މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު
ސަރުކާރަށް ފާޑުކިޔަނީ ވަޢުދުތައް ނުފުއްދި ރައްޔިތުން ބިކަވަމުން ދާތީ ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އެމްޑީޕީގެ މެމްބަރުން ސަރުކާރަށް ފާޑުކިޔަނީ، ރައީސް ޞާލިޙްގެ ޚިޔާނާތުގެ އެއްވެސް ކަމެއް ނޯންނާނެ ކަން އެ މެމްބަރުންނަށް ޝައްކެއްނެތި ކަށަވަރު ވާތީ ކަމަށާއި، އަދި އެއީ ވަރަށް ބޮޑު ތެދެއް ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ކިއުމަށް އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރު ދެއްވާފައެވެ.

އެކަމަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރަށް ފާޑު ކިޔަނީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުންދާތީ ކަމަށެވެ.

"ބަހާއި ޢަމަލާ ދިމާނުވެ، ކޮރަޕްޝަން އިތުރުވެ، ވަޢުދުތައް ނުފުއްދި، ރައްޔިތުން ބިކަވަމުންދާތީ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ބައެއް ވަޒީރުންގެ ޒިންމާ އަދާނުކުރާ ކަމަށް ސަރުކާރުގެ މަޖިލީސް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުން ދާކަން އެ މެމްބަރުންނަށް އެނގި ވަޑައިގަންނަވާތީ ކަމަށެވެ. އަދި ކޯވިޑް-19 އަކީ އޭގެ އެހެން ބާބެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެމްބަރުން ފާޑުކިޔަން ކަންބޮޑު ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ރައީސުލް ޖުމްހޫރިއްޔާއާމެދު ކުރީގެ މަޖިލީހުގެ މެމްބަރުންނަށް އެފަދަ އިތުބާރެއް ނެތުމުން އެމްޑީޕީގެ މެމްބަރުން މިހާރު މަސްއޫލިއްޔަތު އަދާކުރާ ޖޯޝާ ފޯރީގައި އެ މެމްބަރުންނަށް މަސްއޫލިއްޔަތު އަދާ ނުކުރެވުނު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އިދިކޮޅު ޕާޓީތަކަށް ފާޑުވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން