image ގައްދޫ ރަޝީދު   1 ޑިސެމްބަރު 2021 - 17:15
20 ވަނަ ބައި

................

ރޫޕާ އެއްޗެކޭ ބުނަން އުޅުނެވެ. އެހެން ނަމަވެސް ކިޝޯރު އަވަހަށް ބުންޏެވެ.

"އަޅުގަނޑުމެން ޤަބޫލެވެ."

"ކުޑަ ކުއްޖަކުވެސް އެބައޮތްތޯއެވެ؟"

"ލައްބައެވެ. ތިން އަހަރުގެ އަންހެން ކުއްޖެކެވެ."

"ވަރަށް ރަނގަޅެވެ. އަޅުގަނޑުގެ ރަޟިއްޔާވެސް ކުދިން ދެކެ ވަރަށް ލޯބިވެއެވެ. ކާވެނި ކުރެއްވީ ކޮންއިރަކު ތޯއެވެ؟"

ރޫޕާގެ މޫނުގެ ކުލަވަރުބަދަލުވާން ފައަފިއެވެ. ދެން ކިޝޯރު ބުންޏެވެ.

"އަޅުގަނޑުގެ އަންހެނުން މަރުވިތާ ފަސް އަހަރު ދުވަސް ވެއްޖެއެވެ. އެކަމަކު މީނާގެ ފިރިމީހާ ދުނިޔޭގައި އެބަހުއްޓެވެ. އޭނާވީ ޓެކްނިލް ކޯހެއްގައި ބޭރަށްގޮހެވެ."

"ތިޔައީ ދެމަފިރިންނެއް ނޫންތޯއެވެ؟" އަންހެން މީހާ ސިހިފައި ބުންޏެވެ....

"ދެމަފިރިންނެއް ނޫނެވެ."

"އަސްތާއެވެ. އެކަމަކު ތިޔަ އޮތީ ކޮންކަހަލަ ގުޅުމެއްތޯއެވެ؟"

"އަޅުގަނޑަކީ ފާރމެއްގެ މެނޭޖަރަކީމެވެ. މީނާގެ ފިރިމީހާވެސް މަސައްކަތް ކުރަނީ އެފާރމްގައެވެ. އަދި މިރޫޕާ ދޭވީވެސް މަސައްކަތް ކުރަނީ އެފާރމްގައެވެ. ޝޯރޓް ހޭންޑް ޓައިޕިސްޓެއްގެ މަޤާމެވެ."

"އެހެންވީއިރު މިކޮޓަރީގައި ތިބޭނީ ރޫޕާ ދެވީއާއި ދަރިފުޅު އެކަނިތާއެވެ."

"ލައްބައެވެ."

"ކޮޓަރީގެ ދޮރު އެތެރޭން ތަންޑުއެޅިފައިވެސް ހުންނާނެތޯއެވެ؟ އަދި ކިޝޯރުވެސް އެކޮޓަރީގައި އުޅުއްވާ ނަމުނޫންތޯއެވެ؟"

"ކީކޭތޯއެވެ." ކިޝޯރުގެ ސިކުނޑި ކުއްލިއެއް ޖެހި ކަހަލެއެވެ.

"މާފު ކުރައްވާށެވެ. މީގެ ކުރީގައިވެސް އަޅުގަނޑުމެން ތިޔަ ކަހަލަ ކުޅިގަނޑެއް ދެކެފީމެވެ. މެނޭޖަރަކާ ޓައިޕިސްޓަކާ ދެމެދު ހުންނާނެ ގުޅުން އަޅުގަނޑު ދަންނަމެވެ. އަޅުގަނޑުގެ ފިރިމީހާ އެކްސިޑެންޓެއްގައި މަރުވެ ދިޔައީވެސް ހަމަ ޓައިޕިސްޓަކާ ހެދިއެވެ. އަދިވެސް ތިޔަ ކަހަލަ އަންހެނަކަށް އަޅުގަނޑު ކޮޓަރިއެއް ދިނީމެވެ. އެދުވަސްކޮޅު މެނޭޖަރ ވަރަށްގިނައިން އައިސް އުޅެއެވެ. އެތައްއިރަކު ކޮޓަރި ލައްޕާފައި ހުރެއެވެ. ބައެއް ފަހަރު ރޭގަނޑު ހަތަރު ދަމުވެސް މެނޭޖަރ ކޮޓަރީގައި އުޅެއެވެ. އޭނާ އަންނަނީ ޓައިޕިސްޓްގެ ޙާލުދެކެލުމަށެވެ. އެންމެ ފަހުން އަވަށްޓެރިން އެކަމާ ޝަކްވާކުރަން ފެށުމުން އަޅުގަނޑުމެންނަށް އެކޮޓަރި ހުސްކޮށްލަން ޖެހުނީއެވެ. މިހާރު އަޅުގަނޑުގެ ދަރިފުޅުވެސް ބޮޑުވަނީއެވެ. މި ޢުމުރުގެ އަންހެން ކުދިންނަށް އެކަހަލަ ތަންތަންފެނުމުން ވަރަށްނުބައި އަސަރު ކޮށްފާނެއެވެ. އެދަރިފުޅު ހާލަކުވުމަކަށް އަޅުގަނޑު ނޭދެމެވެ."

ކިޝޯރު ވަރަށް ފުރަހިމަ އަޚްލާޤަކާއެކު ކޮޅަށް ތެދުވެފައި ބުންޏެވެ.

"އެއްވެސް ކަމަކާނުލައި އުނދަގޫ ކުރެވުނީތީ ވަރަށް ދެރަވަމެވެ. މާފު ކުރައްވާށެވެ."

"އަޅުގަނޑުމެންނަށް އުނދަގޫ ކުރެއްވީ ބަންޑާރީ ސާހަބެވެ. އޭނާއަކީވެސް އެކަހަލަ މީހެއް ކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ."

ކިޝޯރު އެއްޗެކޭ ނުބުނެއެވެ. އެނާ ބޭރަށް ނުކުމެއްޖެއެވެ. ރޫޕާވެސް ނުކުމެއްޖެއެވެ. އެހެން ނަމަވެސް ރުޅިއައިސްގެން އޭނާ ތުރުތުރު އަޅައެވެ...... އަންހެންމީހާ ދޮރު ލައްޕަމުން ބުންޏެވެ.

"މިމީހުން ހާދަހާ ރީތި ކުޅިވަރެއް ކުޅެއެވެ. ދުނިޔެ މިއޮތީ ކިހިނެއްވެފައި ކަމެއްވެސް ނޭނގެއެވެ."

ކުއްލިއަކަށް ރޫޕާ އެނބުރިފައި ހަޅޭއްލަވައި ގަތެވެ.

"ދެން ހުއްޓާލާށެވެ."

އެއާއެކު އަންހެންމީހާ ޑަންލާފައި ދޮރު ލައްޕައިފިއެވެ. ކިޝޯރު ރޫޕާގޮވައިގެން ކާރާ ހަމައަށް ހިނގައްޖެއެވެ.

ކުޑައިރުކޮޅަކަށްފަހު ކާރު ދުވަމުން ދިޔައެވެ. އައި ރުޅީގެ ސަބަބުން ރޫޕާގެ ނޭވާ އަވަސްވެފައިވެއެވެ. ނަމަވެސް ކިޝޯރު ފެންނަނީ ވަރަށް މަޑުމައިތިރި ގޮތަކަށެވެ. ރޫޕާ ރޫރޫ އަޅާ އަޑަކުން ބުންޏެވެ.

"ކިޝޯރު އެނުލަފާ އަންެހެން މީހާއަށް ޖަވާބެއްވެސް ނުދެއްވީމުއެވެ."

"ދޭނީ ކޮން ޖަވާބެއް ހެއްޔެވެ."

ކިޝޯރު ހިނިތުން ވެލާފައި ބުންޏެވެ. އޭނާ އެބުނަނީވެސް ދޮގު ވާހަކައެއް ނޫނެވެ. އެދެއްކީ އޭނާއަށް ކުރެވިފައިވާ ތަޖުރިބާގެ ވާހަކައެވެ. އޭނާ އަހަރެމެންނަށް ކޮޓަރިއެއް ނުދޭނެއެވެ. މިކަން އެނގި އެނގިހުރެ ދިފާޢުގައި ވާހަކަ ދެއްކުމުގައި އޮތީ ކޮންފައިދާއެއް ހެއްޔެވެ.]

"އެކަމަކު......... އޭނާގެވެސް ގޮތެއް ހުންނަން ވާނެ ނޫންތޯއެވެ."

"އިންސާނިއްޔަތު ކަންވެސް އޮންނަން ވާނެ ނޫންތޯއެވެ؟"

"އޭނާގެ ކިބައިގައި އިންސާނިއްޔަތުކަން އެބަހުއްޓެވެ. އެކަން ނެތްނަމަ އަހަރެމެންނަކީ ގޮތެއްނެތް ބައަކަށް ހަދާފައި ކޮޓަރީގެ ކުލި ދެގުނައަށް ހަދާނެއެވެ..... އެކަހަލަ ވާހަކަތަކަށް ކަންފަތް ނުހުޅުވާށޭ އަހަރެން ކުރީންވެސް ބުނީމެއް ނޫން ހެއްޔެވެ. ކިތަންމެ ވަރަކަށް އުޅުނަސް ދުނިޔޭގެ ޢާއްމު އުޞޫލެއް ބަދަލެއް ނުކުރެވޭނެއެވެ. މީހުން އެގޮތަށް ތަޅާ އަނގައަކުން އަހަރުމެންގެ އުޞޫލު ބަދަލު ކޮށްލެވިދާނެ ހެއްޔެވެ؟"

ރޫޕާ ވަކި އެއްޗެކޭ ނުބުނެއެވެ. އަނެއްކާވެސް ކިޝޯރު ބުންޏެވެ.

"ރޫޕާއެވެ. ރަނގަޅަށް ބުނެބަލާށެވެ."

"ކޮން ވާހަކައެއް އެއްތޯއެވެ؟"

"ހަތް އަހަރު ދުވަސްވަ ވަންދެން ތިޔަ އިންނަ ގޭގައި އިނދެވިދާނެ ހެއްޔެވެ؟"

"ނޫނެކެވެ. އަޅުގަނޑުގެ ސިކުނޑި ހަލާކުވާވަރު ވެއްޖެއެވެ. މިހާރު އޭނާ އަޅުގަނޑުގެ މޯނާ ހަލާކު ކުރަން ފަށައިފިއެވެ. އަޅުގަނޑުގެ ސަބަބުން މޯނާގެ ހިތް މުޑުދާރުވާކަށް އަޅުގަނޑު ނޭދެމެވެ."

"ދެން އޮތީ އެންމެ ގޮތެކެވެ."

"ކޮބައިތޯއެވެ؟"

"މިގޮތަށް ރޫޕާ ކޮންމެ ގެއަކަށް ބަދަލުވި ކަމުގައި ވިޔަސް އަހަންނަށް ރޫޕާގެ ހާލު ދެކެލަން ދެވޭނެއެވެ. އަދި ހަމަކޮންމެ ގެއަކުންވެސް މި މައްސަލަ މިގޮތަށް ދިމާވާނެއެވެ. އެހެންވީމާ ދެން އޮތްގޮތަކީ ރޫޕާ އަހަރެންގެ ކޮޓެޖަށް ދިއުމެވެ." ދެން އެނާ ކުޑަކޮށް ހިނިތުންވެލާފައި ބުންޏެވެ. "އެކަމަކު އަހަރެންގެ ފަރާތުން ކަލޭ އެއްވެސް ބިރުވެރިކަމެއް އިޙްސާސް ނުކުރާނެ ނަމައެވެ."

ކިޝޯރުގެ ޖުމްލައާމެދު ރޫޕާވެސް ހިނިތުން ވެލިއެވެ...........

+ + + + +

ތިރްލޯކާއި ޖަގަންނާތު އެހެންގައިދީންނާ ވަކިންތަންކޮޅެއް ދުރުގައި ތިއްބެވެ. ތިރްލޯކް ހެނދުނުއްސުރެ އިންނަނީ އަނގަ ބަންދުވެފައެވެ. ޖަގަންނާތުވެސް އޭނާއަކަށް އުނދަގުލެއް ނުކުރެއެވެ. އިރުގަނޑެއް ވުމަށްފަހު ޖަގަންނާތަށް ނީނދެވިގެން ސުވާލު ކޮށްފިއެވެ.

"ތިރްލޯކްއެވެ. މިއަދު ހެނދުނުއްސުރެ ބަސް ހުއްޓިފައި ތިޔަ އިންނަނީ ކީއްވެގެން ހެއްޔެވެ؟"

"ކަލޭގެ ދަޢުވާއަކީ އަންހެނުންގެ ނަފްސިއްޔާތު އަހަންނަށްވުރެ ބޮޑަށް ކަލެޔަށް އެނގޭ ކަމުގައި ނޫން ހެއްޔެވެ."

"ވިސްނިއްޖެއެވެ. މިފަހަރު ފަހަރި އައުން ލަސްވީ ކީއްވެގެންތޯ ކަލޭ ސުވާލުކުރާނަމެއް ނޫން ހެއްޔެވެ؟"

ހަމަ އެވަގުތު ތިރްލޯކްގެ އަންހެނުން އައިސް ހުރިކަމުގައި ސަރުދާރު ޚަބަރުދީފިއެވެ. އެއާއެކު ޖަގަންނާތު ހޭން ފަށައިފިއެވެ. ތިރްލޯކް ބައްދަލުކުރާ ކޮޓަރިއަށް ދިޔައިރު ޖާލިގަނޑުގެ އަނެއް ފަރާތުގައި ރޫޕާ ހުއްޓެވެ. ސާފު ތާހިރު ސިފައެކެވެ. ހީވަނީ ކިރުން ފެންވަރައިގެން ހުރިހެންނެވެ. އިސްތަށިގަނޑުގައި ރީތިކޮށް ފުނާ އަޅާލައިފައިވެއެވެ. އަޅާފައިހުރި އަގުބޮޑު ސާޅިއެކެވެ. މޫނުމަތިން ފެންނަނީ މަޑުރަތް ކުލައެކެވެ. ލޮލުގައި އުފާވެރި ވިދުވަރެކެވެ.

ކީއްވެގެން ހެއްޔެވެ. މިހުރިހާކަމެއް ފެނުމުން ތިރްލޯކަށް ހީވީ ކޮންމެވެސް މަހީކު އޭނާގެ ހިތުގައި ހިފެހެއްޓި ހެންނެވެ. އޭނާގެ ލޭ މަޑުމަޑުން ދަމަމުން ގެންދާ ހެންނެވެ. އޭނާ ވަރަށް އުނދަގުލުން ހިނިތުން ވެލާފައި ބުންޏެވެ.

"މިއަދު ހާދަ ރީއްޗެވެ......"

ރޫޕާ ލަދުގެންފިއެވެ. އަނެއްކާވެސް ތިރްލޯކް ބުންޏެވެ.

"ވަރަށް ބޮޑަށް އުފާވެފައިވާ ހެންވެސް ހީވެއެވެ."

"ލައްބައެވެ........ ޕްރަބާ އޭނާގެ ފިރިމީހާއާއެކު އަތުވެއްޖެއެވެ. އޭނާ ކިހާ އުފާވާނެތޯއެވެ. އޭނާގެ ފިރިމީހާވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އަޅުގަނޑު ވަރަށް އުފާވެއްޖެއެވެ. ގެދޫކޮށްފައި ދިޔަކަން ވަރަށް ރަނގަޅެވެ. މަންމަގެ ބަސް ޤަބޫލުކޮށްގެން ގޭގައިއިންނަމަ މުޅި ޢުމުރު ހޭދަކޮށްލަން ޖެހުނީހީ ހުވަފަތް ކަމުގައެވެ."

"އެކަމަކު އޭނާ ކުރީގެ ފިރިމީހާ މަތިން މުޅިން ހަނދާން ނެތުނީ ހެއްޔެވެ؟"

"މިހާރު ދެން ހަނދާން ކުރުމުން އޮތީ ކޮން ފައިދާއެއްތޯއެވެ. އެނބުރި އޭނާ އަތުވެދާނެ ތޯއެވެ....... މިހާރު އަނެއްކާވެސް ގެއަށް އުފާވެރިކަން އައީއެވެ. އޭނާ ތިބާއާ ބައްދަލު ކުރާކަށް ނާދޭތޯއެވެ."

"އައެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި މިހާރު ރޫޕާ އިންނަނީ އެގެއަކު ނޫނޭވެސް ބުންޏެވެ. ތިރްލޯކް ފަރުވާތެރި ކަމާއެކު ރޫޕާގެ މޫނަށް ބަލާލާފައި ބުންޏެވެ.

"ލައްބައެވެ." ރޫޕާ މަޑުމަޑުން ބުންޏެވެ. "މިހާރު މަންމަގެ ބަސްމަގު ހުންނަގޮތުން ކެތްކުރެވޭވަރު ނުވީއެވެ... ބޭބީއަށްޓަކައި އެގެއިން ނުކުތުމަށް މަޖްބޫރުވީއެވެ. އަޅުގަނޑު މިވާހަކަ ނަންގަތީމެއް ނޫންތޯއެވެ..... އަޅުގަނޑު އިންނަނީ ކޮންތާކުކަން ޕްރަބާއަކަށް ނޭނގެއެވެ. އޭނާއާ ބައްދަލުވީވެސް އަޅުގަނޑާ ބައްދަލުކުރަން އޭނާ އޮފީހަށް ދިއުމުންނެވެ. ދެން އަޅުގަނޑު އޭނާ ގޮވައިގެން ދިޔައީ މުންނީގެ ކައިރިއަށް ސުކޫލަށެވެ. އޭނާ މުންނީ ފެނުމުން ހީވީ އުފަލުން މަރުވެދާނެ ހެންނެވެ. އަދި ހަމަވަގުތުން ޗުއްޓީ ހޯދައިގެން މުންނީ ގޮވައިގެން އޭނާ ދިޔައީއެވެ. ޢަދަދު ނުކުރެވޭހާ ގިނަ ކުޅޭ ސާމާނު ގަނެދިނެވެ. އޭނާގެ ފިރިމީހާ ބޮމްބޭއަށް އައި ފުރަތަމަ ފަހަރެވެ. އެހެންކަމާއެކު ދެދުވަހުގެ ޗުއްޓީ އޮފީހުން ހޯދައިގެން އައީއެވެ. ކާރުގައި މުޅި ބޮމްބޭގައި އެ ދެދުވަހު ބުރުއެޅީއެވެ."

"ކާރުގައޭ ހެއްޔެވެ؟......." ތިރްލޯކް ސުވާލު ކުރިއެވެ. "ކާކުގެ ކާރެއް ހެއްޔެވެ؟"

"ކިޝޯރު ބާބޫގެ ކާރެވެ."

"ކިޝޯރު ބާބޫވެސް ދުރުވި ހެއްޔެވެ؟"

"ނޫނެކެވެ. އެއީ މެނޭޖަރެކެވެ. އޮފީސް ދޫކޮށްލާފައި އޭނާއަށް ދުރުވެވިދާނެތޯއެވެ."

"އެހެންވިއްޔާ ކަލޭމެންނާއެކު ދާނީ އޭނާގެ ޑްރައިވަރ ތާއެވެ."

"ނޫނެކެވެ. ކިޝޯރުބާބޫ އަޅުގަނޑަށް ކާރު ދުއްވަންވެސް ދަސްކޮށް ދެއްވައިފިއެވެ."

ތިރްލޯކްގެ މޭގައި މީހަކު އެތިފަހަރެއް ޖެހި ކަހަލައެވެ. އޭނާ ތުންފިއްތާލިއެވެ. ދެން މަޑުމަޑުން ބުންޏެވެ.

"ތިޔައީ ހާދަހާ އަގުބޮޑު ސާޅިއެކެވެ."

"އޮފީހަށް ދާން މިކަހަލަ ދެސާޅި ގަނެފީމެވެ. މިހާރު ކޮޓަރި ކުއްޔަށްދޭންޖެހޭ ފައިސާކޮޅުވެސް ސަލާމަތް ކުރެވޭތީ މިކަހަލަ ކަންތައް ކޮށްލެވުނީއެވެ."

"ކުލި ސަލާމަތް ކުރެވެނީ ކިހިނެއް ހެއްޔެވެ؟"

"ކިޝޯރު ބާބޫއަށް މެނޭޖަރކަން ލިބުމަށްފަހު ބަންގްލާއަށް ދުރުވެއްޖެއެވެ. ޖުހޫ ބީޗްގައި ހުންނަ އޭނާގެ ކޮޓެޖް ހުންނަނީ ހުހަށެވެ. އެހެންކަމުން އޭނާ އަޅުގަނޑުމެން ދެމައިން ތިބެން އެގޭ ދެއްވީއެވެ. އޭނާ ބުނުއްވަނީ ސާފު ތާހިރު ރަނގަޅު ގެއެއްގައި ތިބުމުން ކުދިންގެ ސިކުނޑި ރަނގަޅުވާނެ ކަމުގައެވެ. ޙަޔާތުގައި މަތިވެރި މަޤާމް ހޯދާނެ ކަމުގައެވެ. މިހާރު މުންނީ ފެނިލެއްވިއަސް ވަކިކުރާކަށް އެނގިއެއް ނުލައްވާނެއެވެ. އަދި ތިބާ ސަލާމަތް ވެލެއްވި ދުވަހަކުން އޭނާގެ އޮފީހުން ވަޒީފާ ދެއްވާނެ ވާހަކަވެސް އޭނާ ބުނުއްވިއެވެ. ސޭޓް ސާހަބް ހުރިހާ ވިޔަފާރިއެއްގެ ޒިންމާ ދާރަކަށް ކިޝޯރު ބާބޫ ހައްދަވައިފިއެވެ. އަޅުގަނޑުމެން ބޭނުމިއްޔާ އޭނާގެ ކޮޓެޖް ހުސްކޮށް ދެވިދާނެއެވެ. ބޭނުމިއްޔާ ހަމަ އެގޭގައި ތިބެވިދާނެއެވެ. އަދި މަޑުމަޑުން ވަޒީފާ މަތިކުރަމުންގޮސް އޭނާ ތިބާއަށް އެސިސްޓެންޓް މެނޭޖަރ ކަންވެސް ދެއްވާފާނެއެވެ."

ތިރްލޯކް ދަތްޕިލާ ޖައްސާ ބާރުކޮށްލިއެވެ. ރޫޕާގެ ވާހަކަތައް ބިޗޫތަކެއް ފަދައިން އޭނާގެ ކަންފަތަށް ވަންނަމުން ދިޔައެވެ. ރޫޕާ ވަރަށް ރީތި ތަށިބަރިއެއް ތިރްލޯކްގެ ކުރިމަތީގައި ބަހައްޓާލިއެވެ.

"މިއަދު ގެނައީ ހަމައެކަނި ޕޫރީއެއް ނޫނެވެ. އެހެން އެއްޗެއްވެސް ގެނައިމެވެ."

"ތިޔަގެނެވުނީ ބޭކާރު އެއްޗެކެވެ." ތިރްލޯކް ވަރަށް އުނދަގުލުން ބުންޏެވެ. "މިއަދު ތިޔަ ހުރިހާ އެއްޗެއް އަނބުރާ ގެންދަން ޖެހޭނެއެވެ."

"އެއީ ކީއްވެގެންތޯއެވެ؟......." ރޫޕާ ސިހިފައި ބުންޏެވެ.

"އަހަރެންގެ ބަނޑުގައި ރިއްސާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ."

"އަސްތާއެވެ. ބޭސް ބޭނުމެއް ނުކުރައްވަމު ތޯއެވެ. އަމިއްލަ ސިއްޙަތާމެދު ފަރުވާ ބަހައްޓަވާށެވެ. އަޅުގަނޑު ކިޝޯރު ބާބޫ ގާތުގައި ތިޔަ ވާހަކަ ނަންގަންނާނަމެވެ. ޖަލުގެ ބޮޑެތި މީހުންނާ އޭނާއާ ވަރަށް ގުޅުން ހުންނާނެއެވެ. އޭނާ ޖަލުގެ ސްޕްރިންޓެންޑެންޓާ ފޯނުން ވާހަކަ ދައްކަވާ ލެއްވުމުން ޚާއްޞަ ސަމާލުކަމެއް ތިބާއާމެދު ޖަލުން ބަހައްޓަން ފަށާނެއެވެ."

"ނޫނެކެވެ. ރޫޕާއެވެ. ކިޝޯރު ބާބޫ މިހާރު ކޮށްދެއްވާފައިވާ ހެޔޮކަންތައްތައް ފުދޭ ވަރުވެއެވެ."

ރޫޕާ ފަރުވާތެރިކަމާއެކު ތިރްލޯކަށް ބަލާލާފައި ބުންޏެވެ.

"ކިހިނެއްވީތޯއެވެ؟ މިއަދު ތިޔަ ހުންނަވަނީ ފިކުރު ބޮޑުވެފައިވާ ކަހަލަ ގޮތަކަށެވެ."

"ކަމެއް ނުވެއެވެ. ތިޔައީ ރޫޕާއަށް ކުރެވުނު ކުށް ހީއެކެވެ." ތިރްލޯކް ގަދަކަމުން ހިނިތުންވާން އުޅުނެވެ.

"ދޮގެކެވެ. ރަނގަޅަށް ބުނުއްވާށެވެ. ކިހިނެއްވީތޯއެވެ؟"

"ރޫޕާއެވެ." ތިރްލޯކް ރޫޕާގެ ލޮލަށް ބަލާލާފައި އިސް ޖަހާލިއެވެ. ދެން އަނެއްކާވެސް ބުންޏެވެ. "ވާހަކައެއް ބުނަން ހެއްޔެވެ. ރުޅިއެއް ނާންނާނަން ހެއްޔެވެ؟"

"ކަލާގެ އެއްވެސް ވާހަކައަކަށް ދުވަހަކުވެސް އަޅުގަނޑު ނުރުހުމެއް ފާޅުކުރިތޯއެވެ."

"ޙަގީޤަތުގައި........ މި......... ކަލޭ......... އަދި ކިޝޯރު ބާބޫ..... އެހާ ކައިރީގައި އުޅުމަކީ....."

"ނާތްއެވެ.....!" ރޫޕާގެ އަޑު ތުރުތުރު އަޅައިގަތެވެ. "އަންނަނީ އެކަމުގައެވެ. މިކަމާހެދި ވަރަށް ގިނަ މީހުން ވާހަކަ ދައްކައެވެ. އަދި އަހަރެމެންނާ ކިޝޯރު ބާބޫއާ އޮތީ ކޮން ކަހަލަ ގުޅުމެއްތޯ އަހާ އޮޅުން ފިލުވައެވެ؟"

"ދެން....... ތިބާ........؟" ރޫޕާ ބުންޏެވެ.

ތިރްލޯކް ރޫޕާއާ ދިމާއަށް ފުރަގަސް ދީފައި ބުންޏެވެ.

"ތެދަށް ބުނާނަމަ އަހަރެންވެސް އެކަމާ ޤަބޫލެއް ނޫނެވެ. ކިރިޔާވެސް ގޮތެއް އޮތިއްޔާ ރޫޕާ އެވަޒީފާ ދޫކޮށްލާށެވެ. ކިޝޯރު ބާބޫގެ ކޮޓެޖް ދޫކޮށްލާށެވެ. އަދި އޭނާއާ ބައްދަލުވެ އުޅުން ދޫކޮށްލާށެވެ."

ރޫޕާގެ ސިކުނޑި ގުގުމައިގަތެވެ. ހީވީ ޢަދަދު ނުކުރެވޭހާގިނަ ބިއްލޫރިތަކެއް ކުއްލިއަކަށް ފުނޑުފުނޑިވީ ހެންނެވެ. އޭނާގެ ނޭވާ އަވަސްވެފައިވެއެވެ. ތުންފަތް ތުރުތުރު އަޅައެވެ. ދެން ވަރަށް އުނދަގުލުން އެތުންފަތް ޙަރަކާތް ކުރިއެވެ.

"ތިޔަ...... ތިޔަ ބުނުއްވަނީ ކަލާގެ ދުލުންތޯއެވެ......... ނާތްއެވެ........؟"

"އަހަންނަކީ ރޫޕާގެފިރިމީހާ ކަމުގައި ވަންޏާ މިއީ އަހަރެންގެ އަމުރުކަމުގައި ހީކުރާށެވެ."

"އަޅުގަނޑާމެދު އިތުބާރެއް ނުކުރައްވަންތޯއެވެ؟......"

"އަހަންނަކީ ފިރިހެނަކީމެވެ. އިންސާނަކީމެވެ. ރޫޕާއެވެ."

ދެން ތިރްލޯކް ބާރަށް ހިނގާފައި އެތެރެއަށް ހިނގައްޖެއެވެ. ރޫޕާ ތުރުތުރު އަޅައަޅާ ހުއްޓެވެ. ނޭވާ އަވަސް ވެފައިވެއެވެ. ލޮލުގައި އޮހިގަންނަން ތައްޔާރުވެފައިވާ ކަރުނަތައް ޖަމާވެފައިވެއެވެ. ދެން އޭނާ ތަށިބަރި ނަގައިގެން ކަރުނަ ފޮހެމުން ބާރަށް ހިނގާފައި ނުކުމެއްޖެއެވެ.

+ + + + +

ކިޝޯރު ބަސް ސްޓޮޕް ކައިރިއަށް ކާރު މަޑުކޮށްލިއެވެ. ރޫޕާ ހުރީ ކިޔޫގައި ހުއްޓިގެންނެވެ. އޭނާ ދޮރު ހުޅުވާލިއެވެ. ރޫޕާގެ މޫނުމަތިން ޒަލްޒަލާއެއްގެ އަސަރު ފެންނަން ހުއްޓެވެ. އެހެން ނަނަމެވސް އޭނާ މަޑުމަޑުން އައިސް ކާރުގައި އިށީނދެއްޖެއެވެ. ކާރު ދުއްވާލައިފިއެވެ. ކިޝޯރު ފަރުވާތެރި ކަމާއެކު ރޫޕާއާއި ދިމާއަށް ބަލާލާފައި ބުންޏެވެ.

"މިއަދު ތިރްލޯކާ ބައްދަލުކުރަން ދިޔައިން ހެއްޔެވެ؟"

"ލައްބައެވެ........." ރޫޕާ މަޑުމަޑުން ބުންޏެވެ.

"ތިރްލޯކް ބުނީ ކީކޭ ހެއްޔެވެ؟"

ރޫޕާ ހާސްވެއްޖެއެވެ. އޭނާގެ ހިތަށްއެރިއެވެ... ތިރްލޯކްގެ ވާހަކަ ބުނެދޭނީ ކިހިނެއް ހެއްޔެވެ. ހަމަ އެއް ފަހަރާ ކިޝޯރުގެ ހުރިހާ އިޙްސާންތެރިކަމެއް އޭނާގެ ހިތުގައި އެނބުރިގަތެވެ. ކިޝޯރު ތިރްލޯކަށް އެހީވެދިނެވެ. ރޫޕާއަށް އެހީވެދިނެވެ. މުންނީއަށް އެހީވެދިނެވެ. އަދި ހަމަ އެ ކިޝޯރަށް ތިރްލޯކްގެ ވާހަކަ އަޑުއިވުމުން ވާނީ ކިހިނެއްބާވައެވެ؟

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 79 އިން 83 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން