ސްޓެލްކޯ މައި އޮފީސް- ކުންފުނީގެ އެމްޑީގެ މުސާރަ އާންމު ކުރުމުން ކުންފުނީގެ ފަރާތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި
ސްޓެލްކޯ މައި އޮފީސް- ކުންފުނީގެ އެމްޑީގެ މުސާރަ އާންމު ކުރުމުން ކުންފުނީގެ ފަރާތުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި
ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފައިވަނީ ދައުލަތުގެ ކުންފުނިތަކުން މައުލޫމާތު ހާމަކުރުމަށް ދެކޮޅުހަދަމުން ދިއުން އިތުރުވެފައިވާކަމީ، އެފަރާތުން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ.

ޓްރާންސްޕޭރެންސީ އިން މިހެން ބުނެފައި މިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މުސާރައިގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް އާންމުވުމާއި ގުޅިގެން އެ ސިޓީ އާންމުކުރި މައްސަލަ ބަލައި ދިނުމަށް އެކުންފުނިން އެދިފައިވަނިކޮށެވެ. މީގެ އިތުރުން މި ސިޓީ އާންމުވުމާއި ގުޅިގެން އެކަން ކުރި ބަޔަކު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމުގައި އިންފޮމޭޝަން ކޮމިޝަނަރުވެސް ވަނީ ވިދާޅުވެފައެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވަނީ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ އެއްވެސް އިދާރާއެއްގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތަކީ ރައްޔިތުންނަށް ސިއްރުވާންޖެހޭ މަޢުލޫމާތެއް ނޫން ކަމަށެވެ.

މިކަމާއިގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، އެގާނޫނުގެ ދަށަށް އަންނަ ހުރިހާ މުއައްސަސާއަކުންވެސް، އެމުއައްސަސާގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އިސްނަގައިގެން ހާމަކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެ ޖަމިއްޔާިއން އިތުރަށް ބުނެފައިވަނީ 2017 ވަނަ އަހަރުގެ ޖަނަވަރީ އިން 2019 އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ހުރިހާ ކުންފުންޏަކަށް އާރްޓީއައި ފޯމްތައް ފޮނުވާފައިވާކަމަށާއި، އެގޮތުން ޖުމްލަ 29 ފޯމެއް އެޖަމިއްޔާ އިން ފޮނުވާފައިވާއިރު، އަނބުރާ ލިބިފައިވަނީ އެންމެ 11 ފޯމު ކަމަށެވެ.

މިކަމާއި ގުޅިގެން އެޖަމިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ގުޅުންހުރި ކޮމިޓީތައް ހިމެނޭހެން މި ކަމާގުޅުން ހުރި ހުރިހާ މުއައްސަސާއަކުންވެސް މި ފަދަ ކުންފުނިތައް ޖަވާބުދާރީކުރުވުމަށް ގޮވާލައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން