image ގައްދޫ ރަޝީދު   3 ޑިސެމްބަރު 2021 - 18:59
21 ވަނަ ބައި

................

ރޫޕާ ހާސްވެއްޖެއެވެ. އޭނާގެ ހިތަށްއެރިއެވެ... ތިރްލޯކްގެ ވާހަކަ ބުނެދޭނީ ކިހިނެއް ހެއްޔެވެ. ހަމަ އެއް ފަހަރާ ކިޝޯރުގެ ހުރިހާ އިޙްސާންތެރިކަމެއް އޭނާގެ ހިތުގައި އެނބުރިގަތެވެ. ކިޝޯރު ތިރްލޯކަށް އެހީވެދިނެވެ. ރޫޕާއަށް އެހީވެދިނެވެ. މުންނީއަށް އެހީވެދިނެވެ. އަދި ހަމަ އެ ކިޝޯރަށް ތިރްލޯކްގެ ވާހަކަ އަޑުއިވުމުން ވާނީ ކިހިނެއްބާވައެވެ؟

ކިޝޯރު އަނެއްކާވެސް ފަރުވާތެރި ކަމާއެކު ރޫޕާއަށް ބަލާލާފައި ބުންޏެވެ.

"ތިރްލޯކް ބުނި އެއްޗެއް އަހަރެން ބުނެދެން ހެއްޔެވެ؟"

"ކޮން އެއްޗެއްތޯއެވެ؟"

"ކިޝޯރު ރޫޕާޔާމެދު އެހާބޮޑަށް އެހީތެރިވަނީ ކީއްވެގެންތޯ ތިރްލޯކް ސުވާލު ކުރާނެކަން ނޭނގެއެވެ."

ރޫޕާއަށް ތެޅިގަނެވުނެވެ. ކިޝޯރު ހީނލާފައި ބުންޏެވެ.

"ތިހާ ބޮޑަށް ކަންބޮޑުވެފައި ތިޔައިނީ އެހާ ކުޑަކުޑަ ކަމަކާ ހެއްޔެވެ. އެހެންތާކުން ތިޔަފަދަ ވަޒީފާއެއް ކަލެޔަށް ނުލިބޭނެކަން ހަނދާން ނެތުނީ ހެއްޔެވެ. މުންނީ ގޮވައިގެން ދާނީ ކޮންތާކަށް ހެއްޔެވެ. މުންނީއަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟"

"އެކަމަކު........"

"މޮޔަ އަންހެނާއެވެ......... އެއީ ރޫޕާގެ ފިރިމީހާއެވެ. ............... އޭނާގެ ބަދަލުގައި އެހެން ފިރިޔަކު ހުއްޓަސް އެގޮތަށް ވިސްނާނެއެވެ. ކުށްވެރިންނަކީ އަހަރެމެންނެވެ. ނޫނެކެވެ. އަހަންނެވެ. އަހަރެން ވިސްނާ ގޮތުގައި ދުނިޔެއާމެދު އަހަރެމެން ފަރުވާލެއް ނުބަހައްޓަންވީއެވެ. އެކަމަކު ތިރްލޯކަކީ އާދައިގެ މީހެއްކަން އަހަރެންހުރީ ހަނދާން ނެތިފައެވެ. އެންމެ ރަނގަޅެވެ. އޭނާ އެދެއްކީ ރަނގަޅު ވާހަކައެއް ނޫނެވެ. ބުއްދިވެރި ވާހަކައެއް ނޫނެވެ. ރޫޕާ ވަޒީފާ އަދާކުރަމުން ގެންދާށެވެ. ދެން މީގެފަހުން ބަހުގައި އޮފީހަށް އަންނަން ފަށާށެވެ. މީގެ އިތުރުން ޚުދު ރޫޕާ އަމިއްލައަށް ގޮސް ބަންޑާރީއަށް ނަންގަނެގެން އެހެން ޖާގައެއް ލިބޭތޯ މަސައްކަތް ކުރާށެވެ. އެކަމަކު ސާފުތާހިރު ތަނެކެވެ. މުންނީގެ އާދަކާދައަށް ބަދަލެއް ނާންނަކަހަލަ ތަނަކަށް ވާންޖެހޭނެއެވެ. އަހަރެންވެސް ރޫޕާގެ ކައިރިއަށް އައިސް އުޅުން ހުއްޓާލާނަމެވެ. އޮފީހުގައި އިދެގެންވެސް އަހަރެންގެ ޒިންމާ ފުރިހަމަ ކުރެވިދާނެއެވެ."

ރޫޕާ ޙައިރާން ކަމާއެކު ކިޝޯރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތަށް އަރައެވެ. މިއީ ކިހާ މާތް މީހެއް ހެއްޔެވެ. އެހާ ހިތި ވާހަކައެއް އަޑުއިވުމުންވެސް އޭނާ އެއްވެސް އެއްޗެއް ހިތަކު ނުލިއެވެ. އަދި އަނެއް ކޮޅުން ތިރްލޯކް..........!! އޭނާ އަހަރެންގެ ލޯތްބަށް އިތުބާރެއް ނުކުރެއެވެ. އަދި މާގިނަ ދުވަހެއް ނުވެއެވެ. ކިޝޯރުގެ ހުރިހާ އިޙްސާންތެރިކަމެއް ތިރްލޯކް ހަނދާން ނައްތާލައިފިއެވެ. ކިޝޯރު އެހީނުވިނަމަ ތިރްލޯކަށް މަރުގެ ޙުކުމް އިއްވުނީސް ކަންނޭގެއެވެ. ކިޝޯރު އެހީނުވިނަމަ އަހަންނާ މުންނީގެ ޙާލަކީ ކޮބައި ހެއްޔެވެ؟

މިހުރިހާކަމެއް ކިޝޯރުކުރީ ކިހާ ހިތްހެޔޮކަމާ އެކުގައި ހެއްޔެވެ. ކިހާ ފަރުވާތެރި ކަމާއެކުގައި ހެއްޔެވެ. ފަހަރެއްގައިވެސް އޭނާގެ ލޮލުން ދަހިވެތިކަމުގެ އަސަރެއް ނުފެނެއެވެ. ވަރަށް ގިނަ ފަހަރަށް އަންހެނެއްގެ ކައިރީގައި އެގޮތަށް އުޅޭ މީހުންގެ ހިތުގައި ނޭއްގާނީ އަސަރުތަކެއް އުފެދެއެވެ. ލޮލުން އާދަޔާ ޚިލާފު ވިދުވަރު ފެނެއެވެ. އެހެން ނަމަވެސް ކިޝޯރަކީ އެކަހަލަ އިންސާނެއް ނޫނެވެ. އަދި މިވަގުތުވެސް އޭނާ އެދެއްކީ ކިހާ ރަނގަޅު ވާހަކަތަކެއް ހެއްޔެވެ.....

ކިޝޯރު އަދިވެސް ވަރަށްގިނަ ވާހަކަ ދެއްކިއެވެ. އެކަމަކު ރޫޕާއަކަށް އަޑެއްނީވެއެވެ. ކުއްލިއަކަށް ކިޝޯރު ކާރު މަޑުކޮށްލައިފިއެވެ. އަދި އޮފީހަކާ ދިމާއަށް އިޝާރާތް ކޮށްފައި ބުންޏެވެ.

"މިއީ ސްޓޭޓް އެޖެންޓް ބަންޑާރީގެ އޮފީހެވެ. ރޫޕާ ހަމަ މިއަދު ވާހަކަ ދައްކާށެވެ. އަހަރެންގެ ވާހަކަ ނުބުނާށެވެ. މިކަހަލަ ކަންތަކުގައި ލަސްކޮށްގެން ނުވާނެއެވެ. އަދި ބުނަން ހެއްޔެވެ؟ ރޫޕާ މިތަނުން ދާނީ ބަހުގައެވެ."

ރޫޕާ ކާރުން ފައިބައިފިއެވެ. އެއާއެކު ކިޝޯރު ކާރު ދުއްވާލައިފިއެވެ. ރޫޕާ ގަނޑުވެފައި ބަލަހައްޓައިގެން ހުއްޓެވެ.

+ + + + +

ތިރްލޯކް ބައްދަލުކުރާ ކޮޓަރިއަށް ދިޔައިރު ޕްރަބާ ހުއްޓެވެ. އޭނާ އުފާވެފައި ބުންޏެވެ.

"ތިރްލޯކް ބޭބޭއެވެ. މިއަދު އަހަރެން ފިރިމީހާއާ އެކުގައި ދަނީއެވ"

"ފިރިމީހާ ގޮވައިގެން ނައީ ކީއްވެގެން ހެއްޔެވެ؟"

"އޭނާ ދިޔައީ ހުރިހާ ސާމާނު ހިފައިގެން ސްޓޭޝަނަށެވެ. ބޭބޭއެވެ. މުންނީއާއި ބައްދަލުވި ދުވަހު އަހަރެން އުފަލުންގޮސް ހަލާކުނުވީ ހަމަ ކިރިޔާއެވެ. ހީވަނީ އަސްލު އިނގިރޭސި ޓޯއީއެއް ހެންނެވެ. ހީވަނީ ކޮންމެވެސް އޮފިސަރެއް ނުވަތަ ސޭޓެއްގެ ދަރިއަކު ހެންނެވެ. އަދި ބުނަން ހެއްޔެވެ. މުންނީ ގާތުގައި ބައްޕަ ހަނދާންވޭހޭ އަހަރެން އަހާލީމެވެ. އެއާއެކު ހަމަކޮންމެ ދުވަހަކު ބައްޕައާ ބައްދަލުވަމޭ ބުންޏެވެ."

ޕްރަބާ ހީނގެންފައި ބުންޏެވެ.

"ބޭބޭއެވެ. މުންނީ ބައްޕަ ކަމުގައި ހީކުރަނީ ކާކު ކަމުގައި ހެއްޔެވެ؟"

"ކި.......... ކިޝޯރު ބާބޫ ............؟" ތިރްލޯކް ވަރަށް އުނދަގުލުން ބުންޏެވެ.

"އާނއެކެވެ. ......... އޭނާ އަބަދު އޮންނަނީ ކިޝޯރު ބާބޫގެ ކަރުގައި އެލިގެންނެވެ.....

ޕްރަބާގެ ކަރަށް ފިތާލާފާނަމޭ ތިރްލޯކްގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާ ވަރަށް އުނދަގުލުން އަމިއްލަ ނަފްސުގެ މައްޗަށް ބާރުހިންގައިފިއެވެ. ޕްރަބާ ދެން ދެއްކީ ކޮން ވާހަކަތަކެއް ކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް ވަރަށް އަނގަތަޅާފައި އޭނާ ހިނގައްއެވެ.

+ + + + +

ތިރްލޯކް ބައްދަލުކުރާ ކޮޓަރިއަށް އައިތަން ދެކެފާ ރޫޕާ ހިނިތުންވެލާފައި ޖާލިގަނޑު ކައިރަށް އަތުވެއްޖެއެވެ. އެހެން ނަމަވެސް އޭނާގެ އެވިހަ ހިނިތުންވުމުގައި ކުރީގައި ހުންނަ ކަހަލަ އުފާވެރިކަމެއް ނެތްކަމުގައި ތިރްލޯކަށް އިޙްސާސް ކުރެވުނެވެ. ހީވަނީ ހަމައެކަނި ވާޖިބު އަދާކުރުމުގެ ގޮތުން ޖަލަށް އޭނާ އަންނަނީ ހެންނެވެ. ރޫޕާ ކޮންމެވެސް ކާއެއްޗެއް ނަގާ ޖާލިގަނޑުގެ ގޮޅިއަކުން އެތެރެއަށް ދިއްކޮށްލިއެވެ. އަދި ބުންޏެވެ.

"މިއީ އަޅުގަނޑު ގެނައި ކާ އެއްޗެކެވެ."

ތިރްލޯކް ވަކި އެއްޗެކޭ ނުބުނެއެވެ. ރޫޕާ އަނެއްކާވެސް ބުންޏެވެ.

"މިފަހަރު އަޅުގަނޑު ލަސްވީ ކީއްވެގެންތޯ ކަލާގެ ހިތަށް އަރާނެއެވެ. މިފަހަރު މިއާދެވުނީ ފަސް ހަފްތާގެ ފަހުންނެވެ. ފުރަތަމަ ސަބަބަކީ މިއަހަރުގެ ޖަނަވަރީއަކީ ފަންސަވީސްވަނަ އަހަރީ މިނިވަން ދުވަސް ކަމުގައިވާ ކަމެވެ. މިއަހަރަކީ ސިލްވަރ ޖުބްލީ ފާހަގަކުރާ އަހަރެވެ. މިފަހަރު ވަރަށްގިނަ ގައިދީންނަށް މާފު ލިބޭނެއެވެ. ކަލާގެ މުއްދަތުން ކޮންމެވެސް ވަރެއް މާފުވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ.

"ރޫޕާ މަސައްކަތް ކުރާނީ އަމިއްލައަށް ހެއްޔެވެ؟"

"އަޅުގަނޑުގެ ކިބައިގައި ތިޔަހާ ބާރެއްނެތެވެ. ކިޝޯރު ބާބޫ ސޭޓްސާހަބަށް ނަންގަނެފިއެވެ. އަދި ސޭޓްސާހަބް މިހާރު ވަރަށްގިނަ ފާރަތްތަކާ ގުޅުއްވަމުން އެބަގެންދަވެއެވެ."

ތިރްލޯކްގެ ދަތްޕިލާ ބާރަށް ޖެހިއްޖެއެވެ. އަނެއްކާވެސް ރޫޕާ ބުންޏެވެ.

"މީގެ އިތުރުން އަޅުގަނޑު ކުރި މަސައްކަތަކީ އެހެން ކޮޓަރިއެއް ލިބޭތޯ މަސައްކަތް ކުރުމެވެ. ކޮންމެ ދުވަހަކު ސްޓޭޓް އެޖެންޓް ބަންޑާރީގެ ގެއަށް ދާންޖެހުނެވެ. މިހާރު އަޅުގަނޑު ކިޝޯރު ބާބޫއާއެކު ކާރުގައި އެއްވެސް ތާކަށް ނުދަމެވެ. ބަހުގައި ދަތުރުކުރަން ޖެހުމުން އިތުރު ވަގުތުވެސް ގެއްލެއެވެ. ކޮންމެއަކަސް މިހާރު އެމައްސަލަ ޙައްލު ވެއްޖެއެވެ. ބަންގްލާއަކުން ކޮޓަރިއެއް ލިބިއްޖެއެވެ. ދުއިސައްތަ ފަންސާސް ރުފިޔާއަށެވެ. އަދި ފަސްހާސް ރުފިޔާ ޑިޕޮޒިޓްގެ ގޮތުގައި ދައްކާ ގޮތަށެވެ. މިމަހު އެކެއްގައި އަޅުގަނޑު އެގެއަށް ބަދަލުވާނަމެވެ."

"މަހަކު ދުއިސައްތަ ފަންސާސް ރުފިޔާ......!!"

"ލައްބައެވެ........" ރޫޕާ ތިރްލޯކަށް ބަލާލިއެވެ. "އަޅުގަނޑު އޯވަރޓައިމް ކުރާނަމެވެ. އޭގެ އިތުރުން ހަމަ އެބަނގްލާއިން މަހަކު ސަތޭކަ ރުފިޔާގެ ރޭޓުން ދެކުއްޖަކަށް ޓިއުޝަން ދޭގޮތަށް އެބަ ހަމަޖެހެއެވެ."

"ޑިޕޮޒިޓް ފަސްހާސް ރުފިޔާ ދެނީ ކިޝޯރު ބާބޫ ދޯއެވެ."

ރޫޕާގެ މޫނުމަތިން ނުރުހުންވުމުގެ އަސަރު ފާޅުވެގެން ދިޔައެވެ. ދެން އަނެއްކާވެސް ހީނލާފައި ބުންޏެވެ.

"ނޫނެކެވެ........ އަޅުގަނޑު އޮފީހުން އެޑްވާންސަށް ފައިސާ ލިބިއްޖެއެވެ. އަޅުގަނޑުގެ މުސާރައަކީ މަހަކު ބާރަ ސަތޭކަ ރުފިޔާއެވެ. އަދި އޯވަރޓައިމް ކޮށްގެން ލިބޭ ފައިސާއިން އެ ބައި ކަނޑަމުން ގެންދާނީއެވެ."

"އެކަމަކު ވަޒީފާ އަދާކުރާނީ އެތާނގައި ދޯއެވެ."

ރޫޕާ ހިކި ހިނިތުންވުމަކާއެކު ބުންޏެވެ.

"ކަންބޮޑުވެ ނުލައްވާށެވެ. ވަޒީފާވެސް ދޫކޮށްލަފާނަމެވެ. އެކަމަކު އެހާ ކުއްލި ގޮތަކަށް ދޫކުރެވޭނީ ކިހިނެއްތޯއެވެ. އަޅުގަނޑުމެން ދެމައިންގެ ބަނޑުފުރާނަ މުއްތިކުރާނީ ކިހިނެއްތޯއެވެ. މުންނީއަށް ކިޔަވާދެނީ ކިހިނެއްތޯއެވެ؟ އޮފީހުން އެޑްވާންސަށް ނެގުނު ފައިސާ ދެއްކުނުހާ އަވަހަކަށް ވަޒީފާ ދޫކޮށްލާނަމެވެ. އެހެން ވަޒީފާއެއް ހޯދުމުގެ މަސައްކަތް މިހާރުއްސުރެ ފަށައިފީމެވެ. ލިބިދާނެކަމުގެ އުއްމީދު އެބައޮތެވެ."

ތިރްލޯކް ހިމޭނުން ރޫޕާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ....... ރޫޕާ ކުޑަކޮށް އުފާވެލާފައި ބުންޏެވެ.

"އެކޮޓެޖް ހުންނަނީ ރަނގަޅު ހިސާބު ގަނޑެއްގައެވެ. މުންނީ ގަދަހަދަނީ ހަމަ އެކޮޓެޖްގައި ތިބުމަށެވެ."

"ގަދަ ނަހަދަންވީ ކީއްވެގެން ހެއްޔެވެ." ތިރްލޯކް މަލާމާތުގެ ރާގެއްގައި ބުންޏެވެ. "އެއީ އޭނާގެ ބައްޕަގެ ކޮޓެޖް ވިއްޔާއެވެ."

"ބައްޕައޭތޯއެވެ؟ .........." ރޫޕާ ސިހިފައި ތިރްލޯކް މޫނަށް ބަލާލިއެވެ.

"އާނއެކެވެ.......... މުންނީ ބައްޕަ ކަމުގައި ދެކެނީ ކިޝޯރު ބާބޫ ނޫން ހެއްޔެވެ."

ރޫޕާގެ ލޮލުގައި ވަނީ އަޖައިބެއްފަދަ ޒަޚަމް ކުރުވަނިވި ވިދުވަރެކެވެ. ދެން އޭނާ މަޑުމަޑުން ބުންޏެވެ.

"ކަލާ އަޅުގަނޑުގެ މަގާމުގައި ހުންނެވިނަމަ މިހުރިހާ ކަމެއް ހައްލުކުރަމުން ދާގޮތް އަންދާޒާ ކުރެއްވޭނެއެވެ. ކަލާގެ ދަރިފުޅު މިގެންގުޅޭގޮތް އެނގިލައްވަ ފާނެއެވެ."

"ތިޔަކަން މިހާރުވެސް މިއޮތް އެނގެނީ ނޫން ހެއްޔެވެ. އަހަރެން ޖަލުން ސަލާމަތްވާ ދުވަހަކުން އެދަރިފުޅު އަހަންނަށް ކިޔާނީ އަންކަލް ނޫންކަމުގައިވެސް ނޭނގެއެވެ."

"އެހެން ވާންޖެހުނީ މަޖްބޫރީ ޙާލަތެއް މެދުވެރި ވެގެންނެވެ."

"ކޮންކަމެއް ހެއްޔެވެ؟"

"މުންނީގެ ބައްޕައަކީ މީހަކު މަރާލުމާއެކު ވައްކަން ކޮށްގެން ޖަލަށް ލެވިފައިވާ މީހެއްކަން މަންމައޮތީ އޭނާއަށް ކިޔާ ދީފައެވެ. މުޅި ސްކޫލަށް އެވާހަކަ ފެތުރުމުން ޕްރިންސިޕަލް އަޅުގަނޑު ގެންދަވައިފިއެވެ. އެދުވަހަކީ މުންނީ ސްކޫލުން ވަކިކުރާނެ ދުވަހެވެ. އެހެން ނަމަވެސް......

އެހެން ނަމަވެސް އެތަނުންވެސް ކިޝޯރު ބާބޫގެ ބޭނުން ހިފުނީއެވެ. ކިޝޯރު ބާބޫގެ ކުރީގެ އަންހެނުން ސަރްލާއަކީ އެތާނގައި ޓީޗަރެއްގެ ގޮތުން މަސައްކަތްކުރި ކުއްޖެކެވެ. ކިޝޯރު ބާބޫއަކީ ކާކުކަން ޕްރިންސިޕަލަށް އެނގިލައްވައިފިއެވެ. ........... ކިޝޯރު ބާބޫ ހުރިހާ ވާހަކައެއް ތަފްޞީލްކޮށް ޕްރިންސިޕަލަށް ކިޔާ ދެއްވިއެވެ. އެއާއެކު ޕްރިންސިޕަލްގެ ލަފާގެ މަތިން ކިޝޯރު ބާބޫއަކީ މުންނީގެ ބައްޕަކަން މުންނީއަށް ވިސްނައިދޭން ހަމަޖެއްސެވީއެވެ. އެގޮތުން ސްކޫލްގައި ބަދުނާމު ނުވުމާއި އެހެން ކުދިންގެ މައިން ބަފައިން ނުރުހުންވާނެ މަގު ބަންދުވެދާނެ ކަމުގައި ނިންމެވީއެވެ.... ކަލާއަށް ޖަލުން ސަލާމަތް ވެވޭއިރު މުންނީ ބޮޑުވެދާނެއެވެ. ވިސްނެން ފަށާފާނެއެވެ. އެދުވަހަކުން ޙަޤީޤަތް ހާމަވިޔަސް ގެއްލުމެއް ނެތެވެ. އޭރުން އޭނާވެސް އެކަން ޤަބޫލު ކުރާނެއެވެ."

ތިރްލޯކް ދަތްކުނޑި ވިކައިގެންހުރެ ރޫޕާގެ ވާހަކަ އަޑުއަހަމުން ދިޔައެވެ. އޭނާ ބުންޏެވެ.

"ތިޔަ ހުރިހާ ވާހަކައެއް އަހަރެން ޤަބޫލުކޮށް ހިތްހަމަ ޖައްސާލާނެ ކަމުގައި ރޫޕާ ހީކުރާނެ ކަންނޭގެއެވެ."

ރޫޕާ ކުއްލިއެއް ޖަހާފައި ބަލައިލިއެވެ. އަދި ރުޅިވެރި އަޑަކުން ބުންޏެވެ.

"ދެން ޔަޤީންވެލައްވާނީ ކޮންގޮތަކުން ތޯއެވެ. މުންނީ މަރާލަންވީތޯއެވެ. އަދި އަޅުގަނޑު މަރުވާންވީ ތޯއެވެ. ކުރީގައި ކަލާއަކީ ކިހާ މާތް އިންސާނެއްތޯއެވެ. އެހެން ނަމަވެސް ޖަލުގެ ވިހަ ފަޒާ ކަލާގެ ސިކުނޑިއާ ވިސްނުންވެސް ޒަހަރުން ކަޅިކޮށްފިއެވެ. ތިޔަ ޝައްކު ކުރައްވަނީ ފެށުނީއްސުރެ ކަލާއަށް އެހީތެރިވެދެއްވި މާތް އިންސާނާއާ މެދުގައެވެ. އަދި....... މިހާރު އަޅުގަނޑަށްވެސް ޝައްކު ކުރައްވަން ފެއްޓެވީއެވެ."

ތިރްލޯކް ރުޅިއައިސް ރަތްވެއްޖެއެވެ.

"ޔަޤީންކަމެއް އެކުލެވިފައި ނުވާ ކޮންމެކަމަކީ ޝައްކެކެވެ. އެހެން ނަމަވެސް އަހަރެންގެ މިޔަޤީންކަން ރޫޕާއަކަށް ބަދަލެއް ނުކުރެވޭނެއެވެ. އެހެނީ މިހާރު ރޫޕާ ތިހިރީ ބަދަލުވެފައެވެ. ތިޔައީ އަހަރެންގެ ލޯބީގައި ފުރާނަ ދުއްވާލަން އުޅުނު ރޫޕާއެއްނޫނެވެ. މުސްކުޅިން ބުނެފައިވާ ހަރުބަހެއް އޮވެއެވެ. ހަށިގަނޑުގެ ބަނޑުހައި ހޫނުކަމަކީ، ވެރިޔާގެ ފަހަތުގައި ނަގޫ ހަލުވާލަ ހަލުވާލާ އޮންނަ ވަފާތެރި ކުއްތާއެއް ފަދަ އެއްޗެކެވެ. އަދި ކުއްތާގެ ވަފާތެރިކަމަކީ ވެރިޔާ ބަދަލުވުމާއެކު ބަދަލުވެގެންދާ އެއްޗެކެވެ."

ރޫޕާގެ ސިކުނޑި ހާސްވެއްޖެއެވެ. އޭނާ މަތި ނޭވާ ލަމުން ބުންޏެވެ.

"މާނައަކީ ކޮބައިތޯއެވެ؟"

"މާނަ މާރަނގަޅަށްވެސް އެނގޭނެއެވެ. މިދުވަސްވަރު އެއްވެސް މީހަކު ބޭނުމަކާނުލައި އަނެކަކާމެދު އެއްވެސް އޯގާތެރި ކަމެއް ނުބަހައްޓާނެއެވެ. އަދި ކިޝޯރުގެ އުޅުންވެސް އަހަރެން ދަންނަމެވެ. އޭނާ ރޫޕާގެ ރަޙްމަތްތެރި ޕްރަބާއާއި އެކުގައިވެސް ނާ ޗަރަންގީ ކުޅެފިއެވެ."

"ތިޔަހެނެއް ނުވާނެއެވެ...!!"

"ޕްރަބާ ގާތުގައި އަހާބަލާށެވެ. އެވަރުން ނުވިއްޔާ ކިޝޯރު ގާތުގައިވެސް އަހާބަލާށެވެ."

"ތިރްލޯކްއެވެ........!!" ރޫޕާ އަޑު ތުރުތުރު އަޅައިގަތެވެ.

"ކަލޭމެން ދެމީހުންނަކީ ކިޔަވައިގެން ތިބި ދެމީހުންނެވެ. ވިސްނޭ ދެމީހުންނެވެ. ދުނިޔޭގެ އާޖުފާޖު ރަނގަޅަށް އެނގޭ ދެމީހުންނެވެ. ކުރާ ކޮންމެ ކަމެއްވެސް ވިސްނާ ފިކުރުކޮށްފައި އެއްވެސް މީހަކަށް ޝައްކެއްވެސް ނުވާގޮތަށް ކުރެވިދާނެއެވެ. މިހާރު ތިޔަ ހިނގަމުންދާ ހުރިހާކަމެއް އަހަންނަށް ވިސްނެއެވެ. އަހަރެން މިހާރު މިހުންނަނީ ކަލޭގެ ލޯބީގައި އެވަރު ނޭނގޭ މިންވަރަށް އަނދިރި ވެގެންނެއް ނޫނެވެ."

ރޫޕާ ރުޅިއައިސްގެން ތުރުތުރު އަޅަމުން ބުންޏެވެ.

"އަނދިރިއެއް ނުވެއެވެ. އަނދިރިވީ ތިރްލޯކްގެ ހިތެވެ. ރޫޙެވެ. މިއަދާ ހަމައަށް މާތް މީހެއްގެ ގޮތުގައި ދެކެމުން އައި މީހާއާމެދު ތިޔަ ޝައްކު ކުރަނީއެވެ. އަހަންނާމެދު ޝައްކު ކުރަނީއެވެ. އަހަންނަކީ މިއަދާ ހަމައަށްވެސް ތިރްލޯކްގެ ލޯބި އަމާނާތްތެރި ކަމާއެކު ރައްކާކޮށް ބަލަހައްޓަމުން އައި އިންސާނާއެވެ. ކުރީގެ ތިރްލޯކާ މިއަދު މިފެންނަ ތިރްލޯކާ އުޑާ ބިމާހާ ތަފާތެވެ..... އަހަރެން ......... ތިރްލޯކްގެ ކަހަލަ ހެޔޮ ވިސްނޭ މާތް އިންސާނަކު ތިޔަފަދަ ވިޔާނުދާ ގޮތްކުޑަ މީހަކަށް ވެދާނޭކަމަށް ހުވަފެނުގައިވެސް ނުވިސްނަމެވެ."

ތިރްލޯކް ހަޅޭއްލަވައި ގެންފައި ބުންޏެވެ.

"މިހާރު ކަލެޔަށް ވިސްނިއްޖެ ނޫން ހެއްޔެވެ. އެކަމަކު އަހަރެން މުޅި ޢުމުރަށް ޖަލުގައި އުޑި އަނބުރަން ހުންނާނޭ ކަމުގައި ހީނުކުރާށެވެ. އަދި ކަލެޔަށް ކިޝޯރާއެކު ނާޗަރަންގީ ކުޅެން އުޅެވިދާނެ ކަމުގައިވެސް ހީނުކުރާށެވެ."

"ތިރްލޯކްއެވެ. ހިމޭންވެ ލައްވާށެވެ."

"އަހަރެން ހިމޭންވާންވީ ކީއްވެގެން ހެއްޔެވެ. އަބަދުގެ އަބަދަށް ކަލޭވެސް ހިމޭން ކޮށްދީފާނަމެވެ."

ކުއްލިއަކަށް ޖާލިގަނޑުގެ ގޮޅިއަކުން ދެއަތް ނެރެފައި ތިރްލޯކް ރޫޕާގެ ކަރުގައި ހިފަހައްޓައިފިއެވެ. އަދި ދަތްކުނޑި ވިކައި ގަތުމާއެކު ކަރަށް ފިތައިގަންނަމުން ބުންޏެވެ.

"އާވާރާ އަންހެނާއެވެ. ގޮތްކުޑަ އަންހެނާއެވެ. ކަލޭ އުފާކުރުމަށްޓަކައި ދުލެއް ނުކުރާނަމެވެ."

ރޫޕާ ސަލާމަތްވާން މަސައްކަތް ކުރަމުން ހަޅޭއްލަވައި ގެންފައި ބުންޏެވެ.

"އަހަރެން...... ތިޔަފަދަ ބޮޑު އިލްޒާމެއް ބޮލުގައި އަޅައިގެން ހުރެ އަހަރެން މަރެއް ނުވާނަމެވެ....."

"ތިޔަކަން އަންގާލާނަމެވެ..... ކަލޭގެ ސަލާމަތް ކުރަން އާންނާނީ ކާކު ހެއްޔެވެ."

ރޫޕާގެ ނޭވާކުރުވާން ފަށައިފިއެވެ. ލޯ ބަޑިގޮވަނީއެވެ. އޭނާ ތިރްލޯކްގެ އަތް ނައްޓާލެވޭތޯ މަސައްކަތް ކުރަމުން ބެދިފައިވާ އަޑަކުން ހަޅޭލައިގަތެވެ.

"ސަލާމަތް ކުރާށެވެ. ސަލާމަތް ކުރާށެވެ."

ކުއްލިއަކަށް ހަތަރު ފަރާތުން ގާޑުން ދުއްވައިގެން ފިއެވެ. އަދި ތިރްލޯކްގެ އަތް ދަށުން ރޫޕާ ސަލާމަތް ކުރަން އުޅެގަތެވެ. އެހެން ނަމަވެސް ތިރްލޯކް ހިފަހައްޓާފައި ހުރީ އޭހާ ވަރުދެރަ އަތަކުން ނޫނެވެ. އޭނާ ކަރުފަޅައިގެން ދާވަށް ހަޅޭލަވަމުން ދިޔައެވެ.

"ދުލެއް ނުކުރާނަމެވެ. މިވިޔާނުދާ އަންހެން މީހާގެ ފުރާނަ ދުއްވާލާނަމެވެ. މިއީ އަހަރެންގެ އަންހެނުންނެއް ނޫނެވެ. ކަސްބީއެކެވެ. އަހަރެން ޖަލުގައި ގަދަ މަސައްކަތް ކުރާ ވަރަކަށް މީނާ އުފާކުރަނީއެވެ. އުދުހެނީއެވެ. ހިލޭ ފިރިހެނުންނާއެކު މަޖާ ނަގަނީއެވެ."

ގާޑު ތިރްލޯކްގެ އަތުގައި މުގުރުން ތަޅައިގަތެވެ. ހަމަ އެވަގުތު އެތަނަށް ވަދެގެން އައި ސަބް އިނިސްޕެކްޓަރަކު ތިރްލޯކްގެ ބޮލުގައި ދަނޑިބުރިން ޖަހައިފިއެވެ. އެއާއެކު ތިރްލޯކް ތެޅިގެންފައި ރޫޕާގެ ކަރުން ދޫކޮށްލައިފިއެވެ. އަދި ބާރަށް ބޮލުގައި ހިފަހައްޓައިފިއެވެ. އޭނާގެ މޫނު މައްޗަށް އަނދިރިވެއްޖެއެވެ. ބޮލުން ހޯސްލާފައި ލޭފައިބައިގަތެވެ.

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 84 އިން 88 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން