ޑޮކްޓަރުގެ ދެމަފިރިން ސައިވިއްކަނީ (ކަރްނަލް ބްރޭކިންގް ގެ ވިޑއޯއިން ނަގާފައިވާ މަންޒަރެއް)
ޑޮކްޓަރުގެ ދެމަފިރިން ސައިވިއްކަނީ (ކަރްނަލް ބްރޭކިންގް ގެ ވިޑއޯއިން ނަގާފައިވާ މަންޒަރެއް)
އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ކަރްނަލް ސިޓީގެ އަމިއްލަ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ޑޮކްޓަރަކު ދެމަސް ދުވަހުގެ މުސާރަ ނުދިނުމުން އިހުތިޖާޖު ކުރުމުގެ ގޮތުން ހޮސްޕިޓަލް ކުރިމަތީގައި ސައިވިއްކަން ފަށައިފިއެވެ.

ލޯކަލް ޓީވީ ޗެނަލް، ކަރްނަލް ބްރޭކިނުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކަރްނަލްގައި ކޭ ޕާރޓްނާސް ގްރޫޕްސް އޮފް އިންޑިއާ ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން ހިންގާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ މި ޑޮކްޓަރު އިހުތިޖާޖު ކުރުމުގެ ގޮތުން ސައި ވިއްކަން ފެށީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން ހޮސްޕިޓަލް ބަންދުކޮށްފައި ވާއިރު އޭނާއަށް ވޭތުވެދިޔަ ދެމަހުގެ މުސާރަ ނުދިނުމުންނެވެ.

" އަހަރެން މީ އަލަށް ކައިވެނިކޮށްގެން އުޅޭ މީހެއް. މި ސިޓީގެ މީހަކަށް ނުވާތީ އަހަރެން އުޅެނީ ތަނެއް ކުއްޔަށް ހިފައިގެން. ދެ މަހުގެ މުސާރަ ނުދިނީމާ މިނޫން ގޮތެއް ނެތިގެން މި ނުކުތީ." ޑޮކްޓަރުގެ ހެދުމުގައި ހޮސްޕިޓަލް ކުރިމަތީގައި އަންހެނުންނާއެކު ސައިވިއްކަން ހުރެ ޗެނަލްއަށް ދިން އިންޓަވިއުގައި ޑޮކްޓަރު ބުނެފައި ވެއެވެ.

އޭނާ ބުނީ އެ ހޮސްޕިޓަލުގައި ދެ ޑޮކްޓަރުން ތިބި އިރު އިތުރު ގަޑީގައި މަސައްކަތް ކުރުމުންވެސް ފައިސާ ދީފައި ނުވާ ކަމަށެވެ. އަދި މުސާރަވެސް ދެނީ އެއްމަސް ފަހުން ކަމުގައި އޭނާ ބުންޏެވެ. އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލްގެ މައި ކުންފުނި ހުންނަނީ ޗަންދިނަގަރް ގައެވެ. ކަރްނަލްގައި ހުންނަނީ އެމީހުންގެ ގޮތްޕެކެވެ.

ޑޮކްޓަރު ބުނީ ޝަކުވާ ކުރުމުންވެސް މުސާރަ ނުދީ ހެޑް އޮފީހުން އޭނާއަށް އެންގީ އެހެން ސިޓީއެއްގައި އެމީހުން ހިންގާ ހޮސްޕިޓަކަށް ވަގުތުން ބަދަލު ކުރި ކަމަށެވެ. ނަމަވެސް ލޮކްޑައުންގެ ހާލަތުގައި އެތަނަށް ގޮސްގެން ހުންނާނެ ތަނެއް ހޯދުމާއި ދިރިއުޅުން ފެށުމަކީ އުނދަގޫ ކަމަކަށް ވާނެތީ އެކަމަށް އޭނާ ދެކޮޅު ހެދުމުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށްވެސް ޑޮކްޓަރު ބުނެފައި ވެއެވެ.



ޗެނަލުން ޑޮކްޓަރާއި އިންޓަރވިއު ކުރި އިރު ހޮސްޕިޓަލުގެ ފަރާތުން އިސް މީހަކު ވެސް އެތަނުގައި ހުއްޓެވެ. ޑޮކްޓަރަށް ދެމަހުގެ މުސާރަ ދޭނީ ކޮންއިރަކުންތޯ ރިޕޯޓަރު ސުވާލު ކުރުމުން އޭނާ ދެއްކީ ޑޮކްޓަރު ނަރުހުންނާއެކު ޓިކްޓޮކް ވިޑިއޯ ކުޅޭ ވާހަކައާއި އޭނާ ދުންފަތުގެ އިސްތިއުމާލު ކުރާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމުގެ ވާހަކައެވެ. އަދި ކަރްނާލްގެ ޗީފް މިނިސްޓަރަށް ޝަކުވާ އުފުލާ ޕޯޓަލް މެދުވެރިކޮށް ޑޮކްޓަރު ޝަކުވާ ކުރީ ސިޔާސީ މަގުޞަދެއްގައި ކަމުގައި ވެސް ބުނެފައި ވެއެވެ. އޭނާ ބުނީ އެ ކުންފުނި ނޫނަސް މިހާލަތުގައި މުސާރަ ނުދޭ އެތައް ކުންފުންޏެއް އެބަހުރި ކަމަށެވެ.

ޑޮކްޓަރުގެ އަންހެނުން ވެސް ބުނީ އެމީހުން ކައިވެނި ކުރީ ވަރަށް ފަހުން ކަމަށްވާތީ ދިރިއުޅުން ފަށައިގަނެގެން އުޅޭ މިވަގުތު ފިރިމީހާއަށް މުސާރަ ނުލިބުމުން އަތްމަތި ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އޭނާގެ ފިރިމީހާ ސައިވިއްކަން ނުކުތީ އެހެން ގޮތެއް ނެތިގެން ކަމުގައި ވެސް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން