޭ އިން ވަނީ އެދިފަ އެވެ. އަދި މާލޭގައި ނަމަ، 7704777 ނަންބަރު ފޯނުން އެ ޑިޕާޓްމަންޓަށް ގުޅާއި ހެކިބަސް ދިނުމަށްވެސް ވަނީ އަންގައިފަ އެވެ.

"ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އިސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެ ކަމަށްވެސް ޑީޖޭއޭގެ އިޢްލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޑީޖޭއޭ އިން ބުނީ ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް، 29 ރަމަޟާން 1441 (22 މެއި 2020) ވާ ހުކުރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އިރުއޮއްސި 7:30 އަށް އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި މުޢާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

އެހެންކަމުން ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް އެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ދިނުމަށް ޑީޖޭއޭ އިން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން