image ގައްދޫ ރަޝީދު   9 ޑިސެމްބަރު 2021 - 16:13
24 ވަނަ ބައި

................

އަވަސް އަވަހަށް ކާރުން އެއްޗެތިތައް ނެރެ ކާރު ތަޅުލެވުނުއިރު ރޫޕާ ރަނގަޅަށް ތެމިއްޖެއެވެ. އެކަމަކު މުންނީ ތެމުނަކަ ނުދެއެވެ. ގެއަށް ވަދެވުމާއެކު މުންނީ ކާރު ދުއްވުމައިގެން އުޅެގަތެވެ. ދޫލަމަތީގައި ކޮޅުކޮޅަށް އޭނާ ކާރު ދުއްވަމުން ދިޔައެވެ.

ރޫޕާ ތެމި ފޯވެއްޖެއެވެ. އެހެންކަމުން އޭނާ ކޮޓެޖްގެ ރީތި ފާޚާނާއަށް ވަދެ ހެދުން ބަދަލުކުރަން ފަށައިފިއވެ. އަވަސް އަރުވާލާފައި ހުރިވަރުން އަލަމާރިން އެހެން ހެދުމެއް ގެންނާކަށްވެސް އޭނާ ހަނދާނެއް ނުވިއެވެ. އެވަގުތު އެއްފަރާތެއްގައި ހުރި ބޮޑު ލޯގަނޑުން އޭނާގެ ރީތި ހަށިގަނޑު ފެނުމާއެކު ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. ހިނދުކޮޅަކު އޭނާގެ ލޮލުން ތަރިބުރައިގެން ދިޔަކަމުގައި އިޙްސާސް ކުރެވުނެވެ. އޭނާގެ ރީތި ދޮން ހަށިގަނޑުގެ ވަނާތައް ފެނިފައި އޭނާއަކީ ކުއްޖަކު ވިހާފައި އިން އަންހެނެކޭ ބުނާނީ ކާކު ހެއްޔެވެ. އެއީ ވޭތުވެދިޔަ ތިން އަހަރުއްސުރެ އެއްވެސް ފިރިހެނަކު އޭނާގެ ހަށިގަނޑުގައި ބީހިވެސް ނުލާތީ ކަންނޭގެއެވެ.

ތިރްލޯކަކީ މިހަށިގަނޑާ ހެދި ދީވާނާވީ މީހެކެވެ. އޭނާ އެތައް ގަނޑިއިރެއް ވަންދެން މޫނުގައި ދެއަތް އަޅައިގެން ލަދުން އިނެވެ. އަދި ތިރްލޯކް އޭނާގެ ހަށިގަނޑުގައި ފިރުމަމުން ލޯބިކުރަމުން ދިޔައެވެ. ކުއްލިއަކަށް ރޫޕާއަށް ހީވީ ކޮންމެވެސް ކަހަލަ މަސްތުކަމެއް ވެރިވެގަތް ހެންނެވެ. އޭނާގެ ހަށިގަނޑުގައި ފިރިހެނެއްގެ އިނގިލިތަކުން އަސަރުގަދަ ބީހުންތަކެއް ބީހެއް ފެށުމުން ހިތުގެ ވިންދު އަވަސް ވެއްޖެއެވެ. ނޭވާ އަވަސް ވެއްޖެއެވެ. ލޯމެރިއްޖެއެވެ. ލޭ އަވަސް ކަމާއެކު ހިނގައިގަތެވެ. ކަންފަތް ބުނަންނޭނގޭ އަޑަކުން ގުގުމައިގަތެވެ. ދެން.............

ވޭތުވެދިޔަ ދިހައަހަރު ދުވަސް އޭނާ ހޭދަކުރީ މިކަހަލަ ފޮނިރޭތަކެއްގެ ފޮނި ފިރުމުންތަކެއް ލިބުމާ އެކުގައެވެ. ފަހަރެއްގައިވެސް އޭނާއަކީ ދިރިހުރި ހަށިގަނޑެއްގެ ވެރިއެކޭ ހިތަކަށް ނާރައެވެ..... ޙަޔާތުގައި ބޭނުންވާ އެހެން ކަންތައްތައް ފަދައިން ހަށިގަނޑުގެވެސް ބޭނުންތަކެއް ވާނެކަމަކަށް އޭނާ ހީއެއް ނުކުރެއެވެ.......... އެހެން ނަމަވެސް މިވަގުތު އޭނާގެ ހަށިގަނޑުގައި ހާމަކުރަން ދަތި އުނދަގޫ ގޮތްތަކެއް އުފެދެމުންދާ ކަމުގައި އިޙްސާސް ކުރެވުނެވެ. މިހާރު އޭނާ ބޭނުން ވަނީ ކޮންމެވެސް މީހަކު ފުށްގަނޑެއް މޮޑޭހެން އޭނާ މޮޑެލުމެވެ.

ކުއްލިއަކަށް ބޭރުން މުންނީ ގޮވާލި އަޑު އިވިއްޖެއެވެ. ރޫޕާ ސިހިއްޖެއެވެ. ދެން އަވަސް އަވަހަށް އެއް ފަރާތަކަށް ޖެހިލިއެވެ. އޭނާއަށް ހީވީ މީހަކު ބަލަންހުރީ ކަމުގައެވެ. މުންނީ އަނެއްކާވެސް ގޮވާލިއެވެ. އޭނާ ދޮރުފަތް ކުޑަކޮށް ހުޅުވާލާފައި މުންނީއަށް ގޮވާލިއެވެ.

"ދަރިފުޅާއެވެ. އަލަމާރީން މަންމަގެ މިޑީއެއް ގެނެސް ދީބަލާށެވެ."

މުންނީ މިޑީއެއް ގެނެސް ދީފިއެވެ. އެއާއެކު ރޫޕާ މިޑީލައިގެން ބޭރަށް ނުކުމެއްޖެއެވެ. މުންނީ ގޮވީ ބަނޑުހައިވެގެންނެވެ. ރޫޕާ އަވަހަށް ކާންހަދާފައި އޭނާއަށް ކާންދީފިއެވެ. އެއަށްފަހު އިރުކޮޅަކު ވާހަކަ ކިޔައިދޭން އޮތެވެ. ރާޖް ކުމާރަކާ ރާޖްކުމާރީއެއްގެ ވާހަކައެވެ........ މުންނީ ރޫޕާގެ ކަރުގައި ބައްދައިގެންފައި ސުވާލު ކުރިއެވެ.

"މަންމާއެވެ. އެއީ ހަމަ އަޅުގަނޑުގެ ބައްޕަ ކަހަލަ ރާޖާ ކުމާރެއްތޯއެވެ.........."

"ތިޔަހެން ބުނީ ކީއްވެގެން ހެއްޔެވެ؟"

"އަޅުގަނޑުގެ ބައްޕަވެސް ވަރަށް ރަނގަޅެވެ. އަޅުގަނޑު ދެކެ ލޯބިވެ ލައްވައެވެ. އަދި މަންމަ ދެކެވެސް އެހާ ވަރަށް ލޯބިވެލައްވައެވެ. ރާޖްކުމާރު ރާޖްކުމާރީ ދެކެ ލޯބިވެލައްވާ ފަދައިންނެވެ. ބައްޕަވެސް އެހާވަރަށް މަންމަ ދެކެ ލޯބިވެ ލައްވައެއް ނޫންތޯއެވެ؟"

"މަންމައަކީ ރާޖް ކުމާރީ އެއް ހެއްޔެވެ؟"

"ވަރަށް ރަނގަޅެވެ......" މުންނީ ނިދިން ފުރިފައިވާ އަޑަކުން ބުންޏެވެ. "މަންމަ ރާޖްކުމާރީ އަކަށްވުރެވެސް ރީއްޗެވެ. ރަނގަޅެވެ.........."

"ދެން އެންމެ ރަނގަޅެވެ. އަވަހަށް ނިދާށެވެ. މާދަމާ ހެނދުނު ސްކޫލަށް ދާން ޖެހޭނެއެވެ."

މުންނީ ރޫޕާގެ ގައިގައި އޮޅުލައިގަނެގެން އޮވެ ނިދައިފިއެވެ. ރޫޕާ މައިވަންތަ ކަމުން ފުރިފައިވާ ގޮތަކަށް ލޯބި ކޮށްލިއެވެ. ކުއްލިއަކަށް އޭނާގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. ނާރުތަކުގައި ލޭ ދައުރުވުން އަވަސް ވެއްޖެއެވެ. އޭނާގެ ކަންފަތުގައި މުންނީ ބުނި ޖުމްލަ ގުގުމައިގަތެވެ. "ބައްޕަވެސް އެހާވަރަށް މަންމަ ދެކޭ ލޯބިވެލައްވާ ނޫންތޯއެވެ؟"

ރޫޕާ ތެޅިގެންފައި ތެދުވެ އިށީނދެއްޖެއެވެ. އަދި އަވަސް އަވަހަށް ގޮސް ފުރެންދެން ހުރި ފެންތައްޓެއް ބޯލައިފިއެވެ. އޭނާ އެތައް ފަހަރަކު ކިޝޯރުގެ ޚިޔާލު ހިތުން ފިލުވާލުމަށް މަސައްކަތް ކޮށްފިއެވެ. އެހެންނަމަވެސް އިރުއިރުކޮޅުން ކިޝޯރު އޭނާގެ ލޯމައްޗަށް ފެންނަ ކަހަލައެވެ..... މިވަނީ ކީއް ހެއްޔެވެ........؟ ނޫނެކެވެ. އެގޮތަށް ހީކުރުމަކީވެސް ފާފައެކެވެ. އަހަރެންގެ ހަށިގަނޑާ މެދު ތިރްލޯކް ނޫން އެހެން އެއްވެސް މީހެއްގެ ޙައްޤެއް ނެތެވެ.

ކޮންމެވެސް ސިއްރު އަޑެއް އޭނާގެ ސިކުނޑިއަށް ވިސްނައިދިން ކަހަލައެވެ. [ތިރްލޯކްގެ ޙައްޤު ހެއްޔެވެ....... ތިޔަ ބުނާ ތިރްލޯކަށް ކަލޭގެ ކަރަށް ފިތުމުގައި އެދުވަހު ކާމިޔާބުވިނަމަ ކަލޭގެ މަސްގަނޑު އަނދާ އަޅިއަށްވިތާ ކިހާ ދުވަހެއް ހެއްޔެވެ؟!] ރޫޕާއަށް އެދުވަހުގެ އެމަންޒަރު ސިފަކުރެވުނެވެ. އެއާއެކު އޭނާގެ ހިތު ތެރޭގައި ނަފްރަތުގެ ހޫނު ދިލަފަށެއް އުފެދުނީ ކީއްވެގެންކަމެއް ނޭގުނެވެ. އޭނާ ބާރަށް ބޯހަލުވާލިއެވެ. އަދި ހަމަ އެވަގުތު އަނެއްކާވެސް ކިޝޯރުގެ މަތިން ހަނދާން ކުރެވިއްޖެއެވެ. އޭނާ ތެޅިގެންފައި އެނދުން ތެދުވެއްޖެއެވެ.

ހަމައެވަގުތު ކޮންމެވެސް މީހަކު ރަނގަބީލު ޖަހައިފިއެވެ. އަދި ކުއްލިއަކަށް އޭނާގެ ހިތް ފުންމައިގެން އައިސް ކަރުބުޑުގައި ޖެހުނު ކަހަލައެވެ. ސިކުނޑި ބާރަށް ހަޅޭލައިގަތެވެ. ކިޝޯރު...... ކިޝޯރު...... ކިޝޯރު....... އޭނާއަށް ހަނދާން ވެއްޖެއެވެ. ކިޝޯރު ކާރުބަލާ އަންނާނެއެވެ. ރޫޕާ ހޫރެމުން ކަހަލަގޮތަކަށް ކުރިއަށް ހިނގައިގަތެވެ. އޭނާ ދޮރު ހުޅުވާލިއެވެ. އެއާއެކު ސިހިއްޖެއެވެ. އެއީ ހަމަ ކިޝޯރެވެ. ކިޝޯރުހުރީ ތެމި ފޯވެފައެވެ. ކެނޑިނޭޅި ރަނގަބީލު ޖަހަމުން ދިޔައެވެ. ލޯމެރެމުން ދަނީއެވެ.

ތޫފާނެއް ފަދައިން ވާރޭވެހެމުން ދިޔައެވެ. ވައިގެ އަޑު އެތުގެ އަޑަށްވުރެ ވަކި މަޑެއްނޫނެވެ. ރޫޕާގެ ތުރުތުރުއަޅާ އަތް ކިޝޯރުގެ ކޮނޑުގައި ބާއްވާލިއެވެ. އަދި ގޮވާލިއެވެ.

"ކިޝޯރު ބާބޫއެވެ.........!!"

"ޚަބަރުދާރެވެ! .......!" ކިޝޯރު ކުއްލިއަކަށް ރޫޕާގެ އަތް ފޮޅުވާލާފައި ބުންޏެވެ. "އަތް ނުލާށެވެ."

ކިޝޯރު ހުރީ ރަނގަޅަށް މަސްތުވެފައެވެ. ދެން ކުއްލިއަކަށް ދެލޯ ބޮޑުކޮށްލާފައި އަވަސްއަވަހަށް ހަމަޖެހިލަން މަސައްކަތް ކުރަމުން ބުންޏެވެ.

"އަސްތާއެވެ! ރޫޕާ ހެއްޔެވެ..... އެއީ.... އަހަރެން ހީކުރީ......... މިހުރެވުނީ ޕާރޓީގައި ކަމުގައެވެ. އެ ...... އަހަރެން ވަރަށްގިނައިން ބޮއިފީމެވެ. އެކަމަކު....... މީހަކު ކެއްސެއް ދިނީއެވެ...... ތަޅުދަނޑި ދޭށެވެ......."

"ކިޝޯރު ބާބޫއެވެ. ކަލާއަށް ިތޔަ ޙާލުގައި ކާރެއް ނުދުއްވޭނެއެވެ."

"އަހަރެން.......... ދުއްވާފާނަމެވެ." ކިޝޯރު ފަހަތަށް ޖެހިލާފައި އަތް ދިއްކޮށްލަމުން ބުންޏެވެ.

"ދޭށެވެ. ތަޅުދަނޑި ދޭށެވެ...... އަވަހަށް ........... އަހަރެން ދާންވެއްޖެއެވެ."

"ކިޝޯރު ބާބޫއެވެ. ތިޔަ ޙާލުގައި ދުރުވާކަށް ނުވާނެއެވެ. ކަލާ މިރޭ މިގޭގައި ނިދިކުރައްވާށެވެ."

"ނޫނެކެވެ. އެއްގޮތަކަށްވެސް ތިޔަހެނެއް ނުވެވޭނެއެވެ. ކަލެއަކީ...... އެކަނި އިން އަންހެނެކެވެ. މީހުން ބުނާނީ ކީކޭ ހެއްޔެވެ.... ތަޅުދަނޑިދޭށެވެ......."

ރޫޕާ ކަންބޮޑުވެފައި ކިޝޯރުގެ މޫނަށްބަލާލިއެވެ. އަދި މޭޒުމަތީގައި އޮތް ތަޅުދަނޑި ނަގާފައި ދީފިއެވެ. ކިޝޯރު ތަޅުދަނޑި ހިފައިގެން އެނބުރިލި ތަނާ ޑަންލާފައި ރުކެއް ކަނޑާވައްޓާލިހެން އަނގަވަތަށް ވެއްޓިއްޖެއެވެ. ރޫޕާ ސިހިފައި ކުރިއަށް ޖެހިލިއެވެ. ކިޝޯރުގެ އެއްބުރި އޮތީ ދޮރުން ބޭރުގައެވެ. އަނެއްބުރި އެތެރޭގައެވެ. މިހާރު އޭނާއޮތީ ބާރަށް ގުގުރި ދަމާލަ ދަމާލައެވެ. ރޫޕާ އަވަހަށް ތަޅުދަނޑި ނަގާފައި މޭޒުމަތީގައި ބާއްވާލިއެވެ. އަދި ކިޝޯރުގެ އަތުގައި ހިފުމާއެކު ގައިގެހުރި ބާރުލާފައި އެތެރެއަށް ދަމަން ފަށައިފިއެވެ. ކިޝޯރު އެތެރެއަށް ވެއްދުނުއިރު އޭނާއަށް މާނޭވާ ލެވެއެވެ. ދެއަތުގެ ވާގި ހުސްވެއްޖެއެވެ.

ރޫޕާ ދޮރުލައްޕާލިއެވެ. އެއާއެކު ނޭވާ ހަމަޖައްސާލަން އިރުކޮޅަކު ދޮރުގައި ލެނގިލައިގެން ހުއްޓެވެ. ދެން އޭނާ ޖެހިލުންވެހުރެ ކިޝޯރުގެ ބޫޓު ބޭލިއެވެ. އިސްޓާކީނު ބޭލިއެވެ. ޓައީ މޮހާލިއެވެ. އަދި ގޮތްގޮތަށް ފުރޮޅައިގެން ކޯޓްވެސް ބާލުވައިފިއެވެ.

ކިޝޯރު އުޑުތިލަމަތިން އޮތްތަން ފެނުމާއެކު ރޫޕާ ފަރުވާތެރި ކަމާއެކު ބަލާލިއެވެ...... މައުޞޫމް ކުއްޖެއްގެ މޫނެވެ. އެއްވެސް ކަލަ ބޭނުންތެރިކަމެއްގެ ނިޝާނެއްވެސް ނެތެވެ.

ކުއްލިއަކަށް އޭނާގެ ހިތުގެ ވިންދު އަވަސްވާން ފަށައިފިއެވެ. ހަށިގަނޑުގައި ހޫނުކަމެއް އުފެދިގަތް ކަހަލައެވެ.

ވަރަށް އުނދަގުލުން އޭނާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އަދި މުންނީ ނިދަންއޮތް އޭނދާ ދިމާއަށް ދިއުމުގެ ނިޔަތުގައި ކިޝޯރުގެ ގައިމަތިން ގިރާކޮށްލާފައި ހިނގައިގަތެވެ. އެހެން ނަމަވެސް އޭނާގެ މިޑީ ފައިގާ ތާށިވީ ކީއްވެގެން ކަމެއް ނޭނގުނެވެ. އޭނާ ބަންޑުން ކިޝޯރުގެ ގައިމައްޗަށް ވެއްޓިއްޖެއެވެ. އޭނާގެ ތުންފަތާ ކިޝޯރުގެ ތުންފަތާ ދެމެދުގައި ހުރީ ހަމައެންމެ ދެތިން އިންޗިއެވެ.

ކުއްލިއަކަށް ރޫޕާގެ ހަށިގަނޑުގައި އޮލަ އަލިފާންގަނޑެއް ދުވަން ފެށި ކަހަލެއެވެ. ނޭވާ އަނގުރު އަލިފާނުން ދޮންވެއްޖެއެވެ. ސިކުނޑީގައި ހޫނުވައި ކޮޅުކޮޅު މައްޗަށް ދަތުރުކުރަން ފަށައިފިއެވެ. ކިޝޯރުގެ ނޭވާގެ ހޫނުކަމުން އޭނާގެ ވުޖޫދު ވިރެމުން ދަނީ ކަމުގައި އިޙްސާސް ކުރެވުނެވެ. ދެން އޭނާގެ މުނޫ މައްޗަށް ފުސްބުރަން ފެށި ކަހަލައެވެ. އެ ފުސްކަމުގެ ތެރޭން ކިޝޯރުގެ މޫނު ނޫން އެހެން އެއްޗެއް އޭނާއަކަށް ނުފެނެއެވެ.

މަޑުމަޑުން އޭނާއަށް ހީވާންފެށީ ކިޝޯރުގެ ތުން ފަތުގައި ދަގަތްފާނުގެ ބާރެއް އެކުލެވިފައިވާ ހެންނެވެ. އެއާއެކު ....... ދެން ރޫޕާގެ މުޅި ވުޖޫދު ހަމައެކަނި އެންމެ ކަމަކަށް ލެނބިއްޖެއެވެ. އޭނާގެ ކުރިމަތީގައި ކާވަނީގެ ގުޅުމެއްނެތެވެ. ތިމާގެކަމުގެ އެއްވެސް ހުރަހެއް ނެތެވެ. އުޞޫލެއް ގާނޫނެއްނެތެވެ. އޮތްހާވެސް އެއްޗަކީ ހަމައެކަނި ބޭނުންތެރި ކަމެވެ...... ފިރިހެނަކަށްޓަކައި އަންހެނެއްގެ ބޭނުންތެރިކަމެވެ. އަންހެނަކަށްޓަކައި ފިރިހެނެއްގެ ބޭނުންތެރި ކަމެވެ.

* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 97 އިން 99 އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން