الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކަންކަމުގައި ޚިޔާލު ތަފާތު ވުމަކީ އިންސާނީ ޠަބީޢަތެކެވެ. އެކި އިންސާނުންގެ ޠަބީޢަތާއި ވިސްނުން ތަފާތެވެ. އެކި މީހުންނަށް ވިސްނެނީ އެކި މިންވަރަށެވެ. ދީނީ މައްސަލަ ތަކުގައި ދަންނަ ބޭކަލުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އުފެދުމެއް މެދުވެރިވެފައިވާ ބައެއް ސަބަބުތައް ތިރީގައި މިވަނީއެވެ.

- އާޔަތުގެ ގިރާއާތު ތަފާތުވުން

އެއް އާޔަތެއްގައި މުތަވާތިރުކޮށް ތަފާތު ރިވާޔަތް ތަކެއް އައިސްފައި ހުރެދާނެއެވެ. އެހެންކަމުން އެއާޔަތުން ޙުކުމް އިސްތިންބާޠު ކުރުމުގައި ތަފާތުތައް އުފެދިގެން ދެއެވެ. މިޘާލަކަށް ސޫރަތުއް ނިސާގެ 43 ވަނަ އާޔަތް. (وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ) މި އާޔަތުގައި މިވާ (لَامَسْتُمُ ) ގެ ދެ ގިރާއަތެއްވެއެވެ. އެއީ (لَامَسْتُمُ ) އަދި (لَمَسْتُمُ ) އެވެ. މި ހިސާބުން މިއާޔަތުގެ ޙުކުމް ނެގުމުގައި ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދުނެވެ. (لَامَسْتُمُ ) މި ގިރާއަތަށް ރިޢާޔަތް ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ މިއާޔަތުގެ މާނަ އަކީ ޖިމާޢުވުން ކަމަށެވެ. ނަމަވެސް (لَمَسْتُمُ ) މި ގިރާއަތަށް ރިޢާޔަތް ކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ އާޔަތުގެ މާނައަކީ ބީހުން ކަމަށެވެ.

- އެ ބޭކަލަކާއި ހަމައަށް ޙަދީޘް ލިބިވަޑައިގެންފައި ނުވުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތް ދެނެގަތުމުގައި ހުރިހާ ޞަޙާބީންނަކީ އެއްހަމަ ބޭފުޅުންތަކެއް ނޫނެވެ. އެކި ބޭކަލުންނަށް ސުންނަތް އެނގިވަޑައިގެންފައިވަނީ އެކި މިންވަރަށެވެ. އެކަލޭގެފާނުގެ އަރިހުގައި ގިނަ ވަގުތު ހޭދަ ކުރެއްވި ބޭކަލުންނަށް ގިނަ ޢިލްމު ލިބިވަޑައިގެންފައިވެއެވެ. މީގެ ސަބަބުންވެސް ބައެއް މައްސަލަ ތަކުގައި ޚިޔާލު ތަފާތުވުން އުފެދިފައިވެއެވެ. މިޘާލަކަށް، ފިރިމަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާ ގެ މައްސަލާގައި އިބްނު ޢައްބާސް އާއި ޢަލީ ރަޟިޔަﷲ ޢަންހުމް- ވިދާޅުވެފައިވަނީ ފިރިމަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާ އަކީ އެންމެ ދިގު މުއްދަތު ކަމަށެވެ. އެއީ ސޫރަތުލް ބަގަރާގެ 234 ވަނަ އާޔަތާއި ސޫރަތުއް ޠަލާގު ގެ 4 ވަނަ އާޔަތަށް ރިޢާޔަތް ކޮށެވެ. ސޫރަތުލް ބަގަރާގެ 234 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (وَالَّذِينَ يُتَوَفَّوْنَ مِنكُمْ وَيَذَرُونَ أَزْوَاجًا يَتَرَبَّصْنَ بِأَنفُسِهِنَّ أَرْبَعَةَ أَشْهُرٍ وَعَشْرًا) މާނައަކީ: "އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުން ދޫކޮށްފައިދާ އަނބިން، އެކަނބަލުންގެ نفس ތަކާއިގެން ހަތަރުމަހާއި ދިހަދުވަހު މީހަކާ ކައިވެނި ނުކޮށް انتظار ކުރާހުށިކަމެވެ!" ސޫރަތުއް ޠަލާގް ގެ 4 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ.( وَأُولَاتُ الْأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ) މާނައަކީ: "އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ."

ސަބީޢަތުއް ސަލަމިއްޔާ އޭ ކިޔުނު ބޭކަނބަލަކު ބަލިވެ އިންނަވަނިކޮށް ފިރިކަލުން އަވަހާރަވުމުން އެކަމަނާގެ ޢިއްދާ އަކީ ވިހެއުން ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނޑައެޅުއްވި ކަން މި ބޭކަލުންނަށް އެނގި ވަޑައިގެންފައިނުވެއެވެ. އެހެންކަމުން އެބޭކަލުން ފަތުވާ ދެއްވަނީ އެންމެ ދިގު މުއްދަތަކަށް ޢިއްދާގައި ހުރުމަށެވެ.

- ޙަދީޘް ގެ ޞައްޙަ ކަމާއި މެދުގައި ޝައްކު އުފެދުން

އިމާމް ޝާފިޢީގެ އަރިހުގައި ޞައްޙަ މަގުން އެމައްސަލަ އެއްގެ ދަލީލެއް ލިބިފައިނުވެފައި އަބޫޙަނީފާއަށް ޞައްޙަ މަގުން ޙަދީޘެއް ލިބިފައިވާނަމަ އަބޫޙަނީފާ އެޙަދީޘަކުން ދަލީލު ނަންގަވާ ފަތުވާ ދެއްވާ ގޮތާއި، އިމާމް ޝާފިޢީގެ ފަތުވާ އާއި ތަފާތުވެދެއެވެ.

- ނައްޞުގެ މާނަ ވިސްނުމުގައި ތަފާތުވުން

މިޘާލަކަށް ބަނޫ ގުރައިޡާއަށް ޞަޙާބީންގެ ބަޔަކު ފޮނުއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީޙުން މިއަދު ޢަޞްރު ނަމާދު ކުރަންވާނީ ބަނޫ ގުރައިޡާ ގައެވެ." ދެން އެބޭކަލުން ދަތުރު ކުރެއްވި މަގުމަތީގައި ޢަޞްރުގެ ވަގުތު ވަދެއްޖެއެވެ. ބައެއް ޞަޙާބީން މަގުމަތީގައި ޢަޞްރު ކުރެއްވީ އެވެ. އެބޭކަލުންނަށް ވިސްނިވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ބަސްފުޅުގެ މުރާދަކީ ބަނޫ ގުރައިޡާއަށް ދިޔުން އަވަސް ކުރުމަށް ބާރުއެޅުއްވުން ކަމުގައެވެ. އަނެއްބައި ޞަޙާބީން ވިދާޅުވީ މިއަދުގެ ޢަޞްރު ނަމާދު ކުރަން ޖެހޭނީ ބަނޫ ގުރައިޡާއަށް ދެވުނު އިރަކުން ކަމުގައެވެ.

- އެއް ލަފްޡަކުން ތަފާތު މާނަ ތައް ދޭހަވުން

މިޘާލަކަށް (الفتنة) މި ލަފްޡުގެ ތަފާތު މާނަތައް ހުރެއެވެ. ބައެއްފަހަރު "ކުފްރު" ގެ މާނާގައި އާދެއެވެ. ސޫރަތުލް ބަގަރާގެ 91 ވަނަ އާޔަތުގައިވެއެވެ. (والفتنة أشد من القتل) މި އާޔަތުގައި (الفتنة) މި ލަފްޡު ބޭނުން ކުރެވިފައިވަނީ "ކުފްރު" ގެ މާނާގައެވެ. ބައެއްފަހަރު (الفتنة) "ޢަޛާބު" ގެ މާނާގައިވެސް އައިސްފައިވެއެވެ. މިޘާލަކަށް (ذوقوا فتنتكم هذا الذي كنتم به تستعجلون)، ބައެއްފަހަރަށް "އިމްތިޙާނު" ގެ މާނާގައިވެސް އައިސްފައި ހުރެއެވެ. މިޘާލަކަށް (ونبلوكم بالشر والخير فتنة).

ހަމަ އެފަދައިން (قروء) މި ލަފްޡު ޢަރަބި ބަހުގައި ދެގޮތަކަށް ބޭނުން ކުރެއެވެ. ޠުހުރަށާއި ޙައިޟަށް މި ބަސް ބޭނުން ކުރެއެވެ.

ބައެއްފަހަރު އެއް މާނައެއް ދޭހަވާ ތަފާތު ލަފްޡު ތައްވެސް ހުރެއެވެ. މިޘާލަކަށް (الطلاق) ގެ މާނައަކީ "ވަރި" އެވެ. ހަމައެފަދައިން (السراح) ގެ މާނައަކީ ވެސް "ވަރި" އެވެ. އަދި (الفراق) ގެ މާނައަކީވެސް "ވަރި" އެވެ. މި ހުރިހާ ލަފްޡު ތަކުން ކީރިތި ގުރްއާނުގައި އައިސްފައިވެއެވެ.

- އެއް ނައްޞު އަނެއް ނައްޞައް ތަޢާރުޟުވުން

މިޘާލަކަށް: އިޙްރާމް ބަނދެގެން ހުންނަ މީހާއަށް ކައިވެނި ކުރެވިދާނެތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުތަކެއް އެބަހުއްޓެވެ. އިމާމް ޝާފިޢީ، މާލިކް އަދި އަޙްމަދު -ރަޙިމަހުމުﷲ- ގެ އަރިހުގައި އިޙްރާމް ބަނދެގެން ހުންނަ މީހާއަށް ކައިވެންޏެއް ނުކުރެވޭނެއެވެ. ދަލީލަކީ ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ފުޅެވެ. (لاَ يَنْكِحُ المحرِمُ ولا يُنْكَحُ ولا يَخْطُب) މާނައަކީ: "އިޙްރާމް ބަނދެގެން ހުންނަމީހާ ކައިވެނި ނުކުރާ ހުށިކަމެވެ. އަދި ކައިވެނިކޮށްވެސް ނުދޭހުށިކަމެވެ. އަދި ކައިވެންޏަށް ނުވެސް އެދޭ ހުށި ކަމެވެ."

އިމާމް އަބޫ ޙަނީފާ -ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި އިޙްރާމް ބަނދެގެން ހުންނަ މީހާއަށް ކައިވެނި ކުރެވޭނެއެވެ. ދަލީލަކީ: "އިބްނު ޢައްބާސް -ރަޟިޔަﷲ ޢަންހު- ގެ ރިވާޔަތެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައިމޫނަތުގެފާނާއި ކައިވެނި ބައްލަވައިގަތީ އިޙްރާމް ބަނދެގެން ހުންނަވައިގެން ކަމަށްވާތީވެއެވެ."

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އިޙްރާމް ބަނދެގެން ހުރި މީހާއަށް ކައިވެންޏެއް ނުކުރެވޭނެއެވެ. ސަބަބަކީ ޚުދު މައިމޫނާ -ރަޟިޔަﷲ ޢަންހާ- ވިދާޅުވެފައިވާ ގޮތުގައި "ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަނާ އާއި ކައިވެނި ބައްލަވައިގަތީ އިޙްރާމްބަނދެ ހުންނަވައިގެންނެއް ނޫނެވެ." ނަމަވެސް އަބޫޙަނީފާ -ރަޙިމަހުﷲ- ވިދާޅުވަނީ މިއުއްމަތުގެ އެންމެ ބޮޑު ފިގްހުވެރިޔާ އިބްނު ޢައްބާސް އެހެން ވިދާޅުވެފައިވާތީ އެބަސްފުޅު ގަބޫލު ކުރެވޭނެ ކަމަށެވެ. ޖުމްހޫރުން ވިދާޅުވަނީ ޙާދިޘާގެ އެއްބައިވެރިޔާ ކަމުގައިވާ މައިމޫނާ -ރަޟިޔަﷲ ޢަންހާ- ގެ ބަސްފުޅަށް އިސްކަން ދެވޭނެކަމަށެވެ.

- އެކަމާއި މެދުގައި ވަކި ޚާއްޞަ ދަލީލެއް އައިސްފައި ނުވުން. މިޘާލަކަށް: މަދަނަ ޕްރޮގްރާމް އަދި މިނޫންވެސް އަލަށް އުފެދިގެން އުޅޭ މައްސަލަތައް

އިސްވެ ބަޔާން ކުރެވުނީ ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވާން މެދުވެރިވި މައިގަނޑު މައްސަލައެވެ. ދެން އޮތީ ކޮންމެ އިޚްތިލާފީ މައްސަލަ އަކީ ދެގޮތް ހުއްދަ ކަމެއް ކަމުގައި ބައެއް މީހުން ބުނަމުންދާ ވާހަކަތަކެވެ. މީގެ ޖަވާބުގައި ބުނަމެވެ.



ބައެއްމީހުން ބުނަމުން ގެންދާ ގާޢިދާއެއް ކަމުގައިވާ "އިޚްތިލާފީ މައްސަލަތަކުގައި އިންކާރުކުރުމެއްނެތެވެ." މިގާޢިދާއަކީ ރަގަޅު ގާޢިދާއެއް ނޫނެވެ. ރަގަޅުގޮތަކީ "އިޖްތިހާދީ މައްސަލަތަކުގައި އިންކާރު ކުރުމެއްނުވެއެވެ." މިހެންނެވެ.

ޢިލްމުވެރިން އިޚްތިލާފްވެފައިވާ މައްސަލަތައް ދެބަޔަކަށް ބެހިގެންވެއެވެ. ފުރަތަމަ ބަޔަކީ: ގުރްއާނާއި ސުންނަތުގެ ޞަރީޙަ ދަލީލުތަކުން ޙުކުމް ބަޔާން ކުރައްވާފައިވާ މައްސަލަތަކެވެ. އަދި އެޔާއިމެދު އިތުރަށް ދެބަސްވެވެންނެތް، ޢިލްމުވެރިންގެ އިޖްމާޢު އައިސްފައިވާ މައްސަލަތަކެވެ. އެހެންނަމަވެސް ފަހުންއައި ބަޔަކު އެކަންކަމުގައި ޝައްކުއުފައްދާ ދަންނަބޭކަލުންގެ އިޖްމާޢު އާއި ޚިލާފުވުމެވެ. މިފަދަ މައްސަލަތަކުގައި ދަލީލުތަކާއި ދެކޮޅުހެދި މީހުންގެ މައްޗަށް އިންކާރު ކުރެވޭނެއެވެ. މިޘާލަކަށް: ﷲ ތަޢާލާ އަމިއްލަ ޛާތުފުޅަށް ޘާބިތުކުރައްވާ، ކީރިތިރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާން ކޮށްދެއްވާފައިވާ ޞިފަފުޅުތައް "ތައުވީލް" ކުރުމުގެ މާނައިގައި ބަދަލުކުރުން. "ތައުވީލު" ގެ މާނައަކީ ކަލިމައިން ދޭހަވާ މާނަ ނޫން އެހެން މާނައެއް ނެގުމެވެ.

- ގިޔާމަތްދުވަހުން ހިނގާނެ ކަމަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ އަންގަވާފައިވާ ކަންކަމާމެދު އިންކާރުކުރުން. މިޘާލަކަށް ޞިރާޠު މަގުގެ ވާހަކަ ނުވަތަ އަޅުތަކުންގެ ޙިސާބުބައްލަވާ ތިލަފަތުގެވާހަކަ ނުވަތަ މިނޫންވެސް ކަންތައްތައް.



- ބެންކްގައި ފައިސާބަހައްޓައިގެން އިންޓްރެސްޓަށް ލިބޭ ފައިސާއަކީ ރިބާކަން އެނގޭ ޙާލުގައިވެސް އެހުއްދަކުރާކުރުން.

- ތިންފަށްވެފައިވާ އަންހެނަކު ފަށްކެނޑުމަށްޓަކައި ކައިވެނިކުރުން އެއީ ހުއްދަކަމެއް ކަމުގައިބުނާބުނުން. ފަށްކަނޑާމީހާ އަށާއި ފަށްކަނޑުވައިދެވޭ މީހާއަށް ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިކަމަށް ޞައްޙަ ޙަދީޘް ތަކުން އެނގެން އެބަހުއްޓެވެ.

- މިޔުޒިކް އަޑުއެހުމަކީ ހުއްދަކަމެއްކަމުގައި ބުނާބުނުން. މިޔުޒިކަކީ ޙަރާމް އެއްޗެއްކަން ގުރްއާނާއި ޙަދީޘް އިން އަދި ސަލަފުންގެ ބަސްފުޅުތަކުން ވެސް އެނގެން އެބައޮތެވެ. މިޔުޒިކަކީ ޙަރާމް އެއްޗެއް ކަމަށް ހަތަރު އިމާމުންވެސް އިއްތިފާގްވެ ވަޑައިގަންނަވައެވެ.

- ހުކުރުދުވަހު ޚަޠީބުމީހާ ޚުޠުބާކިޔަން ހުއްޓާ މިސްކިތަށް ވަދެއްޖެ މީހާ ތަޙިއްޔަތުލް މަސްޖިދު ނުކޮށް ޚުޠުބާ އަޑުއެހުމަށް އިށީންނަން ބުނާބުނުން.

- އިސްތިސްގާ ނަމާދަކީ ސުންނަތެއްނޫން ކަމަށް ބުނާބުނުން. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އެކަލޭގެފާނުގެ އަޞްޙާބުންނާއި އެކު ޖަމާޢަތުގައި އިސްތިސްގާ ނަމާދު ކުރެއްވިކަން ޞަޙީޙުލް ބުޚާރީ އާއި ޞަޙީޙް މުސްލިމް ގައި އައިސްފައިވެއެވެ.

- ރަމަޟާންމަހަށް ފަހު ޝައްވާލުމަހު ގެ ހަދުވަހު ރޯދަ ހިފުމަކީ ސުންނަތެއް ނޫން ކަމަށް ބުނުން.

މިމައްސަލަތަކާއި އަދި މިނޫންވެސް ޞަރީޙަ ނައްޞު ތަކުން ޘާބިތުވާންހުރި މައްސަލަ ތަކުގައި ދަންނަބޭކަލުންގެ ރައުޔާއި ޚިލާފްވާ މީހުންގެ މައްޗަށް އިންކާރު ކުރެވޭނެއެވެ. މުޖްތަހިދެއް ނަމަވެސް ޞައްޙަ ނައްޞުން ޘާބިތުވާން ހުރި މައްސަލަ އަކާއި މެދު އިޚްތިލާފް އުފައްދައިފިނަމަ އެމީހެއްގެ މައްޗަށް ޞަޙާބީން އިންކާރު ކުރައްވައެވެ.

ދެވަނަބަޔަކީ: ކަމެއްގެ ޙުކުމްބަޔާން ކުރުމުގައި ޞަރީޙަ ނައްޞެއް ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އައިސްފައިނުވާ މައްސަލަތަކެވެ. އަދި އެފަދަ މައްސަލަތައް ގިޔާސް ކުރެވޭނެފަދަ އެހެންމައްސަލައެއް ފެންނަންނެތް މައްސަލަތަކެވެ. ނޫންނަމަ ސުންނަތުގައި އެކަމަކާއި ބެހޭގޮތުން ޙަދީޘް އެއް އައިސްފައިވާ އެހެންނަމަވެސް އެޙަދީޘް އެއްގެ ޞައްޙަކަމާއިމެދު ސުވާލު އުފެދިފައިވުން، ނުވަތަ އެޙަދީޘް އިން ދެމާނައެއް ދޭހަވުމުގެ ސަބަބުން މައްސަލައިގައި ސީދާ ގޮތެއް ކަނޑަ އެޅޭނެގޮތް ނުވުން؛ ނުވަތަ ދެކޮޅަށްވެސް ދަލީލު ލިބޭގޮތަށް ޙަދީޘް އައިސްފައިވުން؛ މިފަދަ މައްސަލަތަކުގެ ޙުކުމްދެނެގަތުމަށް އިޖްތިހާދުކޮށް އިތުރަށް ފިކުރުކުރަންޖެހެއެވެ.

މިޘާލަކަށް: - ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަށް މިދުނިޔެމަތީގައި ﷲ ތަޢާލާ ފެނިފައިވޭތޯ ނުވަތަ ނޫންތޯ.

- މަރުވެފައިތިބޭ މީހުންނަށް ދިރިތިބިމީހުން ދައްކާވާހަކަ އަޑުއިވޭނެތޯ ނުވަތަ ނޫންތޯ.

- ކުރިމަތީފަރާތުގައި ބީހުމުން ނުވަތަ އަންހެނެއްގައިގައި ބީހުމުން ނުވަތަ ޖަމަލުމަސް ކެއުމުން ވުޟޫގެއްލޭނެތޯ ނުވަތަ ނޫންތޯ.

- ވިތުރީގައި ގުނޫތުކިޔާނީ ރުކޫޢުގެ ކުރިންތޯ ނުވަތަ ފަހުންތޯ.

މިމައްސަލަތަކާއި އަދި މިނޫންވެސް ޞަރީޙަ ނައްޞަކުން ޘާބިތުވާންނެތް މައްސަލަތަކުގައި އިދިކޮޅު ރައުޔާއި މެދުގައި އިންކާރުކުރުމެއް ނެތެވެ.

މިފަދަ މައްސަލަތަކުގައި އިންކާރުކުރުމެއް ނުވެޔޭބުނުމުގެ މާނައަކީ ޢިލްމުވެރިންގެ މެދުގައި މިފަދަ މައްސަލަތަކާއި މެދުގައި ބަޙުޘްކޮށް ރާޖިޙްގޮތް ހޯދަން މަސައްކަތް ނުކުރާ ވާހަކައެއް ނޫނެވެ. ކުރީގެ ޢިލްމުވެރިންވެސް އަދި ފަހުގެ ޢިލްމުވެރިންވެސް މިފަދަ މައްސަލަތަކުގައި ބަޙުޘް ކުރައްވާ ހައްދަވައެވެ. އަދި ދަލީލުތަކުން ބޮޑަށް ބާރުލިބޭކޮޅަކަށް ތަބާވެވަޑައިގަންނަވައެވެ. ޙައްގު އޮތީ އިދިކޮޅު ރައުޔުގައި ކަމަށްވަނީ ނަމަ އަމިއްލަ ރައުޔުދޫކޮށްލައްވައެވެ.

ޝެއިޚުލްއިސްލާމް އިބްނުތައިމިއްޔާ ވިދާޅުވިއެވެ. "މިފަދަ އިޖްތިހާދީ މައްސަލަތައް އަތުން އިންކާރު ކުރުމެއްނުވެއެވެ. އެއްވެސް މީހަކަށް އެމީހެއްގެ ރައުޔަށް ތަބާވުމަށް އެހެންމީހަކަށް މަޖްބޫރެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޙުއްޖަތްތައް ޢިލްމީ ދަލީލުތަކުގެ އަލީގައި ބަޔާން ކުރަންވީއެވެ. ދެގައުލުންކުރެ އެމީހަކަށް ބޮޑަށް ގަބޫލުކުރެވޭ ގައުލަކަށް ތަބާވާންވީއެވެ."

އަލްއިމާމު އިބްނުލްގައްޔިމް ވިދާޅުވިއެވެ. "އިޚްތިލާފީ މައްސަލަތަކުގައި އިންކާރުކުރުމެއް ނުވެޔޭ ބުނާބުނުމަކީ ރަގަޅު ވާހަކައެއް ނޫނެވެ. ޢިލްމުވެރިއެއްގެ ބަސް ގުރްއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާޢާއި ޚިލާފަށް އަތުވެއްޖެނަމަ، އެބަހަކާއިމެދު އިންކާރުކުރެވޭނެއެވެ. ހަމައެފަދައިން ގުރްއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާޢާއި ޚިލާފަށް ޢަމަލު ކުރާކަމަށްވަނީ ނަމަ އަތުންނާއި ދުލުން ވެސް މަނާ ކުރަން ޖެހޭނެއެވެ. އެހެންނަމަވެސް މައްސަލާގައި ޞަރީޙަ ނައްޞަކުން ދަލީލެއް ލިބެންނެތް ކަމަށްވަނީނަމަ އެކަމެއްގައި އިޚްތިލާފު އުފެދި އެކަކު އަނެކަކުގެ ރައުޔަށް އިންކާރުކުރުމެއް ނުވެއެވެ. މިޝައްކު މިގޮތަށް އުފެދެން މެދުވެރިވި ސަބަބަކީ މީސްތަކުންނަށް ހީވެފައި އޮންނަ ހިޔެއްގެ ސަބަބުންނެވެ. އެގޮތަކީ މީސްތަކުންނަށް ހީވެފައިއޮންނަނީ ކޮންމެ އިޖްތިހާދީ މައްސަލައަކީ އިޚްތިލާފީ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް ރަގަޅުގޮތަކީ އިޖްތިހާދީ މައްސަލަތަކުގެ ތެރެއިން އެކަމަކަށް ތަޢާރުޟުވާނެ ދަލީލެއް ފެންނަންނެތް ކަމަށްވަނީނަމަ އެގޮތަކަށް ޢަމަލު ކުރުން ލާޒުމެވެގެންވެއެވެ. އަދި ދަލީލުތައް ތަޢާރުޟުވާކަމަށްވަނީނަމަ، ދެކޮޅަށްވެސް ވާހަކަދެއްކިދާނެއެވެ. އަދި އިދިކޮޅު ރައުޔާއި މެދުގައި އިންކާރު ކުރުމެއްވެސް ނުވެއެވެ."

އަދިވެސް އިބްނުލްގައްޔިމް ވިދާޅުވިއެވެ. "އިޚްތިލާފީ މައްސަލަތަކުގައި އިންކާރުކުރުމެއް ނުވެޔޭ ފިގްހުވެރިޔަކު ބުނާނީ ކިހިނަކުންހެއްޔެވެ؟ ގުރްއާނާއި ސުންނަތާއި އިދިކޮޅަށް ޙާކިމަކު ކަމެއްނިންމައި، އެނިންމުމާއިމެދު ބައެއް ޢިލްމުވެރިން އެއްބަސްވެވަޑައިގެން ކަމުގައިވީނަމަވެސް، އެޙުކުމަކީ ބާޠިލް އެއްޗެއްކަމަށް ހުރިހާ މަޛްހަބެއްގެ ޢިލްމުވެރިން ޞަރީޙަ ޢިބާރާތުންވިދާޅުވެއެވެ. އެހެންނަމަވެސް މައްސަލާގައި ޞަރީޙަ ނައްޞެއް ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން ލިބެންނެތް ކަމަށްވަނީނަމަ، ކޮންމެ ރައުޔަކަށް ތަބާވީނަމަވެސް އެމީހަކާއި މެދު އިންކާރުކުރުމެއްނެތެވެ."

ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، ވަކިގޮތެއް ކަނޑައެޅިގެން ރަގަޅުކަން ދޭހަވާން އޮތް މައްސަލަތައް ވަރަށްވެސް ގިނައެވެ. މިޘާލަކަށް ބަލިވެއިންނަ އަންހެންމީހާގެ ޢިއްދާއަކީ ވިހެއުންކަން، ފަށްކެނޑުމުގައި ދެވަނަ ފިރިމީހާ އަންހެންމީހާ އާއި އެކު ޖިމާޢުވާން ޖެހޭނެކަން، ޛަކަރުންފާޅުވާ ހިސާބު ފަރުޖުގެ ތެރެއަށް ވައްދައިފިނަމަ މަނިބޭރުނުވި ނަމަވެސް ފެންވަރަން ޖެހޭނެކަން، މުތުޢާ ކައިވެނި ޙަރާމްކަން، މުސްލިމަކު ކާފަރަކު މަރައިގެން ގިޞާޞް ނުހިފޭނެކަން، ރުކޫޢިންތެދުވަމުން އަތް އުފުލުމަކީ ސުންނަތެއްކަން، މައްޔިތާއަށް ނުހިފިހުރި ރޯދަ ވަލީވެރިޔާ ހިފުމުން ފުދޭނެކަން، ކޭތަނަމާދުގެ ކޮންމެ ރަކްޢަތެއްގައި ދެރުކޫޢުވާކަން، އަދި މިނޫންވެސް މިފަދަ އެތައް މައްސަލަތަކެކެވެ. އެހެންކަމުން މިފަދަ މައްސަލަތަކުގައި މިދެންނެވިގޮތްތަކާއި ޚިލާފަށް ބުނާބުނުމަކީ ސުންނަތާއި ދުރުގޮތް ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެބުނުންތަކަކީ ބާޠިލް ބުނުންތަކެއް ކަމަށްވެސް ޢިލްމުވެރިން ވިދާޅުވިއެވެ.



މައްސަލާގައި އައިސްފައިވާ ދަލީލުތައް އެމީހަކާއި ހަމައަށް ލިބި، އެޔާއި ދެކޮޅުހެދި މީހަކަށް ގިޔާމަތް ދުވަހުން ޢުޛުރެއް ނެތެވެ.

އަލްއިމާމު އިބްނުގުދާމާ އަލްމަގްދިސީ ވިދާޅުވިއެވެ. "އެއްވެސް މީހަކު އެހެން މަޛްހަބަކަށް ޢަމަލުކުރުމުގެ ސަބަބުން އިންކާރު ކުރުމެއް ނެތެވެ. އެހެނީ އިޖްތިހާދީ މައްސަލަތަކުގައި އިންކާރު ކުރުމެއް ނުވެއެވެ."



އަލްއިމާމް ނަވަވީ މުސްލިމްގެ ޝަރަޙާގައި ލިޔުއްވާފައިވެއެވެ. "އެއްވެސް މީހަކު ގުރްއާނާއި ސުންނަތާއި، އަދި ގިޔާސާއި ޚިލާފު ނުވާހާ ހިނދަކު، މުފްތީ އަކަށްވެސް އަދި ގާޟީ އަކަށް ވެސް އެމީހަކާއި ދެކޮޅުހެދުމުގެ އިޚްތިޔާރެއްނެތެވެ."

އައްޝެއިޚް މުޙައްމަދު ބިން ޢަބްދުލްވައްހާބް ވިދާޅުވިއެވެ. "އިޚްތިލާފީ މައްސަލަތަކުގައި އިންކާރު ކުރުމެއްނެތޭ ބުނާބުނުމަކީ ދަންނަބޭކަލުންގެ އިޖްމާޢިން ބާޠިލް ވާހަކައެކެވެ. އެހެނީ ދަލީލުތަކާއި ޚިލާފަށް ބަސްބުނާ ކޮންމެ މީހަކަށް ވަކި މީހެއްގެ މޫނަށް ބެލުމެއްނެތި ޞަޙާބީން އިންކާރު ކުރައްވައެވެ. އެއީ އެބޭކަލުންގެ ތެރޭގައިހުރި އެންމެ ދަންނަކަންބޮޑު އެންމެ ތަގްވާވެރި މީހަކަށްވީނަމަވެސްއެވެ. މާތް ﷲ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ފޮނުއްވީ ޙައްގުދީނާއި ހިދާޔަތާއި އެކުގައެވެ. އަދި އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމަށް އަޅުގަޑުމެންނަށް އެންގެވިއެވެ. އަދި އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ފުށުއަރާ ކަންތައްތަކުން ދުރުހެލިވެ، ރައްކައުތެރިވެ ތިބުމަށްވެސް ވަނީ އަންގަވާފައެވެ. އެކަންފުރިހަމަ ކުރެވޭނީ ސުންނަތާއި ޚިލާފަށް ގޮވާލާ އަދި ޢަމަލު ކުރާ ޢިލްމުވެރިންގެ ބަސް އިންކާރުކޮށް، އޭނާއަށް އެކަން ބަޔާންކޮށްދެވިގެންނެވެ. ރަގަޅު ގޮތަކީ ކޮބައިކަން ކަނޑައަޅަން ނޭގިފައިވާ މައްސަލަތަކުގައި އިންކާރު ކުރުމެއްނެތޭ ބުނުމަކުން މައްސަލައެއް ނެތެވެ. އަދި އެއީ ރަގަޅު ވާހަކައެއް ކަމަށްވެސް ގަބޫލުކުރެވެއެވެ. މުޖްތަމަޢުގެ އާދަކާދައާއި އެމީހަކު ތަބާވާ މަޛްހަބަކާއި ޚިލާފަށް މީހަކު ކަމެއް ކުރުމަކުން އެމީހަކާއި އިންކާރުކުރުން ހުއްދަވެގެންނެއް ނުވެއެވެ. ޢިލްމުލިބިގެންމެނުވީ އެއްވެސްމީހަކަށް ކަމަކަށް އަމުރުކޮށްގެން ނުވާނެފަދައިން، ޢިލްމުލިބިގެން މެނުވީ އެއްވެސްމީހަކު ކުރާ ކަމެއް މަނާކޮށްގެންވެސް ނުވާނެ އެވެ. މާތް ﷲ އަލް އިސްރާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވެއެވެ. "އަދި ތިބާއަށް އެކަމަކާއި މެދު އެނގުމެއް ނުވާކަމަކަށް ތަބާނުވާށެވެ." މިހިސާބަށް މުހައްމަދު ބިން ޢަބްދުލްވައްހާބުގެ ބަސްކޮޅު ނިމުނީއެވެ.

އަލްއިމާމް އައްޝައުކާނީ ވިދާޅުވިއެވެ. "ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގެ ބާބު ބަންދުކޮށްލުމަށް މީސްތަކުން ދައްކާ އެންމެ ބޮޑު ބަހަނާއަކީ އިޚްތިލާފީ މައްސަލަތަކުގައި އިންކާރު ކުރުމެއްނުވެޔޭ ބުނާބުނުމެވެ. މިއުއްމަތުގެ ދަންނަބޭކަލަކު ގުރްއާނާއި ސުންނަތާއި ޚިލާފަށް ވާހަކަ އެއް ދައްކައިފި ކަމަށްވަނީ ނަމަ އެކަމަކާ އިންކާރު ކުރަންވާނެއެވެ. އެފަދަ މީހަކު ޙައްގު މަގަށް ސީދާވެއްޖައުމަށް ދާންދެން އެކަމަކާއިމެދު އިންކާރު ކުރުންމަތީ ދެމިހުންނަންވާނެއެވެ.

އިޚްތިލާފީ މައްސަލަތަކުގައި އިންކާރު ކުރުމެއްނުވެޔޭ ބުނާ ބުނުންތަކަށް ރައްދުދެއްވައި އައްޝައިޚް އިބްނު ޢުޘައިމީނު ވިދާޅުވިއެވެ. "އިޚްތިލާފީ މައްސަލަތަކުގައި އެއްގޮތަކަށްވެސް އިންކާރުކުރުމެއްނެތޭ ބުނެފިނަމަ މިދީނުގެ ހުރިހާ ކަމެއްވެސް ދެގޮތް ހުއްދަވެދާނެއެވެ. އެހެނީ މަދުމައްސަލައެއް މެނުވީ ކޮންމެ މައްސަލަ އަކީ ވެސް އިޚްތިލާފީ މައްސަލައެކެވެ."



އަދިވެސް އިބްނު ޢުޘައިމީން ވިދާޅުވިއެވެ. "އިޚްތިލާފީ މައްސަލަތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ޚިލާފު އުފެދުމުގެ ޖާގައޮތް އިޖްތިހާދީ މައްސަލަތަކާއި، ޚިލާފް އުފެދުމުގެ ޖާގަނެތް މައްސަލަތަކެވެ. ޚިލާފު އުފެދުމުގެ ޖާގައޮތް އިޖްތިހާދީ މައްސަލަތަކުގައި އިދިކޮޅު ރައުޔާއި ޚިލާފްވެ، އެމުޖްތަހިދެއްގެ މައްޗަށް އިންކާރު ކުރުމެއްނެތެވެ. އެހެނީ، އިދިކޮޅު ރައުޔުވެސް ބިނާވެގެންވަނީ ގަބޫލުކުރެވޭފަދަ ދަލީލު ތަކެއްގެ މައްޗަށް ކަމަށްވާތީއެވެ. އެހެންނަމަވެސް ޢާއްމުންގެ މީހުން އެމީހުންގެ ގައުމުގެ ޢިލްމުވެރިންގެ ނިންމުން ތަގްލީދް ކުރާނީއެވެ. މީސްތަކުން ބައިބައިވެގެންދިޔަ ނުދިނުމަށްޓަކައެވެ. އެހެންކަމުން އައްޝައިޚް ޢަބްދުއްރަޙްމާން ސަޢުދީ ވިދާޅުވަނީ "ޢާއްމުންގެ މަޛްހަބަކީ އެމީހުންގެ ގައުމުގެ ޢިލްމުވެރިންގެ މަޛްހަބެވެ."



ޚިލާފު އުފެދުމުގައި ޖާގަނެތް މައްސަލަތަކުގައި އިދިކޮޅުހަދާ މީހުންނަށް އިންކާރު ކުރެވޭނެއެވެ. ސަބަބަކީ އޭނާ އަށް ޢުޛުރެއް ނެތުމެވެ.

އިސްވެބަޔާންކުރެވުނު ވާހަކަތަކުން ދޭހަވެގެންދަނީ ބައެއް މީހުން ބުނާފަދައިން "އިޚްތިލާފީ މައްސަލަތަކުގައި އިންކާރުކުރުމެއްނުވެއެވެ، އަދި ދެގޮތްވެސް ހުއްދައެވެ" ބުނާ ބުނުންތަކަކި ޙަގީގަތާއި ޚިލާފު ވާހަކަތަކެއްކަމެވެ. އެހެންކަމުން އެފަދަ ގޮވެލިތައް ހުއްޓާލައި، ﷲ އާއި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް އަދި ސަލަފުންގެ ބަސްތަކަށް ރުޖޫޢަވުމަށް ގޮވާލަމެވެ. ޙައްގަކީ ކިތަންމެ ހިތި އެއެޗެއްނަމަވެސް ޙައްގުބަސްނޫނީ ދުލުން ބޭރު ނުކުރުމަށް ޢަޒުމްކަނޑަ އަޅުއްވާށެވެ. އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކޭ ވިދާޅުވެ، މީސްތަކުންނަށް އޮޅުންއަރާގޮތަށް ފަތުވާދެއްވުން ހުއްޓަވާލެއްމަށް އެންމެހައި ފަރާތް ތަކަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ.



އިތުރަށް ދިރާސާ ކުރައްވަން ބޭނުންފުޅުނަމަ ދުކްތޫރު ފަޟްލު އިލާހީ ޡަހީރު ގެ "ހުކްމުލް އިންކާރި ފީ މަސާއިލިލް ޚިލާފި،" މިފޮތް ދިރާސާ ކުރައްވާށެވެ. والله أعلم



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން