ޓޫރިިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިިޒަމް މިނިސްޓަރ އަލީ ވަހީދު
ނިއު ނޯމަލްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދާނެ ގޮތުގެ ގައިޑްލައިން އާއި ގުޅޭ ލަފަޔަކަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ރައްޔިތުން މަޖިލީހުގެ ކިބައިން އެދިއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ނިއުނޯމަލްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދާނެ ގޮތުގެ ގައިޑްލައިންގެ ޑްރާފްޓެއް އެކުލަވާލައިފައެވެ. އަދި މިއަދު ވަނީ އެ ގައިޑްލައިންގެ ކޮޕީއަކާއި އެކުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިނިސްޓަރ އަލީ ވަހީދު ސިޓީއެއްވެސް ފޮނުއްވާފައެވެ.

މިނިިސްޓަރު އަލީ ވަހީދު ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމާއި ގުޅޭ ގޮތުން އުސޫލެއް އެކުލަވާލާފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަން ކުރާ ގޮތަށް ޑަބްލިއުއެޗްއޯގެ މިންގަނޑާއި ވެސް އެއްގޮތަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ދެލި ކޮޕީއެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންނަށް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ގައިޑްލައިން އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެ ގައިޑްލައިންގައި ބުނެފައިވަނީ ރާއްޖެ އަންނަ ޖެޓުތަކާއި ޗާޓަރ ފްލައިޓުތަކާއި ސުޕަރ ޔޮޓުތަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ޗާޓަރ ފްލައިޓުތަކާއި ކޮމާޝަލް ފްލައިޓުތަކަށް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލުމަށް އެ ގައިޑްލައިންގައި ވަނީ ހިމަނާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އެ ގައިޑްލައިންގައި ވަނީ އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓު ހައުސްތައް ވެސް ހުޅުވާލުމަށް ހިމަނާފައެވެ.

ޕްރައިވެޓު ޖެޓުތަކުގައި އަންނަ ނަމަ އެ ޖެޓުތަކުން 50،000 ޑޮލަރުގެ ފީއެއް ނަގައެވެ. އަދި ސުޕާ ޔޮޓުތަކުން 10،000 ޑޮލަރުގެ ފީއެއް ނަގައެވެ. ރާއްޖެ އައުމަށް ބުކިން ހަދަން ޖެހޭނީ "ސޭފް ޓޫރިޒަމް"ގެ ލައިސަންސް އޮންނަ ފަރާތްތަކުންނެވެ.

"ސޭފް ޓޫރިޒަމް" ލައިސަންސްގެ ފީ އަކީ 50،000 ޑޮލަރެވެ. މި ފީއަކީ ނިއު ނޯމަލްގައި ރިސޯޓުތައް އޮޕަރޭޓު ކުރަން ބޭނުންވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީއެކެވެ. މިފަދައިން ހުއްދަ އަށް އެދޭ ރިސޯޓުތަކުގައި 10 ޕަސެންޓުގެ ކޮޓަރިތަކަކީ ފަތުރުވެރިން އައިސޮލޭޝަން އަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ބަހައްޓަންޖެހޭ ކޮޓަރިތަކެކެވެ. އަދި ހަމަ އެފަދައިން މުވައްޒަފުންނަށް ވެސް 10 ޕަސެންޓުގެ ކޮޓަރިތައް ހާއްސަ ކޮށްފައި ބަހައްޓަން ޖެހެއެވެ.

މި ގައިޑްލައިންގައި ބުނީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން